ލައިފްސްޓައިލް

މާގިނައިން ކޮފީ ބުއިމުން ހިތަށް ގެއްލުންވޭ: ސައިންސްވެރިން

ފަހުގެ ހޯދުމަކަށްފަހު ސައިންސްވެރިން ބުނާނީ މާ ގިނައިން ކޮފީ ބުއިމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އޭގެ ގެއްލުން ހިތަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

އޮސްޓްރޭލިޔާގެ ދެ ޔުނިވަސިޓީއެއް ގުޅިގެން ހެދި ފުރަތަމަ ޖެނެޓިކް ސްޓަޑީގެ ނަތީޖާ އިން ހާމަވެފައިވާ ގޮތުގައި ދިގު މުއްދަތަކަށް ގިނަ އަދަދެއްގެ ކޮފީ ބުއިމުން ލޭގައި ލިޕިޑް (ފެޓްސް) ހުންނަ ވަރު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ އެވެ. މިއީ ކާޑިއޮވެސްކިއުލާ ބަލިތަކަށް އިންސާނާ ހުށަހެޅެން މެދުވެރިވާ އެއް ސަބަބެވެ. އެކަށީގެންވާ ވަރަށް ވުރެ އިތުރު ކަމަށް ބަލާފައިވަނީ ދުވާލަކު ހަ ޖޯޑަށް ވުރެ ގިނައިން ކޮފީ ބުއިމަށެވެ.

މި ދިރާސާއަކީ ކޮފީ ބޯ މީހުންނަށް ހިތާމަވެރި ޚަބަރެއް ނޫނެވެ. ވަކި މިންވަރެއްގެ ތެރޭގައި ކޮފީ ބުއިން ބަހައްޓާނަމަ އެއްވެސް ނުރައްކަލެއް ކޮފީ ބުއިމަކުން ނެތެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ވުރެ ގިނައިން ބޯ ހަމަ ކޮންމެ ކޮފީ ޖޯޑަކަށް އެމީހާއަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އިތުރުވެގެން ދާނެކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

ކޮފީއަށް ލޯބިކުރާ މީހުންނަށް މި ދިރާސާއަކީ "ހިތި ބޭސް ގުޅައަކަށް" ވީ ނަމަވެސް ހިތް ދުޅަހެޔޮކަން ބަހައްޓަން ބޭނުންނަމަ މި ހިތި ބޭސްގުޅަ ވެސް ދިރުވާލަން ޖެހޭނެ ކަމަށް ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ޕްރޮފެސާ އެލީނާ ހައިޕޮނަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮފީ ބުއިމުގެ ފައިދާ އާއި ގެއްލުމުގެ ވާހަކަ ދުނިޔޭގައި ދެކެވޭތާ ވަރަށް ޒަމާންވެއްޖެ އެވެ. ނަމަވެސް ޖެނެޓިކް ހޯދުންތަކަކަށް ބިނާކޮށް ހޯދި މި ހޯދުމާގެ ނަތީޖާ އާ މެދު ފުންކޮށް ވިސްނައި މާގިނައިން ކޮފީބުއިމުން ހިތް ހިނގުމުގެ ނިޒާމަށް ގެއްލުންވާނެކަން ގަބޫލުކުރަން އޭނާ އެދިވަޑައިގަތެވެ.

ޕްރޮފެސަރު ހައިޕޮނަން ވިދާޅުވީ ލޭގައި ލިޕިޑް (ފެޓްސް) ގިނައިން ހުރުމަކީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

"އެންމެ ޝައުގުވެރިވާ އެއް ކަމަކީ ކޮފީ ބީންގައި ކޮލެސްޓްރޯލް މަދުކުރާ ކަމްޕައުންޑެއް ކަމަށްވާ ކެފެސްޓޯލް ހުރޭ. ވީމާ ކެފެސްޓޯލްގެ ސަބަބުން މަދު ނައްތާލެވެނީ ކިހާ ސަރުބީ އެއްތޯ ބަލައި ދެނެގަތުން މުހިއްމު،" ޕްރޮފެސަރު ވިދާޅުވި އެވެ.

ފްރެންޗް ޕްރެސް، ޓާކިޝް އަދި ގްރީކް ކޮފީ ގަޔާއި އެސްޕްރެސޯގައި އަދި ބެރިސްޓާ އިން އުފައްދާ ގިނަ ވައްތަރުތަކުގެ ކޮފީގަޔާއި ކަޕުޗިނޯ އާއި ލާތޭ ގައި ވެސް ކެފެސްޓޯލް ހުރެ އެވެ.

ނަމަވެސް އިންސްޓަންޓް ކޮފީގައި ކެފެސްޓޯލް ހުންނަނީ ވަރަށް މަދުންނެވެ. ނުވަތަ އެއްގޮތަކަށް ވެސް ނުހުރެޔޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ. އެހެންކަމުން އިންސްޓަންޓް ކޮފީ ބޮއިގެން ކެފެސްޓޯލުން ލިބޭ ފައިދާ ނުލިބޭނެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ކޮންމެ ދުވަހަކު ތިން ބިލިއަން ޖޯޑު ކޮފީ ބޮއެވެ. ކާޑިއޯވެސްކިއުލާ ބަލިތަކަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ބަލިކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. ދުނިޔޭގައި ކޮންމެ އަހަރަކު 17.9 މިލިއަން މީހުންގެ ފުރާނަ ކާޑިއޮވެސްކިއުލާ ބަލިތައް ޖެހިގެން ގެއްލެ އެވެ.