(17 މެއި 2018 އާ ގުޅޭ) ފިނިނޭވާއެއް ދޫކޮށްލުމާއެކު ނަފްސު ހަމައަކަށް ނިމްރާ އަޅުވާލިއެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ހިތުގެ އިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދިއެވެ. މިފަހަރު ވެސް އަރްސަލް އޭނާގެ އިހުސާސްތަކާ ސަމާސާ ކުރީކަމުގައި ސިކުނޑި ބުނީ ހިތުގައި އުފެދުނު ރިހުމަށް ކުޑަ ވެސް ހަމްދަރުދީއެއް ނުވެއެވެ. ވޭނުން ހިމޭންވި ހިތުގެ މައްޗަށް ސިކުނޑި އަޑުލައިގަތީ އެ ފުރުޞަތައް ބޭނުންވެފައި ހުރި ފަދައިންނެވެ.
ނިމްރާގެ ކޮނޑުގައި ނިތްކުރި ޖައްސާލައިގެން އިނެއްކަމަކު ނިމްރާއަށް އައި ބަދަލު އަރްސަލްއަށް ފާހަގަވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނިމްރާއަށް އައި ބަދަލަކީ އަރްސަލް ގަސްދުކުރި ފަދަ ބަދަލެއް ކަހަލައެވެ. އޭނާގެ އަތުގެ ތެރެއިން ސަލާމަތްވެގެންނަން ނިމްރާ އުޅުނެވެ.
"ދޫކޮށްލާ... ކިހާ ދެރަކަމެއްތަ!... ސްޓޮޕް ޓަޗިން މީ" ނިމްރާ ތެޅިފޮޅިގަތެވެ. އެހިނދު އަރްސަލްގެ ބާރު ހުނުމުގެ އަޑު އިވިގެންދިޔައެވެ.
"ގާލްފްރެންޑެއް ހުރީމަ ކަމުނުދިޔައީތަ؟" ހެމުންހެމުން އަރްސަލް އަހާލިއެވެ.
"އެއްފަހަރާ ކިތައް އަންހެނުން ޔޫސް ކުރާނަމޭ ހިތާތަ ތިއުޅެނީ" ނިމްރާ މިހެން ބުނެލުމާއެކު އަރްސަލްއަށް ވަކިން ބޮޑަށް ހެވުނެވެ. ނިމްރާގެ ކޯތާފަތުގައި ބޮސްދޭން އަރްސަލް އުޅުމުން ނިމްރާގެ ބޮލުން އަރްސަލްގެ ބޮލުގައި ޖެހިއެވެ.
"އައުޗް!... ތަދުވެއްޖެ އިނގޭ... ސްކާލެޓް! ވިލް ޔޫ ކާމް ޑައުން... އޯކޭ! އޯކޭ! އަހަރެން ހަމަ އެހެންބުނެލި އެއްޗެކޭ އެއީ. ޖަސްޓް ފޮގެޓް ދި ގާލްފްރެންޑް ޕާޓް. އިޓްސް އަ ބޭޑް ޖޯކް... ފޮގެޓް އިޓް" ނިމްރާގެ ޠަބީޢަތް ވަރަށް ގޯސްވެއްޖެހެން ހީވުމާއެކު އަރްސަލްގެ ސަމާސާ ގޮތް ކެނޑިގެންދިޔައެވެ. ނިމްރާ ރުޅި އައިސްފައި ހުންނާކަށް އަރްސަލް ބޭނުމެއްނޫނެވެ. އަރްސަލްއަށް އާދެވުނު ރުޅި ވެސް މިހާރު ވަނީ ފިނިވެފައެވެ. އިތުރަށް ނިމްރާގެ ޠަބީޢަތް ގޯސްވެދާނޭކަމެއް ނުކުރުމަށް އޭނާ ހުރީ ވިސްނައިގެންނެވެ. ނަމަވެސް ކުރެވުނީ ނުބައި ސަމާސާއެކެވެ. ގަސްދެއްނެތި ބުނެވުނު އެއްޗަކުން ނިމްރާގެ ހަމަޖެހުން ގެއްލިދާނޭތީ އަރްސަލް ކަންބޮޑުވީއެވެ. އިރުކޮޅަކު ގަދަ ހެދުމަށްފަހު ނިމްރާ ވެސް މައިތިރިވިއެވެ.
"ޖަސްޓް ލެޓް މީ ގޯ" ހިމޭނުން އިރުކޮޅަކު އިނދެފައި ނިމްރާ ބުނެލީ މަޑުމަޑުންނެވެ.
"ރުޅި އައިސްފަ އިނިއްޔާ ދޫކޮށެއްނުލާނަން" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ. ނިމްރާ މަޑުމަޑުން އަރިއަކަށް އެނބުރިލަން އުޅުމުން އުނަގަނޑުގައި ވަށާލެވިފައި އޮތް އަރްސަލްގެ އަތަށް ދޫކަމެއް ދިނެވެ. ސޯފާގެ ތިރިއަށް ދެފައި އެލުވާލަމުން ނިމްރާ ނަޒަރު ސީދާކޮށްލީ އަރްސަލްއަށެވެ.
"ވިލް ޔޫ ބީ އޯކޭ" ނިމްރާ އަނގައިން ނުބުނެ ބަލަހައްޓައިގެން އިނުމުން އަރްސަލް އަހާލިއެވެ. ލުއި ހިނިތުންވުމެއް ނިމްރާއަށް ދެމުން އޭނާގެ ކޯތާފަތުގައި އަރްސަލްގެ ކަނާއަތުގެ އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. އެ އަތުގައި ނިމްރާ ހިފެހެއްޓިއެވެ. މަޑުމަޑުން އިސްޖަހާލާފައި ނިމްރާ ވާހަކަދެއްކިއެވެ. އަރްސަލްގެ ދެ ލޮލުގައިވާ އަސަރުތައް ޔަގީންކުރަން ނިމްރާ ފަސްޖެހުނެވެ.
"އަހަރެން އޯކޭ... ރުޅިއެއްނާދޭ" ނިމްރާ ބުނެލިއެވެ. އޭނާ އިނީ އަރްސަލް ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. އަރްސަލް ހަޤީޤަތުގައި ވެސް "ގާލްފްރެންޑް" އޭ ބުނީ ސަމާސާއަކަށް ބާއެވެ. ޝައްކު އުފެދުނު ނަމަވެސް ދެވަނަ ފަހަރަށް އަރްސަލްގެ ގާތުގައި އެ ވާހަކަދައްކަން ނިމްރާ ބޭނުމެއްނޫނެވެ. އެހެންނޫނީ އަރްސަލްގެ ދިރިއުޅުމާ މެދު ނިމްރާ ޝައުގުވެރިވަނީއޭ އޭނާއަށް ހީވެދާނޭތީއެވެ. ނިމްރާގެ ހިތުގައި އަރްސަލްގެ މައްޗަށް އިހުސާސްތަކެއް އުފެދިފައިވާކަން އެއްވެސް ވަރަކަށް ހާމަކުރާކަށް އޭނާ ނޭދެއެވެ. އެއީ އޭނާގެ ހައިސިއްޔަތެއް ނޫނޭ އަމިއްލަ ޟަމީރު ބުނާތީއެވެ. ދުލުގައި ހިފެހެއްޓުނު ނަމަވެސް އަރްސަލްގެ ބީހުންތަކަށް ނިމްރާގެ ހަށިގަނޑު ދީލައިލަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެފަދަ ބާރެއް ނިމްރާގެ މައްޗަށް އަރްސަލްގެ ވެއެވެ.
"ކުޑަކޮށް ހުން ހުރި ނަމަވެސް އެނދުގައި އޮންނަހާ ބައްޔެއްނޫން މިހާރު. މާދަން އޮފީހަށް ނުކުންނަން ނިންމައިގެން މި ހުންނަނީ... ސްކާލެޓް އަހަންނަށް އޮފީސް ހެދުމެއް ތައްޔާރުކުރައްޗޭ" އަރްސަލް ބުނެލިއެވެ. ނިމްރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އިތުރަށް އެއްވެސް ވާހަކައެއް އެކަކު ވެސް ނުދެއްކިއެވެ. އަރްސަލްގެ ކަނާތުގެ ތެރޭގައި ނިމްރާގެ ވައަތްތިލަ އޮތެވެ. އެ އަތުގައި އަރްސަލްގެ ބޮޑުވައި އިނގިލިން ފިރުމާލަ ފިރުމާލާ އިނެވެ. އެ ބީހުންތައް ހުއްޓުވަން ނިމްރާ ވެސް މަސައްކަތެއްނުކުރިއެވެ. ދެ މީހުން ވެސް ހަމަޖެހިފައި ތިބި ކަހަލައެވެ. ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ޚާއްޞަވެފައިވާ ކަހަލައެވެ.
"ކޮންތާކަށް؟" ނިމްރާ ތެދުވަން އުޅުމުން އަރްސަލް ސުވާލުކުރިއެވެ.
"މެންދުރަށް ކާއެއްޗެހި ތައްޔާރުކުރަން ޖެހޭނެއެއްނު" ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ދެއަތް ދުރަށްލާ ނިމްރާ ދާން ދޫކޮށްލިއެވެ. އަދި ސޯފާއިން ތެދުވެގެން ކޮޓަރިއަށް އަރްސަލް ދިޔައެވެ.
* * * * *
އަރްސަލް އޮފީހަށް ނުކުންނަން ފެށުމުން ގޭތެރެއިން ރާދިންއާއި އަރްސަލް ފެންނަލެއް މަދުވިއެވެ. ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ވެސް އޮފީހުގައި އެ ދެ ޒުވާނުން ތިބެއެވެ. އޮފީހުގައި ނުތިބޭނަމަ އެ މީހުންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ސިޓިންރޫމުގެ ކޮފީ މޭޒު ދޮށުގައެވެ. ނިމްރާގެ އެހީއަކަށް ބޭނުންވެގެން ރާދިން ގޮވާލައިފިނަމަ ނިމްރާ އެހީތެރިކަން ފޯރުކޮށްދެއެވެ.
އަރްސަލް "ގާލްފްރެންޑް"ގެ ނަމުގައި ކުރި ސަމާސާއަށްފަހު އެފަދަ ކަމެއް އޭނާ ނުކުރެއެވެ. އެހާ ގާތްކޮށް ނިމްރާއާ ބައްދަލެއް ވެސް ނުކުރެއެވެ. ނަމަވެސް ނިމްރާއަށް ނޭނގޭނޭހެން އޭނާގެ ހަރަކާތްތަކަށް އަރްސަލް ޚާއްޞަ ސަމާލުކަމެއް ދެއެވެ. ނިމްރާއާ މުޚާޠިބު ކުރުމުގައި އަރްސަލް ގެންގުޅޭ ހަރުކަށިކަން ބަދަލެއްނުވިއެވެ. އެކަމަކު ރުޅި އައިސްގެން އުޅޭ ގޮތަކަށްނޫޅެއެވެ. އެކަމުގެ ސަބަބުން އެ ދެމެދުގައި ގާތް ގުޅުމެއް އުފެދެން އަރްސަލް ފުރުޞަތު ނުދެނީއޭ ނިމްރާއަށް ހީވެއެވެ. އެހެންވިޔަސް ނިމްރާއާ ދެބަސްވެ ކުދިކުދި ޖެއްސުން ކޮށްލުމަކީ އަރްސަލް ޝައުގާއެކު ގަޔާވެގެން ކުރާ ކަމަކަށްވެއްޖެއެވެ. ނިމްރާ ނުރުހިގެން އުޅޭގޮތް އަރްސަލްއަށް ކަމުދަނީއެވެ.
އިރުއޮއްސެން އުޅެނިކޮށް އެޕާޓްމެންޓަށް ވަދެގެން އައި އަރްސަލްއާއި ރާދިން އެ މީހެއްގެ ކޮޓަރިއަށް އައިސް ވަނެވެ. ނިމްރާ ވެސް ފެންނާކަށް ނެތެވެ. ރާދިން ފެންވަރައި ހެދުން ބަދަލުކޮށްލައިގެން ނުކުތީ މިސްކިތައް ދާން ގަސްދުކޮށްގެންނެވެ. އަރްސަލްގެ ކޮޓަރި ހުޅުވާލި އިރު އޭނާ ފެންނަން ނެތުމުން ރާދިން އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ.
"މަޑުކޮށްލާ" ނިމްރާގެ ކޮޓަރީގައި ޓަކި ޖެހިއަޑާއެކު އޭނާ ޖަވާބު ދިނެވެ. އަދި އައިސް ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ އަރްސަލްއެވެ. ތެތްކޮށް ހުރި އިސްތަށިގަނޑާއި މޫނުގެ ތާޒާކަން އޭނާ އެ އައީ ފެންވަރައިގެންކަން ނިމްރާއަށް ބުނެދިއެވެ. ހަމައެއާއެކު އަރްސަލް ޖަހާފައި ހުރި ޑީއޯގެ ސޮވާޖް ސެންޓުގެ މީރު ވަސް ނިމްރާގެ ނޭފަތުގައި ވަގުތުން ޖެހުނެވެ. ޙިއްސުތައް މަސްތުކުރާ ފަދަ ވަހެކެވެ. އަރްސަލްގެ ލޮލާ ލޯ ވަކިކޮށްލަން ބޭނުންނުވެފައި ހުއްޓާ އަރްސަލް ކަރުކެހިލިއެވެ. އެއާއެކު އޭނާގެ އަތުގައި އޮތް އެއްޗެއް ދިއްކޮށްލައިގެން ހުރިކަން ނިމްރާއަށް ފާހަގަ ކުރެވި ބަލާލިއެވެ.
"ޔޫސް ދިސް... އަހަރެން ކޮންޓެކްޓް ކުރަން ބޭނުންވާ ވަގުތެއްގައި ކުރެވޭނީ އޭރުން" އަރްސަލްގެ އަތުގައި އޮތް ފޮށިގަނޑުގައި ނިމްރާ ހިފުމުން ބުނެލިއެވެ. ނިމްރާ ހައިރާންވެފައި އަރްސަލްއަށް ބަލާލިއެވެ. އޭނާ ދިނީ ސިމް ކާޑަކާއި އެންމެފަހުގެ އައިފޯނެކެވެ.
"ކީއްވެ މިހާ އަގުބޮޑު ފޯނެއް" ނިމްރާ ބުނަން އުޅުނު އެއްޗެއް ހުއްޓާލީ އަރްސަލް ހުރަސް އެޅީމައެވެ.
"އަހަރެން ނުބުނަން ދޯ ސުވާލުކުރާށޭ... ދިނީމަ ހިފާނީ" އަރްސަލް ބުނެލިއެވެ. އަދި އޭނާ އެނބުރި ހިނގައްޖެއެވެ.
ޖެހިގެން އައި ދުވަހު އަރްސަލް އޮފީހުން އެޕާޓްމެންޓަށް އައިސް ވަނުމާއެކު ނިމްރާ ކޮބާތޯ ހޯދިއެވެ. ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނާ ނިމްރާގެ ނަންބަރަށް ގުޅަން އުޅެ ނުގުޅިގެންނެވެ. އެޕާޓްމެންޓުގެ ބިއްދޮށުގައި ހުރި ބެލްކަނީގައި ނިމްރާ މަޑުކޮށްލައިގެން ހުއްޓާ އަރްސަލްއަށް ފެނުނީ ނިމްރާގެ ކޮޓަރިއާ ދިމާއަށް އައުމުންނެވެ.
"ކޮބާ ފޯނު... ނަންބަރު އެކްޓިވޭޓް ނުކުރަނީތަ؟" ބެލްކަންޏަށް ހުޅިފައި ހުރި ދޮރުގެ ދެފަރާތުން ދެއަތް ވިއްދާލައިގެން ހުރެ އަރްސަލް ސުވާލުކުރިއެވެ.
"އަހަންނަށް... އެ ފޯނާ ކުޅެން ނޭނގުނީ... އައިފޯނެއް ނުގެންގުޅެން ދުވަހަކުވެސް. ބޯހަލާކުވާވަރުވެއްޖެ އެ ފޯނަކާހެދި" ނިމްރާގެ މޫނުމަތިން ފާޅުވެގެން ދިޔަ އަސަރުތަކުން އަރްސަލް ކައިރިއަށް ހިނިއައެވެ.
"އާދޭ ފޯނު ހިފައިގެން... ޗާޖު ކުރިންތަ؟" ކުޑަކޮށް ހިނިއައިސްފައި ހުރެ އަރްސަލް ބުންޏެވެ. ނިމްރާ ބޯޖަހާލިއެވެ.
"ހެދުން ބަދަލުކޮށްގެން އަހަރެން މި ނުކުންނަނީ" އަރްސަލް މިހެން ބުނެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނިމްރާ ފޯނު ހިފައިގެން ސިޓިންރޫމަށް އައެވެ.
"އަރްސަލްތަ ފޯނު ދިނީ؟" ކޮޓަރިން ނުކުމެގެން އައި ރާދިންއަށް ސޯފާގައި ފޯނު އަތަށް ލައިގެން އިން ނިމްރާ ފެނި އަހާލިއެވެ. އެއާއެކު ނިމްރާ ނިކަން އަވަހަށް ބޯޖަހާލިއެވެ.
ރާދިންއަށް އަރްސަލް ފޯނެއް ގަތްކަން އެނގެއެވެ. އެ ފޯނު ގަތީ ނިމްރާއަށް ދޭން ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ނިމްރާގެ ފޯނު ހަލާކުކޮށްލީ އަރްސަލްކަން ރާދިންގެ ހަނދާނަށް އައީ ދެނެވެ. އޭގެ ބަދަލުދޭން އަރްސަލް ފޯނެއް ގަނެދިނީ ކަމުގައި ރާދިން ހީކުރިއެވެ. އޭނާއަށް ވެސް އަރްސަލް ކުރިއަށްވުރެ ބޮޑަށް ނިމްރާއާ މެދު ވިސްނާހެން ހީވެއެވެ. އެކަމަކު އަރްސަލްގެ ހިތުގައިވާ އެއްޗެއް ނޭނގޭތީ އޭނާ ނިމްރާއާ މެދު ބަހައްޓާ ގާތްކަން ގުޅިފައިވަނީ ކޮންކަމަކާ މެދު ކަމެއް ޔަގީންކުރާކަށް ރާދިންއަކަށް ވެސް ނޭނގެއެވެ.
އަރްސަލް ނުކުތްއިރު ނިމްރާގެ އިތުރުން ރާދިން ވެސް ސިޓިންރޫމުގައި އިންތަން ފެނުނެވެ. އޭނާ އައިސް ނިމްރާ އިން ސޯފާގައި އިށީނދެ ފޯނުގެ ސެޓިން ހަދަން ފެށިއެވެ. ނިމްރާ އިނީ ޝައުގުވެރިކަމާއެކު އަރްސަލް ކުރާ ކަންތައްތައް ބަލާށެވެ. ނޭނގި ނަމަވެސް ދެ މީހުންނަށް ތިބެވުނީ ކިހާ ގާތުގައިކަން އެ ދެ މީހުންނަށް ފާހަގަ ނުވިނަމަވެސް ރާދިން އިނީ އެ ދެ މީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ދޭތެރެއަކުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. ފޯނު ބޭނުންކުރާނޭ ގޮތް ނިމްރާއަށް އަރްސަލް ކިޔައިދެމުންދިޔައެވެ. އެވަގުތު ވެސް ކޮންމެވެސް ގޮތަކުން އަރްސަލް އެއްޗެއް ބުނެލާ ނިމްރާއާ ދިމާކޮށްލައެވެ.
"އަރްސަލް އެއްބަސްނުވިޔަސް ނިމްރާދެކެ މިހާރު ނަފުރަތު ކުރެއެކޭ އަހަރެން ނުބުނާނަން. ނަފުރަތުކުރާ ދެ މީހުންނަށް ތިހާ ގާތުގައި ނުތެބެވޭނެ... އަރްސަލް! ޔޫ ޑޫ ކެއާ ފޯ ހާ... މޭބީ ޔޫ ޑިޑިންޓް ރިއަލައިޒް އިޓް ޔެޓް. ޝީ އިޒް ބިކަމިންގް ސަމްވަން ސްޕެޝަލް... އައި ލައިކް އިޓް... އިޓް ގޯސް ފޫ ޔޫ ޓޫ ޑާލިންގް. ޔޫ އާ ސްމައިލިންގ ވިތް ހިމް. ނިމްގެ ފަރާތުން ބަދަލު ހިފަން އަރްސަލް ބޭނުންވެޔޭ މިހާރު އެކަކުވެސް ނުބުނާނެ... އެހެންވިޔަސް އަރްސަލްގެ ހިތެއް ހަމަ ނޭނގެ. ނިމްގެ ހިނިތުންވުން ގެއްލޭވަރު ކަމެއް ނުކުރާނެއެކޭ ބުނާކަށް ނުކުރޭނެ. އެހެންނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު" އަރްސަލްއާއި ނިމްރާއަށް ނަޒަރު ހުއްޓާލައިގެން އިން ރާދިން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
އަހަންނަށް... އެ ފޯނާ ކުޅެން ނޭނގުނީ... އައިފޯނެއް ނުގެންގުޅެން ދުވަހަކުވެސް. ބޯހަލާކުވާވަރުވެއްޖެ އެ ފޯނަކާހެދި،--
އާ ފޯނެއް ލިބުމުން ނިމްރާ ހުރީ އުފާވެފައެވެ. ޚާއްޞަކޮށް އަރްސަލް އޭނާއަށް ފޯނެއް ދިނުމުން ލިބުނު އުފާވެރިކަން އިތުރުވެއްޖެއެވެ. ފޯނު ދިނުމުގެ ހަޤީޤީ މަޤުޞަދަކީ ކޮބައިތޯ ބަލާކަށް ނިމްރާ ބޭނުމެއްވެސް ނޫނެވެ. ނިދަން ކޮޓަރިއަށް ވަދެ ވެސް ނިމްރާއަށް އޮވެވުނީ ފޯނު އަތައް ލައިގެންނެވެ. ފޯނު ޑޭޓާ ބޭނުންކުރުމުގެ ބަދަލުގައި އެޕާޓްމެންޓަށް ލާފައި ހުރި ވައިފައި ނެޓްވޯކް ބޭނުންކުރެވޭނޭ ގޮތް ވެސް އަރްސަލް ހަމަޖައްސައިދިނެވެ. ސައުންޑްކްލައުޑް އިން ލަވަ އަޑުއަހަން އޮއްވާ ފޯނަށް މެސެޖެއް އައިސްގެން ނިމްރާ ބަލާލިއެވެ. ދަންވަރު އެކެއްޖަހަނީއެވެ. އަރްސަލްއާއި ރާދިންގެ ނަންބަރު ފިޔަވައި އެ ފޯނުގައި ސޭވް ކުރެވިފައިވާ ނަންބަރެއް ނެތެވެ. ހަލަފްގެ ނަންބަރު އޮޅުން ފިލުވަން ނިމްރާ ބޭނުންވި ނަމަވެސް އަރްސަލް ހުއްޓާ ރާދިން ގާތުގައި ނާހަން ވެގެން އެކަން ފަސްކޮށްލީއެވެ. ނިމްރާ ފޯނަށް އައި މެސެޖު ބެލިއެވެ. އަދި އަރްސަލްއާ ވައިބާ މެދުވެރިކޮށް ޗެޓުކުރަން ފެށިއެވެ.
އަރްސަލް: "ސްކާލެޓް ނިދަނީތަ؟ ނިދީތަ؟"
ނިމްރާ: "ނިދަނީ"
އަރްސަލް: "ސްކާލެޓް"
ނިމްރާ: "ވަޓް"
އަރްސަލް: "ނިދިނައިސްގެން މިއުޅެނީ"
ނިމްރާ: "ކީއްވެ"
އަރްސަލް: "ސްކާލެޓް އަންނަންވީނު މި ރޫމަށް"
ނިމްރާ: "ޔޫ ޑެވިލް... އައި ކާންޓް ޓްރަސްޓް ދި ޑެވިލް"
އަރްސަލް: "ހެ ހެ ހެ... އަހަރެން ކަމެއް ނުކުރާނަމޭ. ކޯޗެއް ލައިގެން ތި އޮތީ"
ނިމްރާ: "ޔޫ ޕާވާޓް ފުރޭތަގަނޑު... ނޫޅެން ވާހަކަދައްކާކަށް"
ނިމްރާ އިތުރަށް އަރްސަލް ފޮނުވި މެސެޖަކަށް ރައްދެއް ނުދިނެވެ. އެހެންނަމަވެސް އަރްސަލް ފޮނުވާ މެސެޖުތައް ބެލިއެވެ. ހިނިއައިސްފައި އޮވެއެވެ. އަރްސަލްގެ ސާމާސާ ކުރުމުގައި ހުންނަ ގޮތް ނިމްރާއަށް ކަމުދާންވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނުވިސްނެއެވެ. ހީވެސް ނުކުރާ ކަހަލަ އެއްޗެހި އަރްސަލް ބުނެލައެވެ. އޭނާގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން ފަސޭހަނޫނީ އެހެންވެއެވެ. ބައެއްފަހަރު ހީވާނީ ނިމްރާ ލަދުގަންނަވާލަން ޖެއްސުމަށް ގަސްދުގައި އެއްޗެހި ބުނެލާހެނެވެ.
"ޕްލީޒް ޑޯންޓް މޭކް މީ ފޯލް ފޯ ޔޫ" ފޯނަށް ބަލަހައްޓައިގެން އޮވެ ނިމްރާ ބުނެލިއެވެ.
* * * *
އަރްސަލްގެ ތުންފަތުގައިވި ހިނިތުންވުން އޭނާ ހިތްހަމަޖެހިފައިވަރު ހާމަކޮށްދެއެވެ. ރާދިންއާއި ދެ މީހުން އައިސް ގެއަށް ވަނީ އެ މީހުންގެ އައު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލަން އެ ސައިޓަށް ގޮސްފައި އައިހެވެ. ސޯފާގައި ފިލްމެއް ބަލަން އިނދެފައި ދެ ލޯ ފުހެމުން ނިމްރާ ތެދުވިގޮތް އަރްސަލްއާއި ރާދިންއަށް ފެނުނެވެ.
"ވަޓް ހެޕަން ޑާލިންގް" ރާދިން އަވަހަށް އަހާލިއެވެ.
"ކަމެއްނުވޭ... ވަރަށް ރީތި ފިލްމެއްވީމަ" ނިމްރާ މޫނު ފޮރުވަންވެގެން އިސްޖަހާލަމުން ބުނެލިއެވެ.
އަރްސަލްގެ ނަޒަރު ނިމްރާއާ ވަކިވެ ހުޅުވާފައި ހުރި ޓީވީއަށް ހުއްޓުނެވެ. "ވެން އިން ރޯމް" ކިޔާ ލޯބީގެ އިނގިރޭސި ފިލްމެއް ދައްކަނީއެވެ. އޭނާ ހޭންނުހޭން އުޅޭހެން ތުންފިއްތާލިއެވެ. ލޯބީގެ ފިލްމު ބަލާފައި ނިމްރާ ރޯތީ ދިމާކޮށްލަން އަރްސަލް ބޭނުންވިއެވެ. އެހެންނަމަވެސް އަމިއްލައަށް އެކަމުން މަނާވެގަތީއެވެ. އަދި ނިމްރާ ގާތު ކޮފީއެއް ހަދައިގެން ގެނެސްދޭން ބުންޏެވެ. ރާދިން ވެސް ކޮފީއެއް ބޭނުންކަމުގައި ބުނެލިއެވެ. ސޯފާގައި ނިމްރާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އަރްސަލް ހިނިތުންވެލިއެވެ. އަދި އެނބުރި ރާދިންއަށް ބަލާލިއެވެ. އޭނާ ސޯފާގައި އިށީންގޮތަކަށް ފިލްމަށް ގެއްލޭން ގިނަ ވަގުތެއް ނުނެގިއެވެ.
"ރާދު!... އަހަރެން ގޮތެއް ނިންމައިފިން" އަރްސަލް ބުނި އެއްޗަކަށް ރާދިން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
"އިޓްސް އަ ބިގް ޑިޒިޝަން... އެކަމަކު ވެސް ހެޔޮ. އަދި އެހާ ލަހެއްނުވޭ ކަންކަން ޗޭންޖު ނުކުރެވޭހާ" އަރްސަލް ބުނެލިއެވެ. (ނުނިމޭ)