ބޮލީވުޑް

ޑިޕްރެޝަނުން ސަލާމަތްވީ ބިޕާޝާގެ މަސައްކަތުން: ކަރަން ސިންގް ގްރޯވަރު

ބޮލީވުޑްގެ އެންމެ މަގްބޫލު އެއް ޖޯޑަކީ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރެވެ. ދެ މީހުން 2016 ގައި ކައިވެނި ކުރި ފަހުން އަބަދުވެސް ފެންނަނީ ވަރަށް ގުޅޭ އަދި އެކަކު އަނެކަކަށް އެހީތެރިވާ ދެމަފިރިންގެ ގޮތުގަ އެވެ.

ދެ މީހުންނަކީ ވެސް ލޯބީގެ ހަޔާތުގައި ވަރަށް ނޭދެވޭ ތަޖުރިބާތަކެއް ކޮށްފައިވާ ދެ އެކްޓަރުންނަށް ވިޔަސް މިހާރު އެމީހުން އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ކަރަން ކުރިން ދެ ކައިވެންޏެއް ކޮށްފައި ވެއެވެ. ޓީވީ ބަތަލާ ޝްރައްދާ ނިގަމް އާ ކުރި ކައިވެނި ރޫޅުމުން އަނެއްކާ ވެސް ކަރަން ކައިވެނިކުރީ ހަމަ ޓީވީ ބަތަލާ އަކާ އެވެ. ޖެނިފާ ވިންގިޓް އާއެކު ވެސް މާ ގިނަ ދުވަހު ކަރަން އަކަށް ނޫޅެވުނެވެ.

އަނެއްކޮޅުން ބިޕާޝާ އާއި އެކްޓަރު ޖޯން އެބްރަހަމް ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ރައްޓެހި ވެގެން އުޅެފައި ވެއެވެ. ނަމަވެސް ކުއްލިއަކަށް ދެ މީހުން ވަކިވެ ބިޕާޝާގެ ހަޔާތަށް ކަރަން އައީ އެވެ.

ކަރަން ބުނި ގޮތުގައި އޭނާގެ ޑިޕްރެޝަން މައްސަލަތައް އެންމެ ބޮޑުވީ ދުވަސްވަރު އެހީތެރިވީ އަންހެނުން ބިޕާޝާ އެވެ. ބިޕާޝާގެ އެހީތެރިކަމުގެ ސަބަބުން އެ ކަމުން އޭނާއަށް މުޅިން އަރައިގަނެވި ކުރިޔަށް ވުރެ ވަރުގަދަ، ރަނގަޅު އިންސާނަކަށް ވެވިއްޖެކަމަށް ވެސް ކަރަން ބުންޏެވެ.

ޑިޕްރެޝަންގެ ދަތުރަކީ ވަރަށް އުނދަގޫ ދަތުރެއް ކަމަށް ކަރަން އެއްބަސްވި އެވެ. ނަމަވެސް ވަރަށް ކެތްތެރިކަމާއި އޯގާތެރިކަމާއެކު އެ ކަމުން އޭނާ ސަލާމަތްކުރަން ބިޕާޝާ ވީ ގުރުބާނީ ކަރަން ފާހަގަ ކުރި އެވެ.

ޕްރޮފެޝަނަލް ރޮނގުން ބަލާއިރު ކަރަން މިހާރު ދަނީ އޭނާގެ މަޝްހޫރު ޝޯ "ގަބޫލު ހޭ"ގެ ސީކުއަލް "ގަބޫލް ހޭ 2.0"ގެ މަސައްކަތް ކުރަމުންނެވެ. މި ޝޯގެ ދެ ވަނަ ސީޒަން ދައްކާނީ ވެބް ސީރީޒް އެއްގެ ގޮތުގައި ޒީ5 އިންނެވެ. އަންނަ މާޗް 12 ގައި ޕްރެމިއާ ކުރާ މި ޝޯގެ 10 އެޕިސޯޑް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

މިއީ އަސަދު އާއި ޒޯޔާގެ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް ދައްކާ ފިލްމެކެވެ. މި ޝޯގައި ޒޯޔާގެ ރޯލު އަދާކުރަނީ ސުރުބީ ޖޯތީ އެވެ.