ހިޔާ މަޝްރޫއު

ފްލެޓްތަކުގެ އަގު 6،000 ވުރެ ކުޑަކޮށްދޭން އެދިއްޖެ

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ ކުލީގެ އަގު 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ރައީސް ސޯލިހާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގެ ތަފްސީލު ހާމަކުރުމަށް މިރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށް ދެއްވުމަށް ރައީސް ސޯލިހަށް ދެންނެވި ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ހިޔާ ފްލެޓްތަކަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހެ އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކަށް އާންމުންނަށް ވެދެވޭނީ އިތުރު ހަރަދުތަކެއް ކޮށްގެން ކަމަށާ އެހެން ކަމުން ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ފަސޭހަ ނުވާނެ ކަމަށެވެ. ހިޔާ ފްލެޓްތަކަށް ވަންނަން ދެ ލައްކައެއްހާ ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް މުއިއްޒު ލަފާ ކުރެއްވި އެވެ. އެ ފައިސާވެސް އާންމު ރައްޔިތަކަށް ހޯދޭނެ ގޮތެއް ނެތްއިރު ފެލްޓް ނިންމަން ކުރަންޖެހޭ ހަަރަދު ކުލިން އުނިކުރުން ފަދަ ލުޔެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު މިރޭވެސް ވިދާޅުވީ 5،500 ރުފިޔާއަށް ކުލި ކުޑަކުރި ނަމަވެސް އެޗްޑީސީއަށް ގެއްލުން ނުވާނެ ކަމަށެވެ. މުއިއްޒު ވަނީ ފްލެޓްތަކުގެ އަގު 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދެއްވުމަށް ގޮވާލައްވާފަ އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓް އެއް ފަހަރާ ދައްކަން އުދަގޫވާ މީހުންނަށް ވެސް ފްލެޓް ތަކަށް ވަދެވޭނެ ކަމަށާއި ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ ކަމަށެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"ޑައުންޕޭމަންޓް ދައްކައިފިނަމަ 7500 އަށް ވުރެ ކުލި ކުޑަވާނެ. ފްލެޓްގެ ކުލީގެ މިންވަރު ކަނޑައެޅޭނީ ޑައުންޕޭމެންޓު ދައްކާ މިންވަރަކުން،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކަށް މަހު ފީގެ ގޮތުގައި ދައްކަންޖެހޭ އެންމެ ބޮޑު އަދަދުގެ ގޮތުގައި 75000 ރުފިޔާ ސަރުކާރުން ކަނޑައަޅާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ އަގަކީ ހިޔާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނަގާފައިވާ ލޯނާއި އިންޓަރެސްޓްގެ ޖުމްލަ އަދަދާ ބަލާއިރު ކުޑަ އަދަދެއް ކަމުގައި ވިދާޅުވި އެވެ. ކުޑަ އަދަދެއް ކަނޑައެޅުނީ ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ ކުލިތައް ސަބްސިޑައިޒް ކުރުމުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއަށް ކުރީގެ ސަރުކާރުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ފްލެޓެއްގެ އަސްލު އަގު 11،000 ރުފިޔާ އަށް ވުރެ ކުޑަ ނޫން ކަމަށެވެ.