ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކުރި ނަމަވެސް އެ ފްލެޓްތަކަށް ވީ ގޮތެއް އެމްޕީއެލް އަދި ސަރުކާރުންވެސް ސާފުކޮށްދީފައި ނުވާތީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޕީއެލް އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ވެބްސައިޓަކުން ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ. އެއްކޮޓަރީގެ 204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ އެކުންފުނީގެ މީޑިއާ އޮފިޝަލަކު އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ.
އެމްޕީއެލް އިން އިތުރަށް ބުނީ، ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއުކޮށްފައިވާ ހަބަރުގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އުޝާމް ކުރެއްވި ޓްވީިޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން އެމްޕީއެލްއަށް ހުޅުމާލެއިން ބިމެއް ހަވާލުކުރީ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށް ކަމަށާ ނަމަވެސް އެމްޕީއެލްއިން އަޅަމުންދާ އިމާރާތުގައި ހަދާފައިވާ އެއްކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދިގޮތެއް ކުންފުނިން ނުވަތަ ސަރުކާރުން އަދިވެސް ސާފުކޮށްނުދޭ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުން އެއް ކޮޓަރީގެ ފްލެޓްތަކަށް ހާއްސަ ކުރި ތިން ކެޓަގަރީއަށް ހުށައެޅި ފޯމްތައް ބާތިލުކޮށް އެ ކެޓަގަރީތައް ވަނީ އުވާލާފައެވެ.
2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއް ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައެވެ. ނަމަވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ފޭސް ދޭއް ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާ އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް ކަމަށެވެ.
ކުންފުނިތަކުން އަޅާފައިވާ ގިނަ ޓަވަރުތަކެއް ހުރިއިރު އެމްޑަބްލިއުއެސްސީގެ ޓަވަރުން އެކަނި 36 ފްލެޓް ލިބުނު ސަބަބެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން ސަރުކާރުން ގަތުމަށް ލިބެންހުރި 36 ފްލެޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަކުރި ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަކުރި ގެޓަގަރީގެ މީހުންނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.