ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކަަށް މަހަކު ދައްކަން ޖެހޭ އަގު އަދިވެސް މަޝްވަރާގައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދޭން އެޅި ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަގާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް ސަރުކާރުން ބުނެފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެޑައިގެންނެވި ކުރީކޮޅު ވިދާޅުވީ "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ އަދަދު 11،000 ރުފިޔާއަށް އަރާ ކަމަށާއި، ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރައްވަން މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ހިޔާ ފްލެޓްތައް ގާތްގަނޑަށް ނިމި އެތަނަށް މޭ / ޖޫން ހިސާބުގައި ނިމޭނެކަމަށް ސަރުކާރުން ބުނާއިރު އަދިވެސް އެތަނަށް މަަހަކު ދައްކަން ޖެހޭ އަގެއް ނުނިންމަ އެވެ.

އެތަނުގެ އަގުތަކާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ހައުސިން މިނިސްޓަރު އަހުމަދު އަސްލަމްއަށް އަމާޒު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ ހިޔާ ފްލެޓްތަކުން ނަގާނެ އަގާމެދު ހަތަރު ޕްރޮޕޯސަލެއް އެޗްޑީސީން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދިވެސް ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.

އޭގެން އެއް "އޮޕްޝަން" އެއްގެ ގޮތުގައި ޑައުންޕޭމަންޓަށް ކޮންމެވެސް ވަރެއް ދެއްކުމަށް ފަހު 20 އަހަރަށް ބަހާލައިގެން މަހަކު 7000 ރުފިޔާ ފްލެޓްގެ ކުލި ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. މިއީ ހަތަރު "އޮޕްޝަން" ގެ ތެރެއިން އެންމެ ދަށް އަގުވެސް މެއެވެ.

"ދެން އެއްވެސް ޑައުންޕޭމަންޓްއެއް ނުދައްކާ ދައްކާ ކަމަށް ވަންޏާ ޖެހޭ ވަރެއް އެބައޮތް. އެކީގައި ފުލީ ޕޭކުރާ ކަަމަށް ވަގޮސްވެސް އެބައޮތް ސާފުކޮށް ފެންނަން" އަސްލަމް ވިދާޅުވި އެވެ.