ޕްރިމިއާ ލީގް

ބޯންމައުތުގެ ކޯޗަކަށް އޮންރީ ގެންދަން ތައްޔާރު

ބޯންމައުތުގެ ކޯޗުގެ މަގާމު އާސެންލްގެ ކުރީގެ ތަރި ތިއެރީ އޮންރީއަށް ހުށަހަޅަން ބޯންމައުތުން ތައްޔާރު ވެއްޖެ އެވެ.

އޮންރީ މިހާރު މަސައްކަތް ކުރަނީ، އެމެރިކާގެ މޭޖާ ލީގްގެ ކުލަބު މޮންޓެރެއާލްގަ އެވެ. ދި އެތުލެޓިކް ނޫހުން ބުނެފައި ވަނީ، މަގާމު ހުސްވެފައިވާ ބޯންމައުތުގެ ކޯޗަކަށް، އޮންރީ ގެނައުމަށް އެ ކުލަބުން މޮންޓެރެއާލް އާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށެވެ.

މޮންޓެރެއާލް އާއެކު އޮންރީ ސޮއި ކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުން ހަމަ ވާނީ މި އަހަރުގެ ނިޔަލަށެވެ. އަދި ކުލަބުން ބޭނުން ވާނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ވެސް އެ އެގްރިމެންޓްގެ ދަށުް މޮންޓެރެއާލް އަށް ލިބިގެން ވެއެވެ. އެ ހާލަތުގައި ބޯންމައުތުން، އޮންރީ ގެންދަން ބޭނުން ނަމަ ޓްރާންސްފާގެ އަގެއް ހުށަހަޅަން ޖެހޭނެ އެވެ.

އާސެންލަގެ ޔޫތު ސިސްޓަމްގެ ތެރެއިން ކޯޗް ކަމަށް ނުކުތް އޮންރީ، ސީނިއާ ލެވަލްގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ، ބެލްޖިއަމްގެ ގައުމީ ޓީމުގައި ރޮބާޓޯ މާޓިނޭޒްގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ދެ އަހަރު އޭނާ މަސައްކަތް ކުރި އެވެ. އެ މުއްދަތުގައި، ވޯލްޑް ކަޕްގެ ތިންވަނަ ބެލްޖިއަމްއަށް ހޯދައި ދިނުމުގައި މާޓިނޭޒްގެ އެންމެ އިސް އެހީތެރިޔެއްގެ ގޮތުގައި މަސައްކަތް ކުރީ އޮންރީ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އޮންރީގެ ސީނިއާ ކެރިއާ ފެށި ކުލަބު، މޮނާކޯގެ ކޯޗްގެ މަގާމަށް އޮކްޓޯބަރު 2018 ގައި އޭނާ ހަމަޖެއްސި އެވެ. އޭރު ކުލަބު އޮތީ ރެލިގޭޝަން ޒޯންގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން މޮނަކޯ ކުޅުނީ 20 މެޗެވެ. އޭގެ ތެރެއން އޭނާއަށް މޮޅު ވެވުނީ ހަތަރު މެޗުންނެވެ. ޖަނަވަރީ 2019 ގައި އޮންރީ އެ ޓީމުގެ ކޯޗް ކަމުން ވަކި ކުރި އެވެ. އޭރުވެސް އެ ކުލަބު އޮތީ ރެލިގޭޝަން ޒޯންގަ އެވެ.

މޮންޓެރެއާލްގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ ނޮވެމްބަރު 2019 ގަ އެވެ. އެ ކުލަބާއެކު މޭޖާ ލީގްގެ އިންޓަން ކޮންފަރެންސް ސަރަހައްދުގެ ނުވަ ވަނަ ހޯދި އެވެ.

ބޯންމަައުތުގެ ކޯޗްގެ މަގާމު ހުސްވީ، މި މަހު ކުރީ ކޮޅު ޖޭސަން ޓެންޑިލް މަގާމުން ވަކި ކުރުމުންނެވެ. ބޯންމައުތުގެ މަގާމާ ގުޅުވައި ވާހަކަ ދެކެވޭ ޝައުގުވެރި އަނެއް ނަމަކީ ޗެލްސީގެ ކުރިގެ ކެޕްޓަން ޖޯން ޓެރީ އެވެ. ޓެރީ މަސައްކަތް ކުރަނީ އެސްޓަން ވިލާގައި ޑީން ސްމިތުގެ އެސިސްޓެންޓަކަށެވެ. ހެޑް ކޯޗެއްގެ ގޮތުގައި އަދި އޭނާ އެއްވެސް ޓީމެއްގައި މަސައްކަތެއް ނުކުރެ އެވެ.