ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ޖެހި ދުވަސްވީ މީހަކު މަރުވުމުން ތަހުގީގު ކުރަނީ

ކޮވިޑް-19 ގެ ވެކްސިން ޖެހި އުމުރުން 93 އަހަރުގެ މީހަކު މަރުވުމުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މަރުވި މީހަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުންދާ އަދި ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރެއްހާ ދުވަސްވެފައިވާ މީހެއް ކަމަަަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ދުވަސްވީ މީހާގެ މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަމަަށެވެ.

ވެކްސިން ޖެހި ފަހުން ހާލަތު ގޯސްވެ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ގދ. ގައްދޫއަށް ނިސްބަތްވާ މީހެކެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 64،048 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 49،836 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 14،212 މީހަކަށް ވެކްސިން ދީފައިވެއެވެ.