ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑާ ގުޅޭ ހިޔާނާތްތައް

ކޮވިޑް ވެކްސިން ނުޖެހުމަކީ އޮތް ފުރުސަތެއް ނޫން: ނަޝީދު

ކޮރޯނާ ވައިރަސް އިން ދިފާއުވާން މިހާރު ދޭން ފަށައިފައިވާ ކޮވިޑް ވެކްސިން ނުޖެހުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ މިހާތަނަަށް މަޖިލީހުގެ 30 މެމްބަރަކަށް ވެކްސިން ދީފައިވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ކަންބޮޑުވުމަކީ ވެކްސިން ޖަހަން ބޭނުންފުޅުވާ މެމްބަރުންނަށް "ކޮންސެންޓް" ފޯމެއް ދީފައި އޮތުމެވެ. ކޮންސެންޓް ފޯމް ދެނީ ވެކްސިން ޖެހުމަށް މީހެއްގެ އެއްވެސް އިއުތިރާޒެއް ނެތް ކަން ކަށަވަރުކުރުމުގެ ގޮތުން ނެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ އެކަން އޮންނާންވީ ގޮތެއް ނޫން ކަމަށެވެ.

"ހަގީގަތުގައި ވެކްސިން ޖެހުމަކީ ގާނޫނީ ގޮތުން މަޖުބޫރު ކަމެއް. އެހެންވީމާ މި ކޮންސެންޓް ފޯމްގެ ހަގީގީ ބޭނުމެއް އަޅުގަނޑަކަށް ސާފެއް ނުވޭ. އެންމެ ބޮޑަށް ސާފުވާ ސަބަަބަކީ މައުލޫމާތު ހޯދަން ކަން. އެއީ އެއްވެސް ކަހަލަ ރިއެކްޝަނެއް ނުވަތަ ވެކްސިން ޖެހީމާ ވެސް ގޮތެއް ވޭތޯ ބެލުން. ދެން އަނެއްހެން ވެކްސިން ނުޖަހާން އެއީ ގާނޫނީ ގޮތެއް އޮތް ފުރުސަތެއް ނޫން. އެއީ ހުރިހާ ބޭފުޅުން ވެސް ވެކްސިން ޖައްސަވަން އެބަ ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އަދި ކޮވިޑް ވެކްސިން ޖަހަން ރާއްޖޭގައި މަޖުބޫރު ކޮށްފައެއް ނުވެ އެވެ. ނަމަވެސް މިއަހަރު ސަރުކާރުން އަލަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ކޮވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެއް ހިމެނެ އެވެ

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިނެވެ.