ފޮރިން މިނިސްޓްރީ

އައިއެމްއޯގެ ސަފީރު ކަމަށް ފަރަހަނާޒްގެ ނަން

އިނގިރޭސިވިލާތަަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގެ ސަލާމަތާ ގުޅޭ ކަންތައްތައް ރެގިއުލޭޓް ކުރުމަށް އދ. ގެ ދަށުން ހިންގާ އޯގަނައިޒޭޝަނެކެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުން ވަނީ މެރިޓައިމް އޯގަނައިޒޭޝަނަށް ފަރަހަ އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ އިއްވައި ނަން ދިރާސާ ކުރަން މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.

ފަރަހަ މިހާރުވެސް ދަނީ އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ނެވެ.

އޭނާއަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލެކެވެ. އަދި އޭނާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި އަންހެން ބޭފުޅާ އެވެ.