އަންނަ ހުކުރު ދުވަހުވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޒާހަރާ ކުރާނެ ކަމަށް އިއުލާނު ކޮށްފި އެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާތަކާއި އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރު ދީފައިވަނިކޮށް މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ "ރަތް އިންގިލާބު" ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށާ މިދިޔަ ހުކުރު ދުވަހަށްވުރެ ދެން ބާއްވާ އިހުތިޖާޖު ވަރުގަދަަ ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ހަރަކާތެއް. ކުއްލި ހާލަތުގައިވެސް ނުހިފެއްޓޭޏެ ހައްގުތަކެއްވާކަށް ސަރުކާރުންވެސް ގަބޫލުކުރަންޖެހޭ. އެހެންވީމަ މިދިޔަ ހުކުރު ދުވަހަށްވުރެ މާ ފުޅާކޮށް ވަރުގަދަކޮށް އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު އަޅުގަނޑުމެންގެ އިހުތިޖާޖު ކުރިއަށް ގެންދާނަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އަދި ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އޭގެ ކުރިން ފުލުހުން ވަނީ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް އިންޒާރު ކޮށް ބަޔާނެއް ނެރެފައެވެ. އަދި ހޯމް މިނިސްޓްރީން ވެސް ވަނީ މި ދުވަސްވަރު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ހުކުރު ދުވަހު އެއްވުމުގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލުވެސް ހައްޔަރުކޮށްފައިވެއެވެ. ނިމާލް އަކީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާއެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުވެސް ހައްޔަރުކޮށްފައިވެއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހައްޔަރުކުރިއެވެ. ނަމަވެސް ޖޫރިމަނާ ކުރުމަށްފަހު އެ ބޭފުޅުން ވަނީ ދޫކޮށްލާފައެވެ.