އޮޑިޓާ ނެޖެރަލްގެ މަގާމުން މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވި ހަސަން ޒިޔަތު އެ މަގާމުގައި ހުންނަވައިގެން އޮޑިޓް އޮފީހަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލްވީ މީހުންގެ ލިސްޓު މަޖިލީހުން މިދިޔަ ބުދަ ދުވަހު ނެރުނުއިރު ޒިޔަތުގެ ނަންވެސް ލިސްޓުގައި ހިމަނާފައި އޮތުމުން އެ ދުވަހު އެވެ. އިސްތިއުފާގެ ސިޓީގައި ޒިޔަތު ވިދާޅުވީ މަގާމުގައި މިވަގުތު ދެމިހުރުމަކީ އޮޑިޓް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށްވާތީ އިސްތިއުފާ ދެއްވަނީ ކަމަށެވެ.
ޒިޔަތުގެ އިސްތިއުފާއާ ގުޅިގެން އޮޑިޓް އޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހަކީ އާންމުން ބަލައިގަންނަ ތަނަކަށް ހަދައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ޒިޔަތު އަބަދުވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ގާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމު ކުރާ ޒިންމާ އެންމެ ފުރިހަމައަށް ނެންގެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
"ޒިޔަތަކީ ހުރިހާ މުވައްޒަފުންނާވެސް ގުޅޭ ބޭފުޅެއް. ޒިޔަތު މުވައްޒަފުންނާ މެދު ދެކޭނީ ރައްޓެހިންގެ ގޮތުގައި. ހުރިހާ މުވައްޒަފުންގެ ޝަކުވާތައް ވެސް އަޑުއައްސަވާނެ. އަދި ހަރުދަނާ ޒުވާން ލީޑަރުން އުފައްދަން މަސައްކަތް ކުރެއްވި. ޒިޔަތު މަގާމުގައި ހުުންނެވިއިރު އިންޓޯސައި އިނީޝިއޭޓިވްގެ ދަށުން ހިންގި ސައި ޔަންގް ލީޑާޝިޕް ޕްރޮގްރާމުގައި އޭޖީ އޮފީހުގެ ހަތަރު މުވައްޒަފަކު ސައި ޔަންގް ލީޑަރުންގެ ގޮތުގައި ގްރެޖުއޭޓްވި،" ޒިޔަތުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް ބުނެފައިވެ އެވެ.
މަގާމުގައި ހުންނަވައިގެން އޮޑިޓް އޮފީހަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށް ޒިޔަތު މަަސައްކަތް ކުރެއްވި ކަންވެސް ފާހަގަކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް، ޓެކްނޮލޮޖީއާ އަހަލުވެރި ތަނަކަށް ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ޒިޔަތުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޮޑިޓް އޮފީހުގެ ބައިވެރިވުން އޮންނަ ގޮތަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގެ ފުރަތަމަ އެކައުންޓިން އިންސްޓިޓިއުޝަން ޒިޔަތުގެ ލީޑާޝިޕްގެ ދަށުން އުފެއްދުމެވެ. އެގޮތުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އުފައްދަވައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތަނުގެ ރައީސްކަމުގައި ހުންނަވައި ރަނގަޅު ކުރިއެރުންތައް ހޯދައިިދިން ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދެއްވާފައިވާ ބަޔާނުގައިވާ ގޮޮތުން 18 ވަނަ މަޖިލިސް އިންތިހާބުގައި ޒިޔަތު ވާދަކުރެއްވިއިރު އަދީބު ވަނީ ޒިޔަތުގެ ކެމްޕޭނަށް ފައިސާ ހަަރަދު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ޒިޔަތު ވިދާޅުވީ އޭނާގެ ކެމްޕޭނަށް ދެފަހަރެއްގެ މަތިން ޕީޕީއެމުން ފައިސާ ދިން ކަމަށާއި އޭރު ލިބުނު ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޒިޔަތު އޮޑިޓާ ޖެނެރަލްކަމަށް އައްޔަނުކުރެއްވީ 2014 ވަނަ އަހަރު އެވެ. ޒިޔަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވެ ކުށް ސާބިތުވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮ އެވެ.