ޑރ. މުހައްމަދު ޖަމީލް އަހުމަދު

އީސީ އޮތީ އެމްޑީޕީގެ އުނގުގައި ނަށަން: ޖަމީލް

އިލެކްޝަންސް ކޮމިޝަންގެ ނަޒާހަތްތެރިކަން މުޅީން ގެއްލިފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން ގެންދާ ގޮތަށް އިޝާރާތް ކުރައްވައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވެ ބައެއް ވޯޓްފޮށިތައް އަލުން ގުނަން ނިންމުމުން މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކޮމިޝަނުން އެ ނިންމުން ނިންމީ ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާ ޝީޓް ދިމާނުވާ ކަމަށް ބުނެއެވެ.

ވޯޓްފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައިވަނިކޮށް އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން މިއަދު ވަނީ ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ.

އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނުން ވަނީ އެމްޑީޕީ އާއި ޕީޕީއެމުންވެސް އިންތިހާބާ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ކޮމިޝަނަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެ ކޮމިޝަނުން އެއްވެސް ސިޔާސީ ނުފޫޒަކަށް ތަބާނުވާނެ ކަމަށެވެ.

ޝަރީފްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު އޮތްކަން އެ ކޮމިޝަންގެ އަމަލުތަކުން ސާބިތު ކަމަށެވެ. އެމްޑީޕީން ބޭނުންވުމުން އިންތިހާބުގެ ތާރީހު ބަދަަލުކޮށް ވޯޓް ފޮށިތައް އަލުން ގުނަން ނިންމުމުން ސިޔާސީ ނުފޫޒު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެތްކަން އެނގޭ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނާއި އެޗްޕީއޭގެ ނަޒާހަތްތެރިކަން ގެއްލި މިހާރު ތިބީ އެމްޑީޕީގެ އުނގުގައި ނަށަން. މިއަދުވެސް ކަށަވަރުވީ އެކަން،" މިއަދު ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.