އައްޑޫ ސިޓީގެ މަގުތައް އަލުން ހަދާއިރު ގިނަ މަގުތައް ސިމެންތި އަޅައިގެން ހަދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވާ މުހައްމަދު ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.
އޭނާ މިކަމަށް އިލްތިމާސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ސިޓީއެއްގައެވެ.
އެ ސިޓީގައި އައްޑޫގެ މަގުތައް ހެދުމަށް އިންޑިއާއިން 1.1 ބިލިއަން ރުފިޔާގެ ލޯނެއް ނަގާއިރު މި ޒަމާނުގެ ތަރައްގީއާ ނުވެސް ގުޅޭ ބޯދާ ވިސްނުމެއްގެ ތެރެއިން ގިނަ މަގުތައް ސިމެންތި އަޅައިގެން ހަދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފެށުނުއިރު މުޅި މަގުގައި ސިމެންތި އަޅައިގެން މަޖީދީމަގު ފަދަ މަގުތައް ހެދުމުން ނިކުތް ނަތީޖާ ރައީސަށްވެސް ފެނިވަޑައިގެންފައިވާނެ ކަަމަށާ އެކަމުގެ ސަބަބުން އެތަށް އުނދަގޫތަކެއްވެ އެތަށް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ލަތީފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
"ސިމެންތި އަޅައިގެން މަގު ހެދުމަކީ ދުނިޔޭގައި މިހާރު އެއް ބަޔަކުވެސް ކުރަން ބޭނުންނުވާ ނާކާމިޔާބު ހޯދާ ތަޖުރިބާއެއް. އަމުދުން މާލެއަށް ދިމާވި ގޮތް މިކަމުގެ ދިރިހުރި މިސާލެއްގެ ގޮތުން ފެންނަން އޮއްވައި އައްޑޫ ސިޓީގެ މަގުތަކުގެ 60 ޕަސެންޓް ސިމެންތިން ހައްދަވައިފިނަމަ އިންޑިއާއިން އެކަމަަށް ތިޔަ ނަންގަވާ ބޮޑު ލޯނު ފަހުން ވެގެންދާނީ ބޭކާރު ބޮޑު ހަރަދަށް،" ލަތީފުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުތަކުން އައްޑޫގެ މަގު ހެދުމުގައިވި އިހުމާލުން މިހާރުވެސް އެ ސިޓީގެ ރައްޔިތުން އެތަށް އުނދަގުލެއް ތަހަންމަލު ކުރަމުންދާއިރު މަގު ހެދުމުގެ މަޝްރޫއަކީ ހެޔޮ ނިޔަތުގައި ކުރިއަށް ގެންދާ އަދި ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށް ގެންދާ މަޝްރޫއަކަށް ހެދުމަށް ވަނީ އެދިވަޑައިގެންފައެވެ.