ހުޅުމާލޭގެ ބިން އެއްވެސް ކުންފުންޏެއްގެ ބިމެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަަމަށް ވާދަ ކުރައްވާ މުއިއްޒު ޒޫމް މެދުވެރިކޮށް ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މިހާރު ހުޅުމާލެ އޮންނަނީ އެޗްޑީސީގެ ދަށުގައި ކަމަށް ވުމުން މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރަން ވަރަށް ބޮޑު ހުރަހަކަށް ވާ ކަމަށެވެ. އެހެން ދިމާވަނީ ވިޔަފާރި އުސޫލުގެ ދަށުން އެކަން ކުރަން ޖެހޭތީ ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
"ސަރުކާރުން ސޯޝަލް ހައުސިން މަޝްރޫއެއް ހިންގަން ވިޔަސް އެތަނުން ބިން ޖެހެނީ ގަންނަން. ނިސްބަތުން ކުޑަ އަގެއްގަ ކަމުގައި ވިޔަސް. އެ ބިމަކީ ކޮމްޕެނީގެ އެސެޓެއްގެ ގޮތުގައި ހަދާ ކުންފުނީގެ މިލްކަަކަށް ހަދައި ކުންފުނީގެ ވިޔަފާރީގެ ތެރޭގައި އެތަނުގެ މިލްކަކަށް ހެދިގެން ދިޔައިމަ ރައްޔިތުންނަށް މިއިން ލިބެންވާ ފައިދާއަށް ބޮޑަށް ގެއްލުން ވެގެދާތަން މިހާރު މި ފެންނަނީ" މުއިއްޒު ވިދާޅުވި އެވެ.
ގާނޫނުގައި މާލެ ކަމަށް ބަޔާން ކޮށްފައި ވަނީ ފުރަމާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަަށެވެ. މާލޭ ސިޓީ ކައުންސިލްގެ މުނިސިޕަލް މެންޑޭޓްގައި ހުޅުމާލެ އޮތް ނަމަވެސް ހުޅުމާލެ އެޗްޑީސީގެ ދަށުގައި އޮތުމުން އެތަނަށް ސީދާ މާލޭ ސީޓީގެ ފުރިހަމަ ބާރެއް ނުހިނގަ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މާލޭ ސިޓީ ކައުންސިލްއިން ދޭން ޖޭހެ ހިދުމަތްތައް ހުޅުމާލެއަށް އެކަށީގެންވާ ގޮތެއްގައި ނުދެވޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހުޅުމާލެ ހެދުމުގެ މަގްސަދު ގެއްލިފައިވާތީ އެކަން މިހާރު ބަދަލުވާން ޖެހޭކަަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ. އެ ބިމުގެ ހައްގުވެރި ފަރާތަކީ މާލޭގެ ރައްޔިތުންކަމަށް ކަނޑައަޅައި އެއީ ގެދޮރު ދޭން ސީދާ ކަނޑައެޅިފައިވާ ބިމަކަށް ވުން މުއިއްޒުގެ ނަޒަރުގައި މިހާރު ކޮންމެހެންވެސް މުހިންމެވެ.
މުއިއްޒުގެ ތަސައްވަރަކީ އެޗްޑީސީގެ ދަށުން ހުޅުމާލެ ވަކިކުރުމެވެ. މާލޭ ރައްޔިތުންނަސް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރަން އެކަން މިހާރު ފަށަން ޖެހިފައިވާ ކަަމަށް މިރޭ އޭނާ ވިދާޅުވި އެވެ.