ބޭރުން އިންވެސްޓަރަކު ހޯދައިގެން އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރަށް ހުށަހެޅުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން ހުއްޓުވާފައިވާ ކަމަށް ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ތުހުމަތުކުރައްވައިފި އެވެ.
ރައީސް ސޯލިހާއި ސަރުކާރަށް އަމާޒަށް ބޮޑު ތުހުމަތެއް މުނައްވަރު ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ އައްޑޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ހޯދި އިންވެސްޓަރަކީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ހިލްޓަން ހޮޓެލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންވެސްޓަރާ ބައްދަލުވުމެއް އިންތިޒާމު ކޮށްދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
އެބައްދަލުވުމަށްފަހު ރައީސް ސޯލިހް ވިދާޅުވި ގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވި ކަމަށް ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ އެ ޕްރޮޕޯސަލަށްފަހު އެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށް ނުގެންދެވުނު ކަމަށެވެ. މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި މަސައްކަތް ހުއްޓުނީ މާލެ ސަރަހައްދަށް މިމަޝްރޫއު ބަދަލުކުރުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރުމުން ކަމަށެވެ.
"ހެލްތު މިނިސްޓްރީގެ ސީނިއާ އޮފިޝަލުން މިވެރިންނާ [ބޭރުގެ ކުންފުންޏާ] ބައްދަލުކުރަން ގޮވައިގެން ދިޔައީ ހުޅުމާލެއަށް. އެތަނުން ދައްކަނީ ހުޅުމާލޭ ހޮސްޕިޓަލް. ދެން މިބުނަނީ މިތަން ނަގަންވީ ނޫންހޭ؟ އެހިސާބުން އަޅުގަނޑު ދެންނެވިން ހިނގާށޭ ހުއްޓާލަމާ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިމަޝްރޫއަކީ ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ކުރިއަށް ގެންދެވެން އޮތް މަޝްރޫއެކެވެ. ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި އޮތީ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ސީދާ ލަންކާ އިން އައްޑޫގެ ގަމަށް ސްޕެޝަލިސްޓް ޑޮކްޓަރުން އައިސް ބަލި މީހުން ބަލައި، ސާޖަރީ ހެދުމަށްފަހު އެ ދުވަހު ފުރައިގެންދާ ގޮތަށް ކަމަށެވެ.
ޑރ. މުނައްވަރު މިފަހަކަށް އައިސް ގެންދަވަނީ ރައީސް ސޯލިހަށާއި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް މުނައްވަރު ކުރިން އިއުލާންކުރެއްވި އެވެ. ނަމަވެސް ފަހު ވަގުތު ވަނީ ޑރ. މުއިއްޒުއަށް ތާއީދުކުރައްވާފަ އެވެ.