ހަބަރު

އެމްއެމްޕީއާރްސީގެ އޮޑިޓަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން: އޮޑިޓަ ޖެނެރަލް

Oct 29, 2015
4

އެމްއެމްޕީއާރުސީ އޮޑިޓް ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރި ނުވާނެ ކަމަށާއި އެކަމަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާނެ ކަމެއް ނުކުރައްވާނެ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިިން ޑިރެކްޓަރަކީ ޒިޔަތުގެ އެއްބައްޑު އެއްބަފާ، އަބްދުﷲ ޒިޔަތު އެވެ. އެ ކުންފުނި މެދުވެރިކޮށް ނާޖާއިޒު ހަރަދުތަކެއް ކޮށްފައިވާ މައްސަލަތައް ބަލަން ރައީސް އޮޑިޓް އޮފީހާ ހަވާލު ކުރެއްވުމުން އާންމުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެމްއެމްޕީއާރުސީގެ އެމްޑީ، ޒިޔަތު ހުންނެވީ އެ ތުހުމަތުތަކާ ގުޅިގެން ހައްޔަރު ވެސް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން، "އަވަސް" އިން މިއަދު ސުވާލު ދެންނެވުމުން ޒިޔަތު ވިދާޅުވީ މަސްލަހަތު ފުށުއަރާ ދަނޑިވަޅުތަކުގައި އެފަދަ އޮޑިޓްތަކުން އެއްފަރާތްވުމުގެ އުސޫލުތަަކެއް އޮޑިޓް އޮފީހުގައި އޮންނަ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ އޮޑިޓަކީ އޭނާގެ މަސްލަހަތު އޮތް މަސައްކަތަކަށް ވުމުން އޭގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާން ނިންމައި އެކަން ރައީސް އޮފީހަށް އަންގާފައި ވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. އަދި އޮޑިޓް އޮފީހުގެ ގާނޫނުގެ ދަށުން އެ އޮޑިޓްގެ ކަންކަން ކުރިއަށް ގެންދިޔުމާއި ރިޕޯޓް އެޕްރޫވް ކުރުމަށް ސޮއި ކުރުމާއި އެ އޮޑިޓްގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ބާރު ޑެޕިއުޓީ އޮޑިޓަ ޖެނެރަލަށް ދީފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

"އޮންނަ އުސޫލުގެ ދަށުން އަޅުގަނޑު އެ އޮޑިޓްގެ ހުރިހާ ކަމަކުން އެއްފަރާތް ވެގެން މި ހުރީ. އޮޑިޓް އޮފީހުގައި ޒަމާނުއްސުރެ އޮވޭ މިކަހަލަ މަސްލަހަތު ހުންނަ ކަންކަމުން އެއްފަރާތް ވުމުގެ އުސޫލެއް. މީގެ ކުރިން މިތަނުގެ މުވައްޒަފުން އެބަ ހުރި މަސްލަހަތު ހުންނަ އޮޑިޓްތަކުން އެއްކޮށް އެއްފަރާތްވެފައި. އެގޮތަށް އަޅުގަނޑުވެސް މި އޮޑިޓް ކުރުމުގެ އެއްވެސް ކަމެއްގައި ނޫޅޭނަން އެ އޮޑިޓަށް އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ފޯރުނުވެވޭ ގޮތަށް އަޅުގަނޑު މި ހުރީ އެކަމުން އެއް ފަރާތްވެގެން. ރައްޔިތުންނަށް އެ ޔަގީންކަން ދެން،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ބަލަނީ ކޮރަޕްޝަންގެ މައްސަލަތައް ވެސް ހިމެނޭ ކަމަކަށް ވާތީ އޭސީސީ އިން ވެސް މިކަން ދާގޮތް ބަލައި އޮޑިޓަރުންނަށް އެހީތެރިކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އޮފީހުން އެދިވަޑައިގެންފައިވާ ގޮތަށް އެމްއެމްޕީއާރުސީގެ ފުރިހަމަ އޮޑިޓެއް އެއްވެސް ކަމެއް ފޮރުވުމެއް ނެތި އޮޑިޓް އޮފީހުން ހާމަކުރާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަދަ މަދު އާބާދީއެއް އޮތް ގައުމެއްގައި މަސްލަހަތު ފުށު އެރުމުގެ މައްސަލަތަކާ ކޮންމެ މަގާމެއްގައި ހުންނަ މީހަކަށް ވެސް ކުރިމަތިވާނެ އެވެ. އެއީ އެއްފަރާތް ނުކުރެވޭނެ ކަންތައްތަައްކަން ފާހަގަ ކުރައްވަމުން ޒިޔަތު ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އެފަދަ ކަންކަމުން އެއް ފަރާތްވެ، މިނިވަން އިންސާފުވެރި ކޮށް އެ މުއައްސަސާއަކުން އަމަލު ކުރާ ނަމަ ރައްޔިތުންގެ އިތުބާރު އެ މުއައްސަސާއަކަށް ނުގެއްލޭނެ އެވެ.

"މި އުޅެނީ އަޅުގަނޑުގެ މައްސަލައެއް ފެންމަތިވެގެނެއް ނޫން. އޮޑިޓް އޮފީހުން އަޅުގަނޑުގެ މައްސަލައެއް ނުބަލާ. އަޅުގަނޑުގެ އެއް ބަފާ މީހެއްގެ މައްސަލައެއް މި އުޅެނީ. އެހިސާބުން އަޅުގަނޑު މި ހުންނަނީ އެ އޮޑިޓް ކުރިއަށް ގެންދިޔުމަށް ހުރިހާ ބާރުތަކެއް އަދި ކަންތައްތަކެއް އޭގެ ފުރިހަމަ ގޮތުގައި އޮފީހަށް ފުރިހަމަ ކޮށްދިނުމަށް ފަހު އެއްފަރާތް ވެގެން. މިކަހަލަ މަސްލަހަތު ފުށު އަރާ ކަންކަމުގައި އޮންނަ އުސޫލުން އަމަލު ކުރީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގައި އާންމުންގެ އިތުބާރު ދެމެހެއްޓޭނެ ކަމަށް. އެގޮތަށް އަޅުގަނޑު އަމަލު ކުރަމުން މި އަންނަނީ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހަށް ވެސް އެ އޮޑިޓް ކުރިއަށް ދާ ގޮތް މޮނީޓާ ކުރެވޭނެ ކަމަށާއި އެކަން ގެންދާނީ ދެ ފުށްފެންނަ ގޮތަކަށް ކަމަށެވެ. އެމްއެމްޕީއާރުސީގެ ބަޖެޓުން ފުލުހުންނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ މައްސަލަ ރައީސް ވަނީ ފެންމަތި ކުރައްވައިފަ އެވެ. އެ މައްސަލަތަކާ ހުރެ، އެ އޮފީސް ހުރީ ހަފްތާއެއް ވަންދެން ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް އެ ކުންފުންޏަށް އެކްޓިން އެމްޑީއެއް ހަމަޖެއްސުމަށް ފަހު ކުންފުނީގެ މަސައްކަތްތައް ވަނީ ފަށައިގެންފަ އެވެ.