ފެނާއި ނަރުދަމާގެ ނިޒާމް

15 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑިން އުސޫލުން 15 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި އެވެ.

ފެނާއި ނަރުދަމާ ގާއިމުކުރަނީ އއ. ބޮޑުފުޅަދޫ އާއި ގދ. ރަތަފަންދޫ އާއި ތ. އޮމަދޫ އާއި ހދ. ނައިވާދޫ އާއި ދ. ރިނބުދޫ އާއި ގއ. ކޮނޑޭ ގައެވެ. ފެނުގެ ނިޒާމު ގާއިމު ކުރަނީ ދ. މާއެނބޫދޫ އާއި ހއ. އުތީމް އާއި ފ. ފީއަލީ އާއި ރ. ރަސްގެތީމް އާއި ތ. ބުރުނީގެ އިތުރުން ތ. ވޭމަންޑޫ އާއި ރ. މާކުރަތު އާއި ދ. ހުޅުދެލީގެ އިތުރުން ލ. ދަނބިދޫ އެވެ.

މި 15 ރަށުގެ ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމު ކުރުމަށް 407،145،030.01 ރުފިޔާ ސަރުކާރުން ހަރަދު ކުރެއެވެ.

މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކުރީ ފަސް ކުންފުންޏަކަށެވެ. އެއީ ޑުޕްލެކްސް ޕްރައިވެޓް ލިމިޑެޓާއި މައިކްރޯން ޕްރައިވެޓް ލިމިޑެޓް އާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ އިތުރުން މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓެވެ.

ޑިޒައިން އެންޑް ބިލްޑިން އުސޫލުން 15 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފައިވާއިރު މި އަހަރު ނިމޭއިރު ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި އެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސަރުކާރުން ވަނީ ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭނެއްވެސް އެކުލަވާލައްވާފައެވެ.

ޕްލޭން ބަހާފައި ހަ ސިޔާސަތު

  • ރައްކާތެރިފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުން
  • ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުން
  • ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުން
  • ދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުން
  • ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުން
  • ފެންބޮޑުވުމުގެ ކާރިސާތަކަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުން

ފެނާއި ނަރުދަމާގެ ގައުމީ އެކްޝަން ޕްލޭނަކީ އޯގަސްޓްމަހު އަމަލުކުރަން ފަށާފައިވާ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޕްލޭނެކެވެ.