ރައްޔިތުންނަށް ފެނުނީ ރާއްޖޭގައި ބުރިޖު އެޅި ވެރިޔަކާ އަޅަން އުޅެފައި އެކަން ނުކުރެވުނު ވެރިޔެއް ކަމަށް ވިދާޅުވެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މިއަދު މިފެންނަނީ ރާއްޖޭގެ ތަރައްގީ ވަރަށް ބޮޑަށް ފަހަތައް ޖެހިފައިވާ މަންޒަރު ކަމަށެވެ. މިހާލަތު ބަދަލުކުރެވެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެކުގައި ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބްރިޖެއް އަޅަން އުޅެ ނޭޅުނު ވެރިޔަކަށް ރައީސް ސޯލިހް ވެގެން ދިއުމަކީ ވެސް މިވެރިކަން ބަދަލުކުރަން ޖެހޭ ސަބަބެއް ކަމަށެވެ. ރައްޔިތުންނަށް މިހާރު ފެންނަން އޮތީ ބްރިޖު އެޅި ވެރިޔަކާ އެކަން ކުރަން އުޅެ ނުވި ވެރިޔެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމަ ރައްޔިތުން ހިޔާރުކުރަންވީ ބުރިޖް އެޅިފަރާތްތޯ ނޫނީ އަޅަން އުޅެފައި ނޭޅުން ފަރާތްތޯ؟" ރައްޔިތުންނަށް އިލްތިމާސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވެހިކަމާއި ވަޒީފާ ނެތުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން މުއިއްޒުގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މި ދެ މައްސަލަ ހައްލުކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެވަޑައިގަންނަވާ ކޮންމެ ވައުދެެއް ޕީޕީއެމް ޕީއެންސީ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލްތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އެ ސިޓީގައި އައްސޭރި ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން 10،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދައި ސީޕްލޭން ހަބެއް ގާއިމުކުރާނެ ކަމަށެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އަދި އެރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ބުރިޖަކުން ގުޅާލުމަށްވެސް މުއިއްޒު ވަނީ ވައުދުވެޑައިގެންފަ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ވިޔަފާރި ފުޅާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށެވެ. އަދި ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމެއްގެ ހިދުމަތް ފަށައި، ބައެއް ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރަމުންދާ ޕޭޕަލް، ޕެޔޯނިޔާ ފަދަ އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކުރެވޭނެ ގޮތްތައް ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ހުރިހާ ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އެއް މިލިޔަން ރުފިޔާގެ ލޯން ސްކީމެއް ގާއިމުކޮށް އަމިއްލަ ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ މާކެޓެއް އުފައްދައި އެ މާކެޓްތައް ހިންގުމަށް ކަންބަލުންގެ ކޯޕަރޭޓިވްސް ތަކެއް އުފައްދާ ކަންބަލުންގެ ވިޔަފާރި ޕްލެޓްފޯމެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސަލާމަތީ ރައްކާތެރިކަން ވަނީ ކަންބޮޑުވާން ޖެހޭ ހާލަތަކަށް ގޮސްފައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެކަމަށް އަޅާ ނުލައި ތިބިއްޖެނަމަ ގައުމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށާއި އެކަންކަމަށް ވިސްނާފައި ރައްޔިތުން އޭނާއަށް ވޯޓު ދިނުމަށްވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.