ވާހަކަ

މުންޑޫގެ ވާހަކައެއް

Oct 29, 2015
4

އަހަރެމެން އެންމެންނަކީ ވެސް މީގެ އަހަރުތަކެއް ކުރިން ނައުޝާދު އާޓްސްގައި ފިހި ހިފައިގެން އުޅުނު ފުރާވަރުގެ ކުދިންނެވެ. ކްލާހުގައި އަހަރެން އެންމެ ގިނައިން ކުރަހަނީ ފަންސުރުން، އަންހެން ކުދިންގެ މޫނެވެ. ކޮންމެ މޫނެއްގައި ވެސް ތިން ހަތަރު ކަޅުތިލަ ޖަހާލަމެވެ. އަހަންނަށް ރީތީ އެވެ. އެކަމާ ކުދިން ކުދިން އަހަންނަށް މަލާމާތްކޮށް ލެޑިގަނެ އެވެ.

މިރޭ ވެސް މިއުޅެނީ ހަމަ އެ ގްރޫޕެވެ. އަހަރެމެން ހަމަ ބައްދަލުވެލާފައި ކާޅު ބައިގަނޑެއްހެން ނުކުތީ އެވެ. ގައުމީ ފަންނު ވެހީގައި އޮތް މައުރަޒު ބަލައިލާށެވެ. ކުރިން އެސްޖެހި ގެލެރީގައި މައުރަޒެއް ބޭއްވިއަސް އަހަރެމެން މިހެން ގޮސް އެތަނުގައި ވެސް ތެޅިބާލަމެވެ. އެދާގޮތަށް ގޮސް މުޅިތަން ފުރާލައި ގަދަކޮށްލައިގެން އަޑުގަދަ ކުރަމެވެ. ކުދިންކުދިންނާ ބެހިގަނެ ރުޅިއަރުވަމު އެވެ. މިރޭ ވެސް ވީ އެހެނެވެ. އަހަރެން ކުރަހާ ކަހަލަ މޫނެކޭ ކިޔާފައި މަލާމާތްކުރަމުން ގޮސް ޒިޔާދު އޭނާގެ ކަޅު ފިބައެއް ކަހަލަ ގަލަމުގެ ތުނޑު ޖެއްސީ ނުވެސް ދަންނަ ދޮންދޮން އެކަމަކު އަހަރެމެންގެ އުމުރަށްވުރެ ބޮޑު އަންހެނެއްގެ ކޮލުގަ އެވެ. ހަމަ ރީތި އަންހެނެކެވެ.

"ތިއޮތީ ކޮންފާޑަކަށް އޮތް ކުރެހުމެއް. ހަމަ ގައިމު ވެސް އަންހެނެއްގެ އަނގައިގެ ތެރެއަށް އެއްޗެއް ފާޑެއްގެ އެއްޗެއް ލާކަން އެނގޭ. އެކަމަކު ބޮޑު ސިކުނޑިއެއް ލާފައި އެއޮތީ ކޯންޗެއް؟"

މަޝްހޫރު ކުރެހުންތެރިޔާ ހައިކަލް، އެކްރެލިކް ބޭނުންކޮށްގެން ތަޔާރުކޮށްފައިވާ އާދަޔާ ހިލާފު އެ ކުރެހުން އަހަންނަށް ދައްކާފައި ޒިޔާދު ޕަކަޕަކަ އަޅުވަމުން ދުއްވައިގަތެވެ. އޭނާގެ އޮޅަނބޮށިން ޖެހިފައި އަހަންނާ ދިމާ އަށް ވިއްސައިގެން އައީ ރީތި އަންހެން ކުއްޖެކެވެ. އަހަރެންގެ ގައިގައި ޖެހި މަތަވުމުން އެ އަންހެން ކުއްޖާ ހީނލި އެވެ. ތަދެއްވެފައި ހުރިހެނެއް ހިއެއ ނުވެ އެވެ.

ގުދުވެލީމެވެ. އަހަރެންގެ ފޯނު ވެއްޓި، ބެޓެރި އާއި ފޯނާއި މަތިގަނޑު އޮތީ ތިންތަނުގަ އެވެ. އަހަރެން އުޅުނީ ނަގާށެވެ. އެކަމަކު ފުރަތަމަ ފެނުނީ އެ ކުއްޖާގެ ފައިގައި އަޅުވާފައިވާ ރަންކެވެލިކޮޅެވެ.

"ސޮރީ!" އެ އަންހެން ކުއްޖާ ވެސް ގުދުވި އެވެ. އަހަރެމެން ދެ މީހުންގެ ދެލޯ ދިމާވި އެވެ. އަހަންނަށް ހަމަ ބަލަހައްޓައިގެން އޮވެވުނީ އެވެ. ތެދަށް ބުނަންޏާ އިސް ކޮޅުން މާ ދިގުނޫން، ރަތްދޮން ކުލައިގެ އަންހެން ކުއްޖާ އެހެން އޮއްވާ އަހަންނަށް ފެނުނު ގޮތަކުން އަހަރެން ހަމަ ރީއްޗަށް މޮޔަވީ އެވެ. އެހެން ފެނިގެން ވެސް ހިތެއް މޮޔަވެދާނެ ގޮތެއް އޮވެދާނެ ނޫން ހެއްޔެވެ؟

"ކަމެއް ނޫން." އަހަރެން ފޯނުގެ ބެޓެރި އާއި މަތިގަނޑު އެއްތަން ކޮށްލީމެވެ. އޮރިޔާންވެފައި އޮތް ފޯނުގަނޑު ނަގައިދިނީ އެ ކުއްޖާ އެވެ.
“ތީ އާޓިސްޓެއްތަ؟" އޭނާ އަހަރެން ގާތުގައި އަހައިލި އެވެ. "ތިއީ ހައިކަލްތަ؟ ފަޔާޒުތަ؟"
މި މައުރަޒުގައި އަހަރެން ބައިވެރިއެއް ނުވަން... އަހަންނަށް ކިޔަނީ ރިޔާ... ތިއީ؟"
"މިއީ އާތީ... އާތީ ވެސް ވަރަށް ކުރަހާ ހިތްވޭ. އެކަމު އާތީ އަށް ކުރަހަން އެނގެނީ މޫނު ނޫން ތަންތަން،"
"އެހެންތަ؟ ހިނގާ ދަސްކުރަމާ! އަހަރެން އާތީ އަށް ދަސްކޮށްދީފާނަން،"

އާތީ ގޮވައިގެން ދުރަށްޖެހި އަހަރެމެންގެ ސަކަރާތް ބޮޑު ބައިގަނޑާ ވަކިވެއްޖައިމެވެ. ވާނެ އެއްޗެއް ވާން ފަހަށް ދޫކޮށްލާފަ އެވެ.

"އާތީ މިތަނަށް އައިސްގެން ތި އުޅެނީ އެކަނިތަ؟"
"ހޫނ. އާތީމެންގެ ހުންނަނީ މިތާ ކައިރީގައޭ،"
"އެހެންތަ، ބަލައިލަ މިހަރަ މޮޅު ކުރެހުމެއް،"

އެއީ ތަބައްގޭ ދޫރީގޭ ކުރެހުމެކެވެ. އެއް ނަރަށް އެމުނިފަތީގައި ބަނޑިޔަލުގެ ނެށުމެއް ހުށަހަޅައިދޭ ކަހަލަ ގޮތެއް ދޭހަވާ އެ ކުރެހުން އަހަރެން އާތީ އަށް ދެއްކީ އެ ދިމާ އަށް އާތީ ބަލައިގެން ހުންނަ ވަގުތުކޮޅުން އަހަރެންގެ ހިތް ފުރާލާށެވެ. އާތީގެ މޫނާއި ކަނދުރާ އަށް ބަލަބަލާ ހުންނަން ވެގެންނެވެ. އެއީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ވަކިވެގެން ދިއުމުގެ ކުރިން އެ ސޫރަ އަހަރެންގެ ހިތުގައި ކުރަހާލާށެވެ.
ބެލީމެވެ. ވަރަށް ގާތުންނެވެ. އެންމެ އަޅައިގަތީ ދެ ފަންސުރު ތިކި ހެން އާތީގެ ކޮލުގައި އިން ދެ ކަޅުތިލަ އެވެ. އާތީގެ ޖާޒުބިއްޔަތުގެ އިސްތިރި ދަށުގައި އަހަރެން ފިތި، ފިހުނު ސަބަބަކީ ފުރަތަމަ ވެސް އެ ދެ ކަޅުތިލަ އަހަރެންގެ ލޮލަށް ފެނުމެވެ. ސިއްރުސިރުން ނަޒަރު ދެމުން ދިޔައިމެވެ. ކަނދުރާގައި ފުރަގަހުން ތިރި އަށް ފައިބާފައި އިނީ ހުޅިކޮޅެއްކަހަލަ ކަހަލަ ލޯލިކޮޅެކެވެ. ގާލް ކުދިންގެ އެކަހަލަ ލޯލިކޮޅާއި ކަންހުޅީގެ ވާހަކަ އަހަރަން އަހާތާ ދުވަސްތަކެއް ވެފައި އޮތުުމުން ކައިިރިން ބަލައިލީމެވެ.

"މިއިން ކޯންޗެއް ފެންނަނީ؟"
"މާނަކުރެވިދާނެ އާތީ ބޭނުން އެއްޗެއް. ބުނެއެއްނު ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނޭ... އެހެން ބަލައިލާފަ އާތީ އަށް ފެންނަ އެއްޗެއް ބުނެބަލަ؟"
"އާތީ އަށް ހީވަނީ... ހީވަނީ އެއީ ބޮޑެތި ބޮޑެތި ފިޔަގަނޑުތަކެއްލީ ދޫނިތަކެއް ފިނޮޅެއްގެ މައްޗަށް އަރައިގެން އުޅޭހެން ދޯ... ދެނ ނޭނގެ އާތީއަކަށް." ހީނގަނެވުނީ ކަމެއް، ލަދުގަތީ ކަމެއް ނޭނގެ އެވެ. އާތީ އަނގަމަތީގައި އަތް އެޅި އެވެ. ދެ އިނގިލި ދޭތެރެ އިން އާތީގެ ހުދު ދަތްތަކުގެ ވިދުން ފެނުނެވެ.
"ބުނޭދޯ ކުރެހުންތެރިން ފިހި ފޮޅައިލީމާ ބުރައިގެންދާ ތިކިން ވެސް އަގު ބޮޑު ކުރެހުންތައް އުފެދެއޭ... ކޮންމެ ވެސް ޒަމާނެއް ސިފަވެއޭ... ރިޔާ ކުރަހަނީ ކޯންޗެއްތަ؟"
"އާތީ ބޭނުންތަ ބަލަން؟... ކޮބާތަ ތިގެއަކީ؟"
"އުހުނ މިތާ ކޮލެޖް ކައިރީ،"

އެއްފަރާތްވަމުން ގޮސް އާތީއާއެކު އަހަރެން ބޭރަށް ނުކުތީ އާތީގެ ރީތީ ކަމުގެ ޖާދޫގައި ބަނދެވިގެނެވެ.

"އާތީމެންގެ ގެ ހުންނާނީ މި އޮއް މަގުގަ ވަރަށް ކައިރިއޭ އެއީ،"
އަހަންނަށް ބެލުނީ އާތީ އަށެވެ. މޫނާ ކަނދުރާ އަށެވެ. އެ ދެ ކަޅުތިލަ އަށެވެ. އެކަހަލަ ހާދަ ބައިވަރު ކަޅުތިލައެއް އާތީގެ ހަށިގަނޑުގެ އެތަންމިތަނުގައި ހުންނާނެއޭ ވެސް އަހަރެންގެ ހިތަށް އެރި އެވެ.

"މިހިރީ ގެ. ސްޓޫޑިއޯ ހުންނާނީ ވަކިން. އާދޭ އެތެރެ އަށް.. ވަދޭޭ. މައްސަލައެއް ނެތޭ ފައިވާނާއެކު އާދޭ. އާތީ ކުރަހާނަންތަ؟ ނޫނީ އަހަރެން އާތީ ކުރަހައިދެންތަ؟ އަހަރެންގެ ގެ ވެސް އެހިސާބާ ދުރެއް ނޫނެވެ.
"ކީއްވާނީ އާތީ، ރިޔާ ކުރެހިއްޔާ އެކަމަކު އާތީ އަކަށް ރިޔާގެ ބޮލެއް ނުކުރެހޭނެ،"

"ތިވީ ގޮތުން އާތީގެ މޫނު އަހަރެން ކުރަހަންވީ ދޯ؟ އޭރަށް އަނެއް އާތީއަށް ފުރިހަމަ ކުރެވޭނެއެއްނު،" އަހަރެން ފާޑުވެރި ވެލީމެވެ. އީސްލް ގައި ހުހަށް ހުރި ކެންވާސްގެ މައްޗަށް ކުލަފިހި ފޮޅާލާފައި ކުރެހުންތެރިއެއްގެ ގޮތް ދައްކާލީމެވެ.
"އޭ އާތީއަކަށް ނުކެރޭނެ... ރިޔާ ކުރަހާ ތަން ބަލަން އިނދެފާނަން،"
"އޭރުން އާތީ ފޫހި ވާނީ!"
"އައްދެ، އާތީ އިނދެފާނަން އިރު އަރަން ދެން ވެސް. ހަމަ ތެދެއް މިބުނީ އާތީ ފޫއްސެއް ވެސް ނުވާނެ."

ހަމަ އަޖައިބެއް ކަހަލަ ކުއްޖެކެވެ. ފުރިހަމައީ އަންހެން ވަންތަކަށް އެކަންޏެއް ނޫނެވެ. އަންހެނެއްގެ ވަނަވަރު ވެސް އޭނާގެ ފުރިހަމަ އެވެ. އެހެންވެ ހުރިހާ ގޮތަކުން ވެސް އަހަރެން ދިޔައީ އާތީއާ ގާތް ވަމުންނެވެ. ތަސްވީރުގައި އަހަރެމެން ދެ މީހުންގެ ފޮޓޯ އައީ ކައިރިވަމުންނެވެ. މަންޒަރާއި ކުލަ ބަދަލުވަމުންނެވެ. ލަދުވެތިކަމުގެ ފަރުދާ ވެސް ދިޔައީ ކެހެމުންނެވެ.
"
ތިއީ ދެން ހަމަ ދޮގެއް. އާތީ ފޫހިވާނެ. ނިދިވެސް އަންނާނެ... އެންމެ ފަހުން ބުނާނީ މަހުރަބު އިއްބެ ބުނާހެން ކުރެހުމަކީ ކަރުކެހުމެކޭ،"
"ނޫން... އެހެން ނޫން ނަމަ އާތީ އަޅެ މިތަނަށް އަންނާނެތަ؟ ހަމަތެދެއް އާތީ ނުވާނެ ފޫއްސެއް. އަޅެ ކުރަހާބަލަ؟"
"ސީރިއަސްކޮށް ހިޔާލެއް ދެންތަ؟"
"ހުނ، ދީބަލަ.. މީގެ ކުރަހާލަންތަ؟" އާތީ އަހަރެން އަތުގައި އޮތް ފިހި އަތުލި އެވެ.
"އަހަރެން އެބަ ޖެހޭ ޖެނުއަރީ މަހު އާޓް ގެލެރީން ބާއްވާ މައުރަޒަކަށް ޕޯޓްރެއިޓެއް ކުރަހަން. އާތީ ކަހަލަ ރީތި ކުއްޖެއްގެ ފޮޓޯ ކުރަހައިގެން މަށަށް ވަނައެއް ހޯދިދާނެ... ތި ބޮޑު ބޮޑު ފުން ދެ ލޯ. ކޮލުގެ ތީނދަ ދެ ކަލުތިލަ ވަރަށް ހިތްގައިމު... ހީވަނީ ފަންސުރެއްގެ ތުނޑުން ޖަހާފައި އިން ދެތިކިހެން... ގިނަ ބައެއްގެ ހިތްދަމައިގަންނާނެ!"
"ކިހިނެއް ކުރަހަނީ؟ މޮނަލީޒާ ގޮތަށްތަ؟ ކިހިނެއް އިންނަން ޖެހޭނީ؟ ލިއޮނާޑޯ، ކޭޓް ވިންސްލެޓް ކުރެހި އިރު އިން ގޮތަށްތަ؟"

އީސްލްގައި އަތް އަޅުވާލާފައި ކެންވާސްގައި ފިހި ކާއްތަމުން އާތީ އަހަރެންގެ މޫނަށް ބަލައިލި އެވެ. ލޭކޮޅެއް ކަހަލަ ތުންފަތުގެ އެއް މިޔަކަނަށް ޒާތެއްގެ އެނބުރުމެއް ގެނަ އެވެ. އަހަރެންގެ ހިތް ތެޅިފޮޅެން ފެށި އެވެ. އާތީ އަހަންނާ ގާތްވަމުންދާލެއް އަވަސް ކަމުންނެވެ.
"ބަލާ އާތީ ކުރެހި އެތި."
"ވަރަށް މޮޅު... އަސްލު ވެސް އާތީ ހާދަ މޮޅޭ." އެއްވެސް އަމާޒެއް ނެތި ފެހި ކުލައިން ފިހި ކާއްތާފައިވާ ކެންވާސް އިން އަހަންނަށް ފެނުނީ ސަރާސަރު ބިމަކަށް ފެތުރިފައިވާ ގަދަ ފެހި ކުލައިގެ ދޫލައެއް ކަހަލަ ވިނަގަނޑެކެވެ. ހިޔާލަށް ފެނުނީ އެ ވިނަތައް މަތީގައި އާތީގެ އަތުގައި ހިފައިގެން އަހަރެން ދުވާތީ އެވެ.
"ދެން ނުކުރަހަންތަ؟" އާތީ އަތުގައި އޮތް ފިހީގެ ކޮޅު އަހަރެންގެ މޭމަތީގައި ޖައްސައިލި އެވެ. އަހަންނަށް އިހުސާސްވީ ފިނި އަތަކުން އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިން ހެނެވެ.
"އޭނދަ ފެހި ހެދުން ލައިގެން އައިސް ޓްރައި ކޮށްލަން ވީނު... އެހެރީ ޗޭންޖިން ރޫމް!" ފިހި ދޮވެލުމަށް ފަހު އަނެއްކާ ވެސް އަހަރެން އާތީ އަށް އިޝާރާތް ކުރީމެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އާތީ ހެދުން ބަދަލު ކޮށްލި އެވެ. އެއީ ތުނި ހެދުމެކެވެ. ސްޓޫޑިއޯ ލައިޓްގައި އާތީ ފެންނަނީ މުތެއް ހެނެވެ. ކަނދުރާ އަށް ހިޔަނި އެޅިލާފައި ހުންނަ ގޮތުން ހެދުމުގެ ބައްޓަމާއި އާތީގެ ހަށިގަނޑު ގުޅިފައި ހުރީ ވެސް ވަރަށް ފުރިހަމަ ގޮތަކަށެވެ.
އާތީ އަށް ގޮނޑި ދައްކާފައި އަހަރެން ދިޔައީ އީސްލް ކައިރިއަށެވެ. އަހަރެންގެ އެޗްބީ ފަންސުރު ނަގައިގެން ކެންވާސްގައި ފުރަތަމަ ފެވީ އާތީގެ ކޮލުން ފާޅުވާ ދެ ކަޅުތިލަ އެވެ. އަހަރެން ކިޔާ ގޮތުން ނަމަ، ފަންސުރު ތިއްކެވެ.

"ކުޑަކޮށް އަރިވެލާ... އަދި ބޮޑަށް. އާނ، ރަނގަޅު... ދެން ކުޑަކޮށް ލޯ މަރާލާ... އަދި އަދި..." މަޑުމަޑުމަޑުން އާތީގެ ދަތްދޮޅީގައި އަހަރެން އިނގިލި ޖައްސައިލީމެވެ. އަތްތިލަ ކަނދުރާގެ ލޯލިތައް މަތިން ހިންގާލުމުން އާތީގެ ލޯ މެރިގެން ދިޔަ އެވެ. ކުއްލިއަކަށް އާތީ ތެދުވެ ކައިރީގައި ހުރި ކުލަތަކުގައި އަތްޖައްސާ ފައި އަތުގެ ނިޝާން އަހަރެންގެ މޫނުގައި ހިއްޕާލި އެވެ. އަހަންނަށް ވެސް ގެނެވުނީ އެފަދަ ހަރަކާތެކެވެ. ކުލަފިހި އާތީގެ ކޮލުގައި ހިތެއްހެން ހިންގާލެވުނެވެ. އޭނާގެ ކަންހުޅީގެ އެނބުރުމުގައި އަހަރެން ބަނދެވުނީ އެއްވެސް އިޚްތިޔާރަކާ ނުލަ އެވެ. ފުރަތަމަ ދެ ހަށިގަނޑުވާންވީ އެވެ. ދެން ކަރާއި ކަރުމަހާލެވިފައިވާ ހަށިގަނޑު ދޫވަމުން ގޮސް ގޮނޑީގެތެރެއަށް ގެނބުނީ އެވެ، (ނުނިމޭ)