(5 އޮކްޓޯބަރ 2021 އާ ގުޅޭ)
ބަދިގޭގައި މަންމަ ހަރަކާތްތެރިވަމުންދިޔައިރު ފެންނަ ހިސާބު ސިޓިންރޫމު ސޯފާގައި ނީރާ އޮށޯވެލައިގެން އޮތްތަން އީހާނަށް ފެނުނެވެ. ބޯދަށަށް ކުޝަން ލައްވާލައިގެން ދެ ލޯ މަރާލައިގެން އޮތް ގޮތުން ހީވަނީ ނީރާ ނިދާފައި އޮތީ ހެނެވެ. އީހާނު ފެނުމާއެކު ލަމްހާ ނިކަން އަވަހަށް ގޮވާލައިފިއެވެ.
"ހޭލީތަ؟ ދޭ ފެންވަރާލައިގެން އަންނަން." ލަމްހާ ބުނެލީ އާދައިގެ ގޮތަކަށެވެ. އީހާނުގެ ހޭވިފައިވާ އިސްތަށިގަނޑާއި ނިދަން ލާ ހަރުވާޅުގައި އޭނާ ހުރި ގޮތުން އެ އައީ ހޭލެވުނު ގޮތަށްކަން ލަމްހާއަށް އެނގެއެވެ.
"ނީރާ ކީއްވެ މިތާ އެއޮތީ." މަންމައަށް ސަމާލުކަމެއް ދިނުމުގެ ބަދަލުގައި އީހާނުގެ ނަޒަރު ހުއްޓިފައި ހުރީ ސޯފާގައި އޮތް ނީރާއަށެވެ.
"އެހެންއޮއްވާ ނިދުނީހެން ހީވަނީ. އީހާންއާ މުހިންމު ވާހަކައެއް ދައްކަންވެފަ އެބައޮތް. ނީރާއާ ގުޅިގެން. އިހަށް ދޭބަލަ ފެންވަރައިގެން އަންނަން. ނިދިކުނިކަމުގަ ތިހުރީ. ކޮފީއެއް ނުދޭނަން ތިހެން ހުއްޓަ." މަސައްކަތުގައި އުޅުނު ލަމްހާ އައިސް އީހާނުގެ ކައިރީ މަޑުކޮށްލިއެވެ. ދަރިފުޅުގެ ކޮނޑުގައި އަތްޖައްސާލާ އެތަނުން ފޮނުވާލަން އުޅޭ ފަދައިން މަޑުމަޑުން ކޮއްޕާލިއެވެ.
* * * * *
މާލޭގެ ބައިބޯ މަގުތަކުން ދުއްވަމުން އައި ކާރުގެ ފަހަތު ސީޓުގައި ފިރާގުއާ ޖެހިގެން ލައިޒަލް އިނެވެ. ދުއްވަން އިނީ ހަމްދާނެއެވެ. އުނދަގޫވާ ފަދަ ތަފާތު ހިމޭންކަމެއް ކާރުތެރެއަށް ވެރިވެފައި އޮތެވެ. ލައިޒަލް ބޭނުންނުވިޔަސް އޭނާ އިނީ ފިރާގުގެ ނިންމުމުގެ ސަބަބުން މަޖުބޫރުވެފައެވެ. ޒުވާނަކަށްވެ އަމިއްލަ ފައިމައްޗަށް ތެދުވުމުން ވެސް މައިންބަފައިންގެ އަމުރުތަކުން މިނިވަންވެވޭގޮތެއް ނުވިއޭ ހިތަށް އަރާފައެވެ. ކުރަން ބޭނުންނުވާ ކަންކަން ކުރުމަށް އެހެން މީހުން މަޖުބޫރު ކުރުމަކީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ.
"ފައިބާ." ކާރު ހުއްޓުމަކަށް އައުމުން ފިރާގު ބުނެލިއެވެ.
ހަމްދާނާއި ދެމެދު ވާހަކައެއް ބަދަލުކޮށްލެވުނު ފަދައަކުން ފިރާގު އޭނާއަށް ބޯޖަހާލިއެވެ. ކާރުން ފައިބާ ލައިޒަލް ގޮވައިގެން އިމާރާތުގެ ތެރެއަށް ވަނެވެ. ދިހަބުރީގެ އެ އިމާރާތުގެ އަށްވަނަ ފަންގިފިލާއަށް ލިފްޓުން އެމީހުން އެރިއެވެ. އެޕާޓްމެންޓުގެ ދޮރާ ހަމައަށް ފޯރުމުގެ ކުރީން ފިރާގު ކުއްލިއަކަށް ލައިޒަލްގެ ވައަތު މުލައްދަނޑީގައި ހިފާލައި ހުއްޓުވިއެވެ.
"ދަރިފުޅު އުފަންކުރި މައިމީހާ އެއީ. ރީތިކޮށް ވާހަކަދައްކާތި. މަރުގެ ތުންފަތްމަތީގައިވާ މީހެއްކަން ދަނެ އޭނާގެ ކޮންމެ ވާހަކައެއް އަޑު އަހާތި. މަންމައާ ބައްދަލުވުމުގެ ނަސީބު ﷲ ދެއްވީތީ މިފުރުސަތުގެ ބޭނުން ދަރިފުޅު ހިފާތި. ރަމްލާއަކީ ނުބައި އަންހެނެއްނޫން. ވިޔާނުދާ މީހެއް ވެސް ނޫން." ފަހުފަހަރަށް ވެސް ހަނދާންކޮށްދޭ ފަދައިން ލައިޒަލްއަށް ވިސްނައިދޭން ފިރާގު މަސައްކަތް ކުރިއެވެ.
ލައިޒަލް ފުށުން ޖަވާބެއް ނާދެއެވެ. ފިރާގުއާއެކު އޭނާ އައިސް އެޕާޓްމެންޓަށް ވަދެވެން ހުރި ދޮރުމަތީ މަޑުކޮށްލިއެވެ. އެއްފަރާތު ފާރުގައި ހުރި ބެލް ސުވިޗަށް އޮބާލިއެވެ. ގިނައިރެއްނުވެ ދޮރު ހުޅުވީ ފިރިހެނެވެ.
"ޝަކީލް." ފިރާގު ހިނިތުންވުމަކާއެކު ގޮވާލިއެވެ. އެމީހާ ފިރާގަށް އިހްތިރާމް އަދާކޮށް އަވަހަށް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ސިޓިންރޫމުގައިވާ ސޯފާތަކުގައި އިށީނުމަށް އެދުނެވެ. ޝަކީލުގެ ނަޒަރު ލައިޒަލްއަށް ހުއްޓުނެވެ. ފަރުވާތެރިކަމާއެކު ރަމްލާގެ ފިރިހެން ދަރިފުޅަށް އޭނާ ބަލާލިއެވެ. އޭނާއަށް ލައިޒަލް ފެނުނު މީ ފުރަތަމަ ފަހަރެވެ. ރަމްލާ ގެންގުޅޭ ފޮޓޯގަނޑުގައި ލައިޒަލްއަކީ ފަސް އަހަރުގެ ކުޑަކުއްޖެކެވެ. މިއަދު އެކުއްޖާ ފެންނަނީ ދިގު އިސްކޮޅެއް ލިބިފައިވާ ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ.
ގޭތެރެއަށް ވަދެގެން ދިޔަ ޝަކީލު އެނބުރި އައުމުގެ ކުރީން ފިރާގާއި ލައިޒަލްއާ ބައްދަލުކުރަން ނުކުތީ ރަޝާއެވެ. މެހެމާންދާރީ އަދާކުރުމުގައި އެކުއްޖާ އުޅުނެވެ. ސިޓިންރޫމާ އިންވެގެން ހުރި ބަދިގެއަށް އެކުއްޖާ ވަދެ އައިސްއަލަމާރިން ނެގި ޖޫސްޕެކެޓަކުން ދެ ތަށްޓަށް ޖޫސް އަޅާލިއެވެ. ކުޑަތަބަކެއްގައި ދެ ތަށި ބަހައްޓާލައިގެން އައިސް ފިރާގު މެންގެ ކުރިމަތީ ހުރި ކޮފީމޭޒުގައި ބަހައްޓާލިއެވެ. ހިނިތުންވުމަކާއެކު ކާފަ ކިހިނެއްތޯ ރަޝާ އަހާލިއެވެ. ލައިޒަލްގެ މޫނުން އަސަރެއް ފާޅުނުވިތާ ކޮއްކޮއަށް އޭނާ ބަލާ ވެސް ނުލިއެވެ. ލައިޒަލްގެ އަތުގައި ފިރާގު ހިފާލި ގޮތުން އޭނާ ޖޫސްތަށި ނެގީ އެނޫން ގޮތެއް ނެތިގެނެވެ.
"މަންމަ ކޮޓަރީގަ އޮތީ. މިއަދު އެހާ ރަނގަޅު ދުވަހެއްނޫން." ލައިޒަލްއަށް ބަލަން އިނދެ ރަޝާ ބުނެލިއެވެ.
"ބައްޕަ ކައިރީ ބުނޭ މަންމައާ ބައްދަލުކުރަން އަހަރެމެން ކޮޓަރިއާ ހަމައަށް ހިނގައިދާނަމޭ." ފިރާގު ބުންޏެވެ.
ރަޝާ އެ ޚަބަރު ހިފައިގެން ގޮސްފައި ގިނައިރެއްނުވެ އެނބުރި އައެވެ. އެތެރެއަށް އައުމަށް އެކުއްޖާ ބުނެލިއެވެ. ފިރާގުގެ އަތުގައި އޮތް ޖޫސްތަށި ތަބަކުގައި ބަހައްޓާލިއެވެ. އެންމެ އެތި ފޮދެއް ވެސް ޖޫސްތަށިން ނުބޮއެ އިން ލައިޒަލް ކާފަގެ ހަރަކާތްތަކަށް ބަލަން އިނދެ ހަމަ އެފަދައިން ކަންތައް ކޮށްފިއެވެ. ދެން ފިރާގުގެ ފަހަތުން އޭނާ ވެސް ހިނގައިގަތީ ރަމްލާގެ ކޮޓަރިއަށް ދިއުމަށެވެ.
އެނދުގައި އޮތް މަންމައަށް ލައިޒަލްގެ ނަޒަރު ސީދާވެލިއެވެ. މީހަކު ނުބުންޏަސް ރަމްލާއަކީ ބޮޑު ބައްޔަކާއި ކުރިމަތިލަމުންދާ ބަލިމީހެއްކަން ބުނަން އެނގެއެވެ. ކަޅު ބުރުގާގެ ތެރެއިން ހަމައެކަނި ފެންނަނީ އެ މޫނެވެ. ދެން ދެއަތްތިލައެވެ. އުނަގަނޑުން ތިރިވަނީ ރަޖާގަނޑުގެ ދަށުގައެވެ. ރަމްލާގެ ކައިރިން ޝަކީލް ތެދުވިއެވެ.
"ލައިޒަލް." ރަމްލާ ގޮވާލިއެވެ.
މަންމަގެ އަޑު އިވުނީ ކަންފަތަށް ނަމަވެސް އޭގެ އަސަރު ލައިޒަލްގެ މުޅި ހަށިގަނޑަށް ކޮށްފިއެވެ. މޭ ފިތިގެން ދާ ފަދަ ހިތްދަތިކަމެއްގެ އަސަރު އޭނާއަށް އިހްސާސް ކުރެވުނެވެ. ގާތަށް ދިއުމުގެ ބަދަލުގައި މަންމައަށް ބަލަން ހުރެވުނީއެވެ. ރަމްލާގެ ދެ ލޯ ފެންކަޅިވެފައިވާތަން ލައިޒަލް ދުށްޓެވެ. ފިރާގު އައިސް ލައިޒަލްގެ ބުރަގަށީގައި އަތްޖައްސާލިއެވެ. މަޑުމަޑުން ކުރިއަށް ކޮށްޕާލުމުން ލައިޒަލް ކާފައަށް ބަލާލިއެވެ. އެހިނދު ކާފަ ބޯޖަހާލީ މަންމަގެ ގާތަށް ދާށޭ ބުނާ ފަދައިންނެވެ. ހިތްދަތިކަމާއެކުވެފައިވާ އެތައް އަހަރެއްގެ ޝަކުވާ ލައިޒަލްގެ ހިތުގައި ފުނިޖެހިފައިވެއެވެ. އެހެންވިޔަސް ކާފަގެ އެއްވެސް އެދުމެއް ބޮލާލާ ޖެހުމަކީ ލައިޒަލް ކުރާނޭ ކަމެއްނޫނެވެ. މަންމައާއި ބައްޕައަކަށް ބޭނުންވީ ދުވަހު އެ މަގާމު ފުރާދިން މީހަކީ އެ ކާފައެވެ. ލައިޒަލް މަޑުމަޑުން އައިސް ރަމްލާގެ މަގަތުން އެނދުގައި އިށީނެވެ.
"ފަރުހަތުހެން ހީވަނީ." ހިނިތުންވުމަކާއެކު ރަމްލާ ބުނެލިއެވެ. އުފުލާލި އަތް ގެނެސް ލައިޒަލްގެ ފަހަތުން ކޮނޑުގައި ޖައްސާލައި ފިރުމާލިއެވެ. ލައިޒަލްއަށް ލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ޒަމާންތަކަކަށްފަހު ވެސް މަންމަގެ ބީހުން އިހްސާސްވުމުން އެއީ މަންމަކަން ބުނަން އޭނާގެ ހިތާއި ނަފްސަށް އެނގިއްޖެއެވެ. މަންމަގެ ފަރާތުން ދުށް އޯގާތެރިކަމުގެ ހަނދާންތައް އެ ކުޑަކުޑަ ބީހުމުން ވެސް ލައިޒަލްއަށް އިހްސާސް ކުރެވުނެވެ.
"ލައިޒަލްއާ އަހަރެން ވާހަކަދައްކާލަން ބޭނުން." ކޮޓަރީގައި ތިބި ޝަކީލާއި ފިރާގަށް ބަލަމުން ރަމްލާ ބުންޏެވެ.
ރަމްލާގެ އެދުމަށް ލައިޒަލް ނޫން އެންމެން އެ ކޮޓަރިން ނުކުތެވެ. ދަރިފުޅާއެކު އެކަނިވުމުން ވާހަކަދައްކަން ވަގުތުކޮޅެއް ރަމްލާއަށް ބޭނުންވިއެވެ. އެހެންވިޔަސް އޭނާ އެ އިނީ އުފަލުންނެވެ. ﷲއަށް ޝުކުރުވެރިވާ ހާލުގައެވެ. ފިރިހެންދަރިފުޅާ ބައްދަލުވާނެކަމުގެ އުންމީދެއް ނެތިފައިވަނިކޮށް އެކަން އޭނާއަށް ފަހިކޮށްދެއްވީ އެކަލާނގެއެވެ. މިއަދު އެ ދަރިފުޅު އޭނީ އޭނާގެ އަތްޖެހޭ ހިސާބު ކައިރީގައެވެ. އެކަމަކު މިހާރު އެއީ އޭނާ ދޫކޮށްލާފައި އައި ކުޑަ ކުއްޖާއެއް ނޫނެވެ. ލައިޒަލް ބޮޑުވެ ޒުވާނަކަށް ވެއްޖެއެވެ. އޭނާގެ ބައްޕަ ފަދައިން މީހުންގެ ލޯތަކުގައި އަޅައިގަންނަ ފަދަ ރީތިކަމެއް ލިބިފައިވެއެވެ.
"މީހަކާ އިންވާހަކަ ކާފަ ބުނި." ރަމްލާ ހިމޭންކަން ކަނޑުވާލިއެވެ. ލައިޒަލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.
"މަންމަދެކެ ނުރުހިފައިކަން އެނގޭ. މިހާ ދުވަހު ލައިޒަލްގެ ހާލު ބަލާނުލާ ހުރެފަ ކުއްލިއަކަށް ލައިޒަލްގެ މަތިން ހަނދާންވާންވީ ކީއްވެތޯ ސުވާލު އުފެދޭނެކަން އެނގޭ. މަންމަގެ ނިންމުން ދިފާއުކުރާކަށް ބަހަނާތަކެއް ނުދައްކާނަން. ލައިޒަލްގެ ކުށެއް އޮވެގެންނޫން މަންމަ ދިޔައީ. އަނތްބަކަށް ފިރިއެއްގެ ލޯތްބާއި އަޅާލުން ބޭނުންވާނެ. އެ އަޅާލުމާއި ލޯބި ލިބޭތޯ ވަރަށް މަސައްކަތްކުރީން. ފަރުހަތަކީ މަސައްކަތްދެކެ ލޯބިވާ މީހެއް. އޭނާއަށް އަނބިދަރީންނަށްވުރެ އޮފީހުގެ ކަންކަން މުހިންމު. އަހަރެންގެ ބަލިކަށިކަން އެއީ އެކަމަށް ކެތްނުކުރެވުން. ވަރިވާން އެދުނީ އެހެންވެ. އޭރު ލައިޒަލް ކުޑަކަން އެނގޭ. އެކަމަކު ފަރުހަތަށްވުރެ ފިރާގު ދަރިފުޅުގެ މުސްތަގުބަލާމެދު ވިސްނާވަރު އަހަރެން ދުށީން. އަހަރެން ލައިޒަލް ގޮވައިގެން ދާން އުޅުނުނަމަ ފަރުހަތު ނުހުއްޓުވާނެކަން އެނގޭ. އެކަމަކު އެހެން ނުހެދީ ލައިޒަލްއަށް ޓަކައި. އަހަރެންގެ ކައިރީ ހުރުމަށްވުރެ ފަރުހަތުގެ ކައިރީ ހުރެއްޖެނަމަ ލައިޒަލްގެ ދިރިއުޅުން ފަސޭހަވާނެތީ. އަހަރެންނަކީ އެއްވެސް އެއްޗެއް އޮތް މީހެއްނޫން. ވަރިވެގެން އަހަރެން އައީ ބޮޑުދައިތައާއި އޭނާގެ ކުދީން ދިރިއުޅޭ ތަނަށް. އޭރު އިންތިހާއަށް ފަރުހަތުދެކެ ފޫހިވެފަ ހުރިވަރުން އަހަރެން އޭނާ ލައްވާ އެއްވެސް ޚަރަދެއްކުރާކަށް ބޭނުންނުވީ. ލައިޒަލް ގޮވައިގެން އައިނަމަ އަހަރެމެން ދިރިއުޅޭނެ ގޮތެއް އޭނާ ހަމަޖައްސާ ދޭނެކަން އެނގޭ. އެކަމަކު އެގޮތް އަހަރެން ބޭނުންނުވީ. އަހަންނަށް މިހިސާބަށް އާދެވިފަ މިހުރީ ގޯސްތަކެއް ވެސް ހެދިގެން... އޭރުގެ އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމުގައި މިހާރު އަހަރެން ގަބޫލެއްނުކުރަން. އިންސާނުންވީމަ ކުށް ކުރެވޭނެ. ވިސްނިގެން ރަނގަޅުކުރުމާއެކު އެކަމުން ލިބުނު ތަޖުރިބާގަ ދިރިއުޅުން ކުރިއަށްދާނީ. ލައިޒަލްއާ މެދު ކަންތައް ކުރެވުނު ގޮތުން މިހާރު ވަރަށް ދެރަވޭ. ދަރިފުޅަށް ކަމެއްކޮށް ނުދެވުނަސް ހާލު ބަލާ ހެދުނުނަމައޭ ހިތަށް އަރާ. އެކަމަކު ދުރުގައި މިހެން ހުރެހުރެ ފަހުން ދާން ވެސް ނުކެރުނީ. މަންމައަށް ދަރިފުޅު ބޭނުންނުވާނޭ ޔަގީންވާތީ. ފަރުހަތުގެ މަރަށްފަހު ދަރިފުޅު އެކަނިވާނޭކަން ހިތަށް އެރި. އޭރު ޝަކީލްއާއެކު އަހަރެން އާ ދިރިއުޅުމެއް ފަށައިފިން. މި ކައިވެނީގެ ހަމަޖެހުން ލައިޒަލް ގެނައުމުން ގެއްލިދާނޭކަމުގެ ބިރު ހިތުގައި އޮތްވަރުން އަނެއްކާވެސް ނިންމީ ލައިޒަލް ދުރުގައި ބަހައްޓަން. ފިރާގު ރަނގަޅަށް ބަލާނެއޭ ހިތަށް ވިސްނައިދިނީ. އަހަންނަކަށް ބޭނުމެއްނުވާނެއޭ. މީ ހުސް އަހަރެންގެ ބަލިކަށި ވިސްނުންތަ؟ މިއަދު އެނގޭ އެ ދުވަހު ލައިޒަލް ގޮވައިގެން އަހަރެން އައި ނަމަވެސް ޝަކީލް އަހަރެމެން ދެމައިން ބަލަހައްޓާނެކަން. އެކަހަލަ މީހެއްކަން އެއީ. ފަރުހަތުގެ އަޅާލުން ލައިޒަލްއަށް ނުލިބޭކަން އެނގުނީ ދަރިފުޅުގެ ކާފަ ކިޔާދިނީމަ. އޭނާއަކީ އުނދަގޫ މީހެއް. އެހެންވިޔަސް ލައިޒަލްއަކީ އަހަންނާއި ފަރުހަތު ބޭނުންވެގެން ހޯދި ދަރިއެއް. ކައިވެނި ރޫޅުނަސް ދަރިފުޅުދެކެ އަހަންނެކޭ އެއްގޮތަށް ފަރުހަތު ވެސް ލޯބިވާނެކަން ޔަގީން. އޭނާއަކީ ތަފާތު މީހެއް. ހީނސަމާސާކުރާކަށް ނޭނގޭނެ. މީހުންނާއެކުވެ އުޅޭކަށް ނޭނގޭ. މުއާމަލާތަކީ ދެމީހެއްގެ ދެމެދުގައި ކިހާ މުހިންމު އެއްޗެއްކަން ނޭނގޭ. ފަރުހަތު އެދޭގޮތް ދެނެގަންނަން ޖެހޭނީ އަނެއްމީހާ. އުނދަގޫ މީހަކަށް އޭނާ ވަނީ އެހެންވެ. އިހްސާސް ފާޅުކުރަން އޭނާއަށް އުނދަގުލީ، އެކަމަކު އެކަހަލަ މީހެއްގެ ކަންކަމަށް ކެތްތެރިވާހާ ކެތްތެރިކަމެއް އަހަރެންގެ ނެތީ. ލައިޒަލް... މަޢާފުކުރާށޭ ނުބުނާނަން. އެހެންވިޔަސް ދަރިފުޅުގެ ގާތުން މަންމަ މަޢާފަށް އެދެން. މަންމަ ބޭނުންވީ ފަހު ފަހަރަށް ވިޔަސް ދަރިފުޅު ދުށުމަށް. ދަރިފުޅާމެދު މަންމަ ކަންތައް ކުރީ އިންސާފުވެރިކޮށްނޫން. ލައިޒަލް ދެކެ މަންމަ ލޯބިވޭ. ދުރުގައި ހުއްޓަސް އެ ލޯބި މިހިތުގަ އަބަދުވެސް އޮތް."
"ތިވާހަކަތަކުން އަހަރެން ހިތްހަމަޖައްސާލަންވީތަ؟" ރަމްލާގެ ވާހަކަދެއްކުން ހުއްޓާލާ ހިމޭންވުމުން އިރުކޮޅަކު މަޑުން އިނދެފައި ލައިޒަލް ބުނެލިއެވެ.
"ކުއްލިއަކަށް މިހެން ދައްކާލާ ވާހަކައަކުން އެތައް އަހަރެއްގެ ރުޅިއާއި ނަފުރަތު ފިނި ނުވާނޭކަން އެނގޭ. އެހެންވިޔަސް ވަގުތު ފާއިތެއްނުވޭ. ދިރިހުއްޓާ މިވާހަކަތައް ދަރިފުޅާ ހިއްސާ ކުރެވުންމީ ވަގުތު ފާއިތުނުވާކަމުގެ ހެއްކެއް. މަންމައަށް މިވަރުން ފުދޭ. ނުވަމަސް ވަންދެން ދަރިފުޅު ދުށުމަށް މަންމަ އިންތިޒާރުކުރިން. ތި މޫނު ފެނުނު ހިނދު، މި ދުނިޔެއަށް ދަރިފުޅު އުފަންކުރުމަށް އުފުލި ހުރިހާ ވޭނެއް އަހަރެންގެ ކިބައިން ފިލައިގެން ދިޔަ ފަދަ. މިއަދު އެތައް އަހަރަކަށް މަންމަގެ ގާތަށް ދަރިފުޅު ތިއައީ. ތި މޫނު ފެނުމުން މިއަދުވެސް އަހަރެންނަށް ލިބެމުން މިދާ ވޭންތައް ލުއިވެ ހިތަށް ފަސޭހަކަން އިހްސާސް ކުރެވިއްޖެ. ދަރީން ބޮޑާ ހާކައި ރުޅިއައުމަކުން މަންމަގެ ހިތުގައިވާ ލޯތްބަށް އުނިކަމެއް ނާންނާނެ. ލައިޒަލްގެ ތި ބޮޑާހޭކުން ހައްގުކަން މަންމައަށް އެނގޭ." ލައިޒަލްގެ ކޮނޑާ ދިމާލުގައި ރަމްލާ ފިރުމާލިއެވެ.
* * * * *
އީހާނު ފެންވަރައިގެން ސައިބޯން ނުކުތްއިރު ސޯފާގައި ލަމްހާ އިނެވެ. ހީވަނީ އީހާނަށް މަޑުކޮށްގެން އިނީ ހެނެވެ. އޭނާއަށް ނީރާއެއް ނުފެނުނެވެ. ދަތްކުނޑިވިކާލެވުނެވެ. އެހެންވިޔަސް އޭނާ އެއައީ ފެންވަރަން ހުރިއިރު ވަރަށް ވިސްނާ ގޮތެއް ނިންމައިގެންނެވެ. ކާމޭޒުމަތީ ލަމްހާ ހުރީ އީހާނަށް ސައި ނަގާފައެވެ. އޭނާ އިތުރަށް ހަމައެކަނި ކޮފީ ތަށްޓެއް ހަދައިގެން ގެނައީއެވެ. ފިރިހެން ދަރިފުޅާއެކު ކާމޭޒުދޮށުގައި ލަމްހާ އިށީނެވެ. އީހާނު ސައިބޮއެ ނިމެންދެން ލަމްހާ ކެތްތެރިވިއެވެ. އޭނާ ވާހަކަދައްކަން ފެށީ އޭގެ ފަހުގައެވެ.
"އީހާނު ގައިގަ މަންމަ ދުވަހަކުވެސް ޖެހިންތަ؟ އެއްވެސް ކަހަލަ އަނިޔާއެއް ކުރީންތަ؟ ދެރަވެ ހިތުގާ ޖެހާ ފަދަ އެއްޗެއް މަންމައަށް ބުނެވިފަ އެބައޮތްތަ؟."
"މިހާރު އަހަންނަށް ކީއްކުރެވުނީ." ލަމްހާގެ ވާހަކަތަކުން އީހާނު ހައިރާންވިއެވެ. މަންމަ އެކުރީ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ކަހަލަ ސުވާލުތަކެކެވެ.
"އަމިއްލައަށް މަރުވުމަކީ ކޮންކަހަލަ ކަމެއްކަން އީހާނަށް އެނގޭތަ؟" ލަމްހާ ދެން ވެސް ކުރީ ސުވާލެވެ. އީހާނު އިސްޖަހާލަމުން ބޯން އިން ކޮފީތަށްޓަށް ބަލާލިއެވެ. އެއަށްފަހު މަޑުމަޑުން ބޯޖަހާލީ ލަމްހާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
"މަންމައަށް ކޮންއިރަކު ބުނެވުނީ ނީރާއާއި އީހާނު ކައިވެނިކުރަން. ޔަގީނުން ވެސް އެފަދަ ވާހަކައެއް ބުނެވުނު ހަނދާނެއް މަންމަ ނުވޭ. އަޅެ އީހާނު ބުނެބަލަ. އެފަދަ އެއްޗެއް ބުނެވިފަ އޮތިއްޔާ."
"ނޭނގެ ތިކިޔާ އެއްޗެއް. ތިގުޅުވަނީ ނީރާއާނަމަ، ޝީ އިޒް މައި ވައިފް. އަހަރެމެން މިތިބީ އިނދެގެން. އެހެންވީމަ މަންމަ ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ." އީހާނު ހާސްވިއެވެ. އޭނާ ގަޔާނުވާނޭކަން ލަމްހާއަށް އެނގެއެވެ. އެހެންވިޔަސް އީހާނާ ވާހަކަދައްކަން ޖެހިއްޖެކަން ލަމްހާ ގަބޫލުކުރެއެވެ.
"ގަނޫނީ ގޮތުން ކައިވެނި ކުރެވިއްޖެ. ދުނިޔެއަށް ދެމަފިރިންކަމުގައި ވެއްޖެ. އެކަމަކު ހަގީގީ ދެމަފިރިންނަށް ވުމަކީ ކޮބާކަން އެނގޭތަ؟. އެ ގުޅުމުގައި ހިމެނޭ ސިފަތަކަކީ ކޮބާކަން އެނގޭތަ. އެއީ ކިހާ ސާފު މާތް ގުޅުމެއްކަން އެނގޭތަ. އެ ގުޅުމުގެ ފުރަތަމަ ބިންގާ އޮޅުވާލުމަކަށް ވެއްޖެނަމަ، އެހިސާބުން އެ އޮތީ ފެށުން ވެސް ގޯސްވެފަ. ލޯތްބާއި އަޅާލުމާއި، އިތުބާރާއި، އިހްތިރާމު ނެތިއްޖެނަމަ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ. މިއިން އެއްވެސް ކަމަކީ މަޖުބޫރުން ހޯދިދާނޭ ކަމެއްނޫން. ލޯތްބަކީ ނާޒުކު އިހްސާސެއް، އެ ލޯތްބަށް އަނިޔާ ލިބިއްޖެ ހިތެއްގައި ނަފުރަތު ނޫނީ ނުވާނެ. އެ ނަފުރަތާއެކު ކުރާ އިތުބާރާއި، އިހްތިރާމު ނެތިގެންދާނެ. ދެމަފިރިއަކަށް އެހިސާބުން ދެން ހާސިލުވާނީ ކޮންކަމެއް؟ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ޔަގީނުން ވެސް ނުލިބޭނެ. އީހާނު އަޑު އަހަންތަ އެއް އަތް ޖެހިޔަސް އަޑެއް ނުކިޔާނޭ ބުނެއުޅޭ. ލޯތްބަކީ ދެ ހިތެއްގައި އެއް ވިންދެއް ޖެހުމުން ލިބޭ ހިތްހަމަޖެހުމެއް. އެކަކު އެކަނި ލޯބިޔަސް ނުފެދޭނެ."
"ދެޓްސް އިނަފް މަންމާ." އީހާނަށް އަޑު އަހަން ދަތިވީއެވެ. ލަމްހާ އެ ދައްކަނީ އޭނާއާއި ނީރާގެ ވާހަކަކަން އީހާނަށް ޔަގީންވާތީއެވެ.
"ކީއްވެ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ. ހަމައެކަނި ނީރާއަކަށްނޫން. މަންމަމެންނަށް ވެސް."
"އައި ލަވް ހާ." އީހާނު ބުނެލިއެވެ.
"އެހެނެއްނޫން ލޯބިވާނީ. އެއީ ލޯތްބެއްނޫން. ނީރާގެ އުފާވެރިކަން ގެއްލިއްޖެ. އޭނާ އަހަރެމެންދެކެ ފޫހިވެއްޖެ. އެހެންނުވާންވީ ސަބަބެއްނެތް. މިއަދު މަންމަ މިވީ އެކުއްޖާއަށް ކޮށްދިން ކަންތައްތަކުގެ ބަދަލު ހޯދުމަށް އުޅުނު އަމިއްލަ އެދުން ބޮޑު ނުބައި އަންހެނަކަށް. ނީރާއަކީ ދަރިއަކަށްވުރެ އަހަރެންގެ ދަރިފުޅަށް ޓަކައި ރައްކާކޮށްގެން ގުޅެމުން އައި މުދާގަނޑަކަށް ވެއްޖެ. އެހާ ދަށުދަރަޖައަކަށް މަންމަ ވައްޓާލީ އީހާނު. މަރުވެފައިވާ މުޅަ މަސްގަނޑެއް ގޮވައިގެން އުޅެން ހެޔޮވެއްޖެނަމަ އޭނާގެ ބުއްދި އެވަނީ ފިލާފައި. ދުނިޔެއަށް ނޭވާ ލިޔަސް ނީރާގެ ދިރުން ނެތެމުންދާކަން އީހާނަށް ނޭނގޭތަ. އީހާން..."
"ނުކުރާނަން ވަރިއެއް. މަންމަ މިކަމުގެ ތެރެއަށް ނުވަދޭ."
މޭޒުދޮށުން އީހާނު ތެދުވިއެވެ. އެއާއެކު ލަމްހާ ވެސް ތެދުވެއްޖެއެވެ. އީހާނު އައިސް ދިމާކުރީ ނީރާގެ ކޮޓަރިއަށް ވަންނާށެވެ. އެހިނދު އީހާނުގެ ކަނާއަތުގެ މުލައްދަނޑީގައި ލަމްހާ ހިފީ ދެއަތުންނެވެ.
"ނީރާއަކީ އަހަރެންގެ އަނބިމީހާކަން މަންމައަށް ނޭނގެނީތަ؟ އޭނާއާ ދުރުގައި ހުންނަން މަންމައަކަށް ވެސް ނުބުނެވޭނެ. އަހަރެންގެ އަނބިމީހާއާ ވާހަކަދައްކަން މިއުޅެނީ. ދޫކޮށްލާ." އީހާނުގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައި ވިއެވެ.
"އެކުއްޖާގެ ކުރިމަތީ މަރުވާން އުޅެފިނަމަ އަހަރެންމީ މަންމަކަން ހަނދާންނައްތާލާތި. މަރުވިޔަސް އަހަރެން މިއަދު އަޅާވެސް ނުލާނާން. އެއީ ވެސް އަހަރެންގެ ދަރިއެއް. އޭނާ މަރުވާން ދޫކޮށެއް ނުލެވޭނެ. ހުރިހާ ގޯހެއް ހެދީ އީހާނު."
"ދޫކޮށްލާ މަންމާ. ދެމަފިރިންގެ ދެމެދަށް މައިންބަފައިން ވަންނަނީނަމަ އަހަންނަށް އަހަރެން އަނބިމީހާ ގޮވައިގެން ދާން ޖެހިދާނެ." އީހާނުގެ ޖުމްލަތަކާއެކު ލަމްހާއަށް އަތް ހިއްލާލެވުނެވެ. އީހާނުގެ މޫނުގައި ޖަހަން ބޭނުންވިޔަސް އޭނާއަށް އެކަމެއް ނުވިއެވެ. ދެ ލޯ ފެންކަޅިވީ ކުރިމަތީ ހުރީ އޭނާގެ ފިރިހެން ދަރިފުޅުބާއޭ ހިތަށް އަރާފައެވެ. އެކުއްޖާ ނީރާއާ ހެދި ދީވާނާވެފައިވާވަރު ފެނި ލަމްހާގެ ހިތް ބިރުގަތެވެ. އާގަމަވެފައި ހުރިވަގުތު ލަމްހާގެ އަތް ނައްޓުވާލާފައި ނީރާގެ ކޮޓަރިއަށް އީހާނު ވަދެއްޖެއެވެ.
އެނދުގެ ހުރަހަށް ވާހެން ފާރުގައި ލެނގިލައިގެން އިން ނީރާ ހަލުވިކޮށް އެނދުން ފޭބިއެވެ. ދޮރުލައްޕާލި ގޮތަށް ކުރިއަށް ފިޔަވަޅެއް އަޅާފައި އީހާނު ހުއްޓުނީއެވެ. އެމޫނުން ރުޅީގެ އަސަރު ފެންނަން ހުއްޓެވެ. ދަތްކުނޑިވިކާލާ ކޮންމެ ފަހަރަކު އީހާނުގެ ކޯކަށިގަނޑުން އެކަން ފާޅުވެލައެވެ. އީހާނުއާ ލަމްހާ ވާހަކަދެއްކީކަން ނީރާ ލަފާކުރިއެވެ. ޖެހިލުންވެފައި ހުއްޓެއްކަމަކު އީހާނާއި ކުރިމަތިނުލާ ހުރިހާ ކަމެއް ނިމުމަކަށް ނާންނާނޭކަން ނީރާއަށް އެނގެއެވެ. ކޮޅަށް ހުރުމުގެ ބަދަލުގައި ނީރާ އެނދުގެ އެއްފަރާތުގައި އިށީނީއެވެ.
"ލައިޒަލް އަހަންނަށް ވަރަށް ފުރިހަމަ ހަދިޔާއެއް ފޮނުވައިފި." އީހާނު ބުނެލިއެވެ. ލައިޒަލްގެ ނަން އިވިފައި ވެސް ނީރާ ސިހިއްޖެއެވެ. އީހާނުގެ ބުނެލި ރާގުން އެއީ ރަނގަޅު ހަދިޔާއަކަށް ނުވާނޭ ނީރާ ވިސްނުނެވެ. ލައިޒަލް ރަނގަޅު ނިޔަތެއްގައި އީހާނަށް ހަދިޔާއެއް ނުދޭނެކަން ޔަގީންވާތީއެވެ.
"ފިރިމީހާއަށްވެ ހުރެ އަހަންނަށް އަނބިމީހާގެ ނުފެންނަ އެތައް މަންޒަރެއް ފެނިއްޖެ." ކުރިއަށް ފިޔަވަޅު އަޅަމުން އީހާނު ވާހަކަދެއްކިއެވެ. އޭނާ ނީރާގެ ކައިރީ ހުއްޓުމާއެކު އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ފޯނުން ވީޑިއޯ ޕްލޭކޮށްލުމާއެކު އީހާނުގެ ނަޒަރު ނީރާއަށް ހުއްޓުނެވެ. އިވެމުންދިޔަ އަޑުތަކުގެ ތެރެއިން ލައިޒަލްއަށް ނީރާ ގޮވަމުންދިޔަ އަޑު އީހާނުގެ ފޯނުން އިވުނެވެ. އެހިނދު ނީރާއަށް ތެދުވެވުނު ގޮސް ވެސް ނޭނގެއެވެ. އީހާނުގެ އަތުން އޭނާ ފޯނު އަތުލަން އަތް ހޫރާލިއެވެ. ހުސިޔާރުވެ ހުރި އީހާނު ދެމިގަތީ ނީރާއާ ދުރަށެވެ. އޭނާ ފޯނު ހިއްލާލައި އަނބުރާލިއެވެ. ނީރާއަށް ފެންނާނޭ ގޮތަށެވެ. ހުއްޓުން އަރާފައި ނީރާއަށް ބަލަން ހުރެވުނީއެވެ.
"ލަ..އި..ޒަ..ލް..." ނީރާގެ ދޫ ހަރަކާތެއް ނުކުރި ނަމަވެސް އޭނާގެ ހިތް ގޮވާލިއެވެ.
ފޯނުގެ އިސްކުރީނުގައި އިނގިލި ޖައްސާލައި ލިބިފައި ހުރި ފޮޓޯތަކަށް ދަންދެން ނީރާއަށް އީހާނު ދައްކާލިއެވެ. މޭފިތި ހިތްކުދިކުދިވީ ނަމަވެސް ނީރާ ބަލިކަށިކަމުގެ އަސަރެއް ނުދެއްކިއެވެ. ޝިކާރައަށް ތައްޔާރުވަމުންދިޔަ ސިންގާއެއް ފަދައިން އީހާނު ދުރުގައި ބަލަން ހުއްޓެވެ. ދަހިވެތި ބެލުމަކުން ނީރާއަށް ބަލާށެވެ. އޭނާގެ ނިޔަތް ނަގައިގަންނަން ނީރާއަށް އުނދަގުލެއްނުވިއެވެ. އެއީ ނީރާއަށް އީހާނުގެ ފުށުން އަލަށް ފެންނަ ސިފައެއް ނޫނެވެ.
"އިފް... އިފް ޔޫ ޑޫ ވިތް މީ... އައި ވިލް ފޮގެޓް އަބައުޓް ދިސް." ފަހު ޖުމްލައާއެކު އީހާނު ފޯނު ދައްކާލިއެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން ނީރާ ދެ ލޯ މަރާލުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ.
ލައިޒަލްގެ އެޕާޓްމެންޓުން ނުކުމެގެން އައިރޭގެ މަތިން ނީރާ ހަނދާންވިއެވެ. ހަމައެއާއެކު ޝަކުވާއިން ނީރާގެ ހިތް ފުރުނެވެ. އީހާނާ ކައިވެނި ކުރަން އުޅުންއިރު އެކަން ހުއްޓުވުމަށް ލައިޒަލްއަށް އެ ވީޑިއޯތަކާއި ފޮޓޯތަކުގެ ބޭނުންކުރެވުނީހެވެ. މިހާ ދުވަސްފަހުން އެތަކެތި އީހާނަށް ފޮނުވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. މިހާރު އެ ތަކެތިން ވާނޭ ފައިދާއެއް އެބައޮތް ހެއްޔެވެ. އީހާނު ކަހަލަ މީހަކު އެފަދަ އެއްޗެއް ފެނިގެން އޭނާ ވަރިކުރާނޭ ލައިޒަލްއަށް ހީވަނީ ހެއްޔެވެ. އެކަމަކު އީހާނާއަކީ އެއަށްވުރެ ޗާލާކު މީހެއްކަން ލައިޒަލްއަށް އެނގެއެވެ. އީހާނާމެދު ސަމާލުވާން ލައިޒަލް ބުނަމުން އަންނަނީ އެހެންވެއެވެ. ދެން އެހެންވީއުރު އޭނާ މިހާރު އެފަދަ ނުވިސްނޭ ކަމެއް އެކުރީ ކީއްވެ ހެއްޔެވެ.
"ނީރާ..." އީހާނު ގޮވާލިއެވެ.
"ގޯ ޓު ހެ*..." ނީރާ މިހެން ބުނެލިއިރު އެ ދެ ލޮލުން އަލިފާންކަނި ބުރާލި ފަދައެވެ.
މަޑުމަޑުން ނީރާގެ ގާތަށް އޭނާ އައެވެ. އީހާނު ކައިރިވަންދެން ނީރާ ނުހުއްޓެވެ. އޭނާ ހަލުވިކޮށް ދޮރު ހުޅުވަން އައެވެ. ލަމްހާއަށް ނޭނގި އީހާނަށް އެ ކޮޓަރިއަށް މިހާރު ނުވަދެވޭނެކަން ނީރާ ދެނަހުއްޓެވެ. ވީއިރު ކަމެއް ގޯސްވާނަމަ އޭނާ ގޮވާލާ އަޑު އިވޭ ހިސާބު ލަމްހާ ހުންނާނޭކަން ޔަގީން ކުރިއެވެ.
"މަންމައަށް މިއެއްޗެހި ފެންނަންތަ ބޭނުމީ." އީހާން ކުއްލިއަކަށް ބުނެލިއެވެ. (ނުނިމޭ)