އެމްއެމްޕީއާރުސީގެ ހިޔާނާތް

ފުއްގިރި މުއާމަލާތުގެ ސިއްރުތަކެއް ފެންޑޯރާ ޕޭޕާސްގައި އާންމުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅުންހުރި ސިއްރު މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްގައި އާންމު ކޮށްފި އެވެ. ފެންޑޯރާއިން އެ މައުލޫމާތު އާންމު ކޮށްފައި މިވަނީ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނިކޮށެވެ.

ފެންޑޯރާއިން އާންމުކުރި މައުލޫމާތުތަކުން އެނގޭގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމާލަތުގައި އިސްކޮށް ހުރީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފެވެ. މީގެ އިތުރުން އިންޑިއާގެ ނުފޫޒުގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ވެސް އެ މުއާމަލާތުގައި ޝާމިލުވާ ކަމަށެވެ.

2015 ވަނަ އަހަރު ހިންގާފައިވާ މި މުއާމަލާތަށް ފަންޑު ހޯދުމުގައި ރަޝިޔާގެ ގޭންގް ސްޓާރެއްގެ އެހީ ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މައުލޫމާތުތަކުން އެނގޭ ގޮތުން ފުއްގިރު ވިއްކާލާފައިވަނީ ޑެޕެޒާ ސާވިސް ކިޔާ ކުންފުންޏަކަށެވެ. އެއީ ބްރިޓީސް ވާޖިންގައި ރަޖިސްޓްރީ އޮތް ކުންފުންޏެކެވެ. ކުންފުނީގެ ހިއްސާ އޮތްގޮތުގެ ތަފްސީލު ވެސް ދީފައި ވެއެވެ.

އާންމުކޮށްފައިވާ މައުލޫމާތުތަކުން މި މައްސަލާގައި ރައީސް ޔާމީނާ ގުޅޭ މައުލޫމާތެއް ނެތެވެ. ނަމަވެސް ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތް ފަށާފައިވާކަން ފާހަގަ ކޮށްފައި އޮތެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.