ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ނަމޫނާއެއް: ވެކްސިންގެ ރެކޯޑް ރާއްޖެއަށް

Feb 24, 2021
56

ކޮވިޑް-19 އިގެ ބަލާއާފާތުގައި ދިވެހިން 353 ދުވަސް ހޭދަ ކުރީއެވެ. ބަލިމަޑުކަމުގައި ދިވެހިން ގިނަ ތަޖުރިބާތަކެއް ވަނީ ކޮށްފަ އެވެ. ދަތި އުނދަގޫ ތަޖުރިބާއެކެވެ. ދިރިއުޅުން މުޅީން ބަދަލުކޮށްލި ތަޖުރިބާ އެކެވެ. ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި ރާއްޖެ ހިމެނޭހެން މުޅި ދުނިޔެ ކުރަމުން އައި އުންމީދަށް ލިބުނު އެންމެ ބޮޑު އުންމީދަކީ އެ ބައްޔާ ދެކޮޅަށް އުފެއްދި ވެކްސިނެވެ.

އެންމެ ފުރަތަމަ ވެކްސިން ލިބުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނުނެވެ. ރާއްޖެއަށް ލިބުނީވެސް އެންމެ އިތުބާރު ބޮޑު އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިނެވެ. މިއީ އިންޑިއާގައި އުފައްދާފައިވާ "ކޮވިޝީލްޑް" ގެ ނަމުން ނަން ދެވިފައިވާ ވެކްސިނެކެވެ. ވެކްސިންގެ އެއްލައްކަ ޑޯޒް ޖަނަވަރީ މަހު ރާއްޖެއަށް ލިބުނީ އެކުވެރި އިންޑިއާގެ އެހީތެރިކަމުގައެވެ. މި މަހުވެސް އެ ގައުމުން ވަނީ އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކުރާނެ ކަން އިއުލާނުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ވެކްސިން ޕްރޮގްރާމް ފެށީ މި މަހުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމޫނާ ދެއްކެބުމާއެކު އެވެ. މިދިޔަ 23 ދުވަސްތެރޭ ކޮވިޑް ވެކްސިން ޖެހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް 85،000 ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި އެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.

ވެކްސިން ލިބި ޖަހަން ފަށާފައިވާ ގައުމުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވަނީ ރާއްޖޭގައެވެ. ރާއްޖޭގައި ކޮންމެ ދުވަހަކުވެސް 4000 އާއި 5000 ދެމެދުގެ އަދަދަކަށް ވެކްސިން ދެއެވެ. އަތޮޅުތަކަށް ވެކްސިން ޕްރަގްރާމް ފުޅާކޮށް ރާއްޖޭގެ ވަރަށް މަދު ރަށްތަކެއްގައި ނޫނީ މިހާރު ވެކްސިން ޖެހުން ވަނީ ފެށިފައެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި މަަސައްކަތް ކުރާ ބިދޭސީންނާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށްވެސް ވެކްސިން ޖަހައިދެއެވެ.

ސަރުކާރުން ނިންމާފައިވަނީ ހުރިހާ އެންމެނަށްވެސް ހިލޭ ވެކްސިން ޖަހައިދޭށެވެ. ފުރަތަމަ ވެކްސިން ޖަހައިދޭން ފެށީ މަގަތުސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށެވެ. މިއަދުން ފެށިގެން އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހޭނެ އެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި މަޖިލީހުގެ އިދާރާގަ އާއި އިސްލާމީ މަރުކަޒުގައިވެސް ވެކްސިން ޖަހައެވެ. މި ސެންޓަރުތަކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެކްސިން ޖަހައިދޭނެ އެވެ.

ވެކްސިން ޕްރޮގްރާމް ވަރަށް ފުރިިހަމަ

ވެކްސިން ޖެހުމުގެ ކުރީގައި ރާއްޖެ އޮތުމަކީ ވަރަށް ބޮޑު ޝަރަފެވެ. އެއީ ދުނިޔޭގެ ބޮޑު ސަމާލުކަމެއް ރާއްޖެއަށް ލިބުނު ކަމެއްވެސް މެއެވެ. ޑަބްލިއުއެޗްއޯ އާއި ކަމާގުޅޭ އިދާރާތަކުގެ ތައުރީފު ވަރަށް މައްޗަށް އޮތް ކަމެކެވެ.

ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު ދިވެހިންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި މަސައްކަތަށް ސިއްހީ ދާއިރާ ތައްޔާރުވެފައިވާ މިންވަރެވެ. ތައްޔާރީތަކުގެ ފުރިހަމަ ކަމެވެ. އެކަން މިހާތަނަށް ވެކްސިން ޖެހި ކޮންމެ މީހަކަށް ތަޖުރިބާ ކުރެވިފައިވާނެ އެވެ.

ވެކްސިން ޖެހުމަށް ސެންޓަރަށް ހާޒިރުވުމާއެކު ވެކްސިން ޖަހާ ނިމި 15 މިނެޓެއްހާއިރު ސެންޓަރުގައި ހޭދަކުރަން ޖެހެއެވެ. ބައެއް މީހުން 30 މިނެޓް ވަންދެން މޮނީޓާ ކުރެވެއެވެ. ސެންޓަރުގައި ހޭދަކުރާ ވަގުތުތަކުގައި ރަޖިސްޓްރޭޝަނުން ފެށިގެން ވެކްސިނާ ގުޅޭ މައުލޫމާތު ދިނުމާއި ވެކްސިން ޖެހުމާއި މި ނޫން ކޮންމެ ކަމެއްވެސް ހިނގަނީ ވަރަށް ހަރުދަނާ ފުރިހަމަ އިންތިޒާމެއްގެ ދަށުންނެވެ.

ހާއްސަކޮށް ހިދުމަތުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން އެއީ ނަމޫނާއެކެވެ. އާންމުކޮށްވެސް ސިއްހީ ހިދުމަތްތެރިންގެ ފަރާތުން ފެންނަނީ ނަމޫނާ ނަމަވެސް މިއީ އޭގެވެސް މާ އުސް މިންވަރެކެވެ. މިއީ ތަމްރީނު ދެވިފައިވާލެއް ފުރިހަމަ ކަމާއި މި ޕްރަގްރާމަށް ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމުގެ ނަމޫނާއެކެވެ. ސިއްހީ ހިދުމަތްތެެރިންނާއި އެޗްޕީއޭ އަދި ކަމާގުޅޭ އިދާރާތަކަށް ސާބަހާއި އައްސަރިބަހެކެވެ.

ވެކްސިންގެ ރެކޯޑް ރާއްޖެއަށް މުހިންމު

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން ވަނީ މަޖުބޫރީ ހާލަތުގައި ކުރަން އުނދަގޫ އެތަށް ކަމެއް ކޮށްފައެވެ. ދަތި އެތަށް ނިންމުންތަކެއް ނިންމާފައެވެ. އެއް ކަމަކީ ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުމެވެ. ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު މުޅީން ހުއްޓާލުމެވެ. ފަތުރުވެރިކަން މަސްތަކަކަށް މެދުކަނޑާލުމެވެ. އެތެރޭގެ އިގްތިސާދުގެ ހިންގުން މަޑުޖައްސާލަން ޖެހުމެވެ. މިއިން ކޮންމެ ފިޔަވަޅަކީ ސަރުކާރަށް އަޅަން ވަރަށް އުނދަގޫވި ފިޔަވަޅުތަކެކެވެ. ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަައި އެ ފިޔަވަޅުތައް ކޮންމެހެން މަޖުބޫރުވެ.

ފިޔަވަޅުތަކުގެ ނަތީޖާވެސް އިންތިހާ ރަނގަޅެވެ. އެހެން ނޫންނަމަ ކޮވިޑްގެ މާ ނުރައްކާތެރި ދުވަސްތައް ފެނި ތަޖުރިބާ ކުރަން ޖެހުނީހެވެ. އެތަށް ބަޔަކަށް ބަލި ޖެހި ބަލީގައި ގިނަ ބަޔަކު ވަކިވެދިޔައީހެވެ. އެ ފުރުސަތު ހަނިކުރަން ކުރީން އިޝާރާތްކުރި ފިޔަވަޅުތަކާއެކު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނީއެވެ.

ލުއިތަކާއެކު ރާއްޖެ އަލުން ހުޅުވާލާ ޓޫރިޒަމް ފަށާފައިވާއިރު ވެކްސިންގެ ރެކޯޑް ރާއްޖެއަށް ވަރަށް މުހިންމެވެ. އެއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ރެކޯޑެކެވެ. ފަތުރުވެރިންގެ އިތުބާރު ހޯދަން މިވަގުތަށް އެންމެ މުހިންމީވެސް ވެކްސިން ރެކޯޑެވެ.

ވެކްސިން ޕްރަގްރާމް މެދުނުކެނޑި މިހާރު ކުރިއަށްދާ ސްޕީޑްގައި ގެންދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޑިއާއިން ދިން އެއްލައްކަ ޑޯޒްގެ ވެކްސިން އަވަހަށް ރާއްޖެ ގެނެވޭތޯ ސަރުކާރުން އެބަ މަސައްކަތް ކުރެއެވެ. މީގެ މަސްތަކެއް ކުރިން އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއްވެސް ވަނީ ހަދާފައެވެ. އޭގެން ބައެއްވެސް ވަރަށް އަވަހަށް ލިބޭނެ އެވެ.

ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައިވެސް ބައިވެރިވެފައެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ. އިއްޔެ ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖު ވަނީ ހަދިޔާކޮށްފައެވެ. ކޮވެކްސް މެދުވެރިކޮށް ވަރަށް އަވަހަށް ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ރައީސް ސޯލިހުގެ އުންމީދަކީ ކުރިއަށް އޮތް ފަސް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ކާމިޔާބު ކަމާއެކު ވެކްސިން ޕްރަގްރާމް ނިންމާލުމެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 18 އަހަރުން ދަށުގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހާކަށް ނުޖެހޭނެ އެވެ. އަދި މާބަނޑު މީހުންވެސް ވެކްސިން ޖެހުން ރަނގަޅެއް ނޫނެވެ. އެހެންވީމަ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން މި ދެ ކެޓަގަރީގެ މީހުންނަށް ނުދޭނެ އެވެ. މާބަނޑު މީހުންނަށް ވެކްސިން ނުދިން ނަމަވެސް ގާތުން ދޭ މައިންނަށް ވެކްސިން ދޭނެ އެވެ. އެފަދަ މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މީގެ އިތުރުން ލޭ ދިޔާކުރަން ބޭސް ބޭނުން ކުރަން ޖެހޭ މީހުންގެ ތެރެއިން ސްޓޭބަލް މީހުންނަށް ވެކްސިން ދެވޭނެ އެވެ. ލޭ ދިޔާކުރަން ބޭސް ބޭނުން ކުރާ މީހުންނަށް ވެކްސިން ދީފިނަމަ ބައެއް ފަހަރު ވަރަށް ގިނައިން ލޭ އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވެފައިވެސް އެބަ ހުއްޓެވެ. ނަމަވެސް ދިގު މުއްދަތަކަށް މި ބޭސް ބޭނުންކުރާ މީހުންނަކީ ސްޓޭބަލް ހާލަތުގައި ތިބޭ ބައެކެވެ. އެހެންވީމަ ވެކްސިން ދިން ނަމަވެސް އެފަދަ މައްސަލަތައް ދިމައެއް ނުވެއެވެ.

އަދި ވޯފަރިން ބޭނުން ކުރާ މީހެއްނަމަ އައިއެންއާރު ރަނގަޅު ރޭންޖްގައި ހުރިނަަމަ ވެކްސިން ޖެހޭނެއެވެ.

ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ތެރެއިން ވެކްސިން ދެވޭނީ ބަލި ޖެހުނުތާ 28 ދުވަސްވީ މީހުންނަށެވެ. މާނައަކީ ބަލި ޖެހި 14 ދުވަސް ފަހުން ރަނގަޅުވުމާއެކު ވެކްސިން ނުދެވޭނެ އެވެ. ވެކްސިން ދެވޭނީ ބަލި ދެނެގަނެވުނުތާ 28 ދުވަސް ފަހުންނެވެ. މީގެ އިތުރުން އެހެން ބައްޔަކަށް ވެކްސިނެއް ޖަހާފައި ހުރި މީހެއް ނަމަ އެ ވެކްސިނެއް ޖެހިތާ 14 ދުވަސް ފަހުން ވެކްސިން ޖެހޭނެ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޓެގް ޓީމުން ނިންމާފައިވާއިރު ވެކްސިން ޕްރަގްރާމަށް އެއްބާރުލުންދީ ވީހާވެސް އަވަހަށް ވެކްސިންގެ ފުރަތަމަ ޑޯޒް ލިބިގަތުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ ދެ ހަފްތާ ފަހުން 60 ޕަސެންޓް ރައްކާތެރިކަން ލިބޭއިރު މިއީ މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި އެންމެ އެކުގައި ވެކްސިން ޕްރަގްރާމަށް ފުރިހަމަ އެއްބާރުލުންދޭން ޖެހޭ ވަގުތެވެ.