ޕީޕީއެމް

އިދިކޮޅު ކެންޑިޑޭޓުންނަށް ސަރުކާރުން ނުފޫޒު ފޯރުވާ: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި އިންތިހާބަށް ނިކުތް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވަނީ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒެއް އޮވެގެން ކަމަށް އެ ޕާޓީން ތުހުމަތު ކޮށްފި އެވެ.

ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މިހާތަނަށް ޕީޕީއެމްގެ 38 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށާ ބައެއް ކެންޑިޑޭޓުން ނަން ނެގީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ގޮތުން ފައިސާގެ ނުފޫޒާއި ނާޖައިޒު އެ ނޫން މަންފާތައް ހޯދާދީފައިވާ ކަމަށް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒަކާ އެއްކޮށް ބައެއް ބޭފުޅުން ނަން އަނބުރާ ގެންދާ ކަމަށް އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ. މީގެ ތެރޭގައި މިނިވަންކޮށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނާއި އަޅުގަނޑުމެންގެ ބޭފުޅުންނަށްވެސް އެކި ގޮތްގޮތުން ޕްރެޝަރު ކުރުމާއި ފައިސާގެ ހުށައެޅުންތައް ހުށައެޅުމާއި މިފަދަ ކަންތައްތަކެއް ހިނގާކަމަށް މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ،" ހަލީލު ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންނަށް އެކި ގޮތްގޮތުން ސަރުކާރުން އުނދަގޫ ކުރަމުންދާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް އަމަލު ކުރަމުންދަނީ ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ކަން ގެއްލޭ ގޮތަށް ކަމަށެވެ.

މުއާޒު ވިދާޅުވީ ކެންޕެއިނަށް ހަމަހަމަ ފުރުސަތު ނެތްއިރު އެމްޑީޕީން އެކި ނަންނަމުގައި ކެންޕެއިން ހިންގާތާ އަހަރު ދުވަސްވެއްޖެ ކަމަށެވެ.

"އެ ބޭފުޅުން ކެންޕެއިން ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ކޮންމެވެސް އޮފިޝަލެއްގެ ނަމުގައި. މިއިންވެސް އެނގިގެން ދަނީ އިންތިހާބުގައި ކެންޕެއިނަށް ހަމަހަަމަ އެއްވެސް ފުރުސަތެއް ނެތްކަން،" މުއާޒު ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުސަތު މިމަހު 11 ވަނަ ދުވަހު ހަމަވި އިރު އަންހެނުންގެ ކޮމެޓީތަަކަށް ކުރިމަތިލި 139 މީހަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ކައުންސިލްތަކަށް ކުރިމަތިލި 169 މެމްބަރަކު ވަނީ ނަން ގެންގޮސްފަ އެވެ.