ރައްޔިތުންގެ މަޖިލިސް

ގައުމީ ސަލާމަތާ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ބަދަލެއް

Mar 1, 2021

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ "ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ" އިން "ގައުމީ ސަލާމަތް" ހިމެނޭ ބައި "ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ" ގެ ދަށަށް ބަދަލު ކުރަން ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެކަމާ ގުޅޭގޮތުން ނެގި ވޯޓުގައި 54 މެމްބަރަކު އެ ބަދަލު ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

އެ ބަދަލު ގެންނަން ނިންމީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ މަސްއޫލިއްޔަތުގެ ދާއިރާއާއި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މަސްއޫލިއްޔަތު ދާއިރާގެ ސަބަބުން އެ ދެ ކޮމެޓީގެ މަސްއޫލިއްޔަތުގައި ފުށުއެރުމެއްވާ ކަަމަށް ފާހަގަ ކުރެވޭތީ އެ ދެ ކޮމެޓީގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކޮމެޓީއަށް ހުށަހެޅުއްވުމާ ގުޅިގެން ނެވެ.

އެ ބަދަލާއެކު ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއިން ދެން މަސައްކަތް ކުރަނީ ފޮރިން މިނިސްޓްރީ އާއި ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތް ރާވައި ހިންގާ ކޮންމެ އިދާރާއަކާ ގުޅޭ މައްސަލަތަކުގަ އެވެ. އަދި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އެމްއެންޑީއެފްއާއި، ޑިފެންސް އަދި ހޯމް މިނިސްޓްރީގެ އިތުރުން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅޭ މައްސަލަތަކުގައި އެކަންޏެވެ.