ރައީސް މުހައްމަދު ނަޝީދު

ބައްދަލުވުމުގެ ތެރޭން ފޯނު ކުރާތީ ހިތްހަމަނުޖެހިއްޖެ

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުވަދޫ އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އިންނަވަނިކޮށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ބައެއް މެންބަރުން ފޯނު ކުރެއްވުމުން އެކަމުން ދޭހަވަނީ އެ ބައްދަލްވުންތައް ކުރިއަށްދާކަން ވެސް އެ މެންބަރުންނަށް އެނގިވަޑައި ނުގަންނެވުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕެއިން އޮންލައިންކޮށް ހިންގަމުން ގެންދާއިރު ކޮންމެ ރެއަކު އެ މަސައްކަތުގައި އިސްކޮށް ހުންނަ ވަނީ ރައީސް ނަޝީދެވެ. ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ އެ ބައްދަލްވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ބައްދަލުވުން ކުރިއަށް ދަނިކޮށް ބައެއް ބޭފުޅުން ފޯނު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ޓީވީގައި މި ޕްރަގްރާމް ހިންގަނިކޮށް އަޅުގަނޑުގެ ފޯނަށް ފޯނު ކުރީމާ ކީކޭތޯ މިކަމާ ދެން އަޅުގަނޑުމެންނަށް ދެންނެވޭނީ،" ކުޑަކޮށް ހިނިފުޅުވަޑުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު ރައީސް ސޯލިހު ވަނީ ބައްދަލްވުން ކުރުކޮށްލައްވާ ވަޑައިގެންފަ އެވެ. އެ ފަހުން މުޅި ބައްދަލްވުން ނިންމަވާލެއްވުމުގެ ކުރިން ވެސް ނަޝީދު ވަނީ ކުރިން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފަ އެވެ. ތަންކޮޅެއް ސީރިއަސްކޮށް އިންނަވާ މިފަހަރު އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ "ރަނގަޅު، ބޮޑެތި" މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ޓީވީން ވަގުތުން ދުރަށް ދައްކަމުންދާ ބައްދަލްވުމެއްގައި އެ މަނިކުފާނު އިންނަވަނިކޮށް ގުޅުއްވަމުން ގެންދަވާ ކަމަށެވެ.

އަދި ވިދާޅުވީ އެގޮތަށް ގުޅުއްވުމުން އޭގެ މާނާއަކީ އެ ބައްދަލްވުންތައް ކުރިއަށްދާކަން ވެސް އެފަދަ ބޭފުޅުންނަށް އެނގިވަޑައިނުގެންނެވުން ކަމަށެވެ. އެއީ ކެންޕެއިން ބައްދަލްވުންތައް ނުބައްލަވަނީ ނޫންތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ.

"އެމްޑީޕީގެ ރަނގަޅު ބޮޑެތި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރުން... އަޅުގަނޑު މިތަނުގައި މި ޕްރޮގްރާމް [ކެންޕެއިން ބައްދަލްވުން] ހިންގަން އިންދާ ފޯނު ކުރެއްވީމަ އޭގެ މާނައަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ނޫންތޯ މި ޕްރޮގްރާމް، ނުވެސް ބައްލަވަނީ ނޫންތޯ؟" ޝައުގުވެރިކޮށް އަދި ހެއްވާ ވާހަކަތަކާއެކު ރައީސް ނަޝީދު ލީޑުކުރައްވައިގެން ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގެ ކެންޕެއިން ތަފާތު ގޮތަކަށް ފައްޓަވާފައެވެ. އެމްޑީޕީގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުން އަދި ރައީސް ސޯލިހާއި ރަައީސް ނަޝީދު ބައިވެރިވެވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާ އޮންލައިންކޮށް ބައްދަލު ކުރައްވަމުންނެވެ. އެ ބައްދަލުވުންތައް ކޮންމެ ރެއަކު ހާއްސަ ކުރަނީ ވަކި އަތޮޅަކަށެވެ. ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކުން ރަށްރަށާއި އަތޮޅަށް މުހިންމު ކަންކަން ރަައީސް ސޯލިހުގެ ސަމާލު ކަަމަށް ގެންނަވައެވެ.

އަދި ބައެއް ވައުދުތައް ހަނދާން ކޮށްދެއްވާ އެ މަސައްކަތްތައް އޮތް ހިސާބެއް ސާފުކޮށްދެއްވުން އެދި ސުވާލު ކުރައްވަ އެވެ. ރައީސް އެ ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވަ އެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުގައި ގިނަ މަަސައްކަތްތަކެއް ކުރެވިފައިވާ ކަމަަށާ ކައުންސިލް އިންތިހާބުގެ ކެންޕެއިންގެ އެއް އަމާޒަކަށްވާންވީ ދާއިރާތަކަށް ކޮށްދެއްވިފައިވާ ކަންކަން ހާމަކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވަނީ ވިދާޅުވެފައެވެ. އޮންލައިން މި ބައްދަލްވުންތަކަކީ އެ މަގުސަދުގައި ބާއްވަމުން ގެންދާ ބައްދަލްވުންތަކެކެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކުރިން ހުރިހާ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި ރައީސް ސޯލިހު ބައްދަލު ކުރައްވާނެ ކަމަށެވެ.