ދުނިޔެ

އެމެރިކާ ގޯސް ނުހަދާތި! ހަނގުރާމަ ފެށިދާނެ: ޗައިނާ

ބެއިޖީން (ރޮއިޓާސް) - ދެކުނު ޗައިނާ ކަނޑުގައި ހިނގާ ކުޑަ ކުޑަ ހާދިސާއަކުން ވެސް ހަނގުރާމައިގެ ހުޅު ރޯވެދާނެ ކަމަށް ޗައިނާގެ ނޭވީ ކޮމާންޑަރު އެމެރިކާގެ ނޭވީ ކޮމާންޑަރާ ބައްދަލުކުރައްވައި ވިދާޅުވެއްޖެއެވެ. މި ބައްދަލުވުމުގައި ޗައިނާއިން ވަނީ "ރުޅިއެރުވުމުގެ އަމަލުތައް" އެމެރިކާއިން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

އިއްޔެ މި ދެބޭފުޅުން ވީޑިއޯ ކޮންފަރެންސެއް ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ މަނަވަރެއް ޗައިނާގެ ރަށަކާ ވަރަށް ކައިރިން ދަތުރުކުރި މައްސަލައިގާ ޗައިނާއިން އެމެރިކާއަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ޗައިނާގެ އިންޒާރު ތަކަށް އިޖާބަ ދިނީ "އަދިވެސް އެ ސަރަހައްދުން ދަތުރު ކުރާނެ" ކަމަށް ބުނަމުންނެވެ.

ނޭވީ ކޮމާންޑަރުންގެ ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވިޔަ ނުދީ ހިފެހެއްޓިފައި ވާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން ބުނީ ދެގައުމުގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ ބައެއް ކަހަލަ ތަޖުރިބާގެ ދަތުރުތަކަށް އެއްވެސް ބުރުލެއް ނާރައި ކުރިއަށްދާ ކަމަށެވެ. އަދި ދެގައުމުގެ އަސްކަރިއްޔާއިން ވެސް ބައިނަލްއަގްވާމީ މުއާހަދާ ތަކަށް ބޯލެނބުމަށް ނޭވީ ކޮމާންޑަރުން އެއްބަސްވެ ވަޑައިގެންނެވި ކަމަށް ދެގައުމުން ވެސް ބުނެއެވެ.

ދެނުކު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކާފައިވާ ހަތް ރަށް އޮވެއެވެ. މި ރަށްތައް އޮންނަ ސަރަހައްދުގެ މިލްކުވެރި ކަމާމެދު ޗައިނާއާއި އެކި ވަރުގެ ދެބަސްވުންތައް ހިނގާފައިވާ ގައުމުތަކުގެ ތެރޭގައި ވިއެޓަނާމް، ފިލިޕީންސް، މެލޭޝިއާ، ތައިވާން އަދި ބުރޫނާއީ ހިމެނެއެވެ. އެމެރިކާގެ އަސްކަރީ އުޅަނދެއް މި ސަރަހައްދު ހުރަސްކުރި ހާދިސާއާއި ގުޅިގެން ފިލިޕީންސުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.