ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނުގެ މައްސަލަ ދެހަފްތާ ތެރޭ އިސްތިއުނާފަށް ހުށަހަޅާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަރަށް ބޮޑެތި މައްސަލަތައް ހުރި ކަމަށް ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކޮށްފައިވެ އެވެ.

ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އިސްތިއުނާފު ކުރެވޭނެ ވަކި ތާރީޚެއް ދަންނަވަން ދަތި ކަމަށާއި އެއީ ދިރާސާ ކުރަންޖެހޭ ލިޔުންތައް ގިނަ ކަމުން އެކަމަށް އެކަށޭނެ ގިނަ ވަގުތަކެއް ނަގާނެތީ ކަމަށެވެ.

"ވަރަށް ދަތި، މިވެނި ދުވަހަކޭ ދަންނަވަން. ވަރަށް ބުރަ ބޮޑު މަސައްކަތެއް މިކުރަނީ. ނަމަވެސް ކުރިއަށް އޮތް ދެހަފްތާ އެއްހާ ދުވަހު އިސްތިއުނާފް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފު ކާމިޔާބު ކުރެވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. މި މައްސަލަ ދައުލަތަށް ސާބިތު ކޮށްދެވިފައި ވނުވާ ކަމަށާއި ހައިކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

"މުޅި މައްސަލަ ބިނާކޮށްފައި މިއޮތީ ވަކިގޮތަކަށް ބައްޓަން ކުރުމަށްޓަކައި ދިފާއީ ހެކި ބަލައިނުގަނެ، ލަހުން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް ނިންމާފައި، ދިފާއު ސާބިތު ނުކުރެވޭނެތީ އެ މައްސަލަ ސާބިތުވާ ކަހަލަ ގޮތަކަށް މިއޮތީ،" ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ނައިބް ރައީސް ޑރ ޖަމީލް ވަނީ ކޯޓު ތަކަށް ސަރުކާރުން ނުފޫޒު އޮތް ކަމަށާއި ހާއްސަކޮށް ދަށު ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އޮތްކަން އެއީ ޔަގީންކަމެއް ކަމަށް ވިދާޅުވެ ސަރުކާރަށާއި ދައުލަތުގެ ވަކީލުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނީ މަފްހޫމްތައް މިމައްސަލާގައި ބޭނުންކޮށްފައިވާ ގޮތްގޮތާއި ހަމަ އެހެންމެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވރުކޮށްދޭ ހައްގުތަކަށް އެންމެ އިސްކަން ދެވިފައި ނުވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ ޖަމީލް ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ސިޔާސީ ބޭނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ހަމަ އެހެންމެ ރާއްޖޭގެ ރައްޔިތުން މިކަމަށް ފާރަވެރިވުމަށް އެދޭ ކަމަށެވެ. ރައީސް ޔާމީން މިއަހަރުގެ މާޗް މަހު މިނިވަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެން ދަށު ކޯޓުތަކުގައި ކުރެވުނު ތަޖުރިބާގެ އަލީގައި މި ފެނުނު މެންޓަލިޓީ އަކީ ޕްރޮސެކިއުޝަން އަކީ މިސަރުކާރުގެ ނުފޫޒު އޮތްތަނެއް ކަމަށް. ޝައްކެއް ނުކުރަން ވިތު އޯލް ޑިއު ރެސްޕެކްޓާ އެކީ،" ޖަމީލް ވިދާޅުވި އެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ މަހު 25ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ދިފާއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތު ހަމަވާން އަދި ދުވަސްކޮޅެއް އެބައޮތެވެ. ނަމަވެސް އިސްތިއުނާފް ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީ އެެވެ.

ރައީސް ޔާމީންގެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.