އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: ދެކުނު އޭޝިއާ ޒޯން ރާއްޖޭގައި

އޭއެފްސީ ކަޕް، ގުރޫޕް ޑީ، ނުވަތަ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް، އޭއެފްސީން ރާއްޖެއަށް ދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕް ސެންޓްރަލައިޒް ކުރުމުން، އޭއެފްސީ ކަޕް ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބު ކުރި މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ބާކީ ހުރި މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތުވެސް އޭއެފްސީން ދިނީ ރާއްޖެ އަށެވެ. އެހެންނަމަވެސް އެހެން ގުރޫޕްތައް ހިމެނޭ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް ބޮޑުވުމުން، އޭއެފްސީން ނިންމީ މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރުމަށެވެ.

މީގެ ކުރިން އޭއެފްސީ ކަޕް އޮންނަނީ، ހޯމް އެންޑް އަވޭ ފޯމެޓަށެވެ. އެހެންނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މުޅި އޭޝިއާ ގުޑައިގެން ދިޔަ އެވެ. ކުޅިވަރު ހަރަކާތްތަކަށް ކުރި ނޭދެވޭ އަސަރުން، ފުޓްބޯޅައަށް ސަލާމަތެއް ނުވެވުނެވެ. އޭއެފްސީއަށް މަޖުބޫރުވީ، އޭއެފްސީ ކުލަބު މުބާރާތެއްގައި މީގެ ކުރިން ނުބާއްވާ ފޯމެޓަށް މުބާރާތް ބަދަލު ކުރުމަށެވެ.

އޭގެތެރެއިން، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ ކޮންމެވެސް އެއް ކުލަބެއް ނިސްބަތްވާ ގައުމުގައި އެ ގުރޫޕެއްގެ މެޗުތައް ބާއްވާ ގޮތަށް ނިންމައި، ދެ ލެގްގެ ފޯމެޓްވެސް ތަންފީޒު ކުރުން މަޑުޖައްސާލި އެވެ. ގުރޫޕް ސްޓޭޖުގައި މިފަހަރު ކޮންމެ ޓީމެއް ކޮންމެ ޓީމެއް އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އެއްފަހަރު އެވެ.

ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި އޮންނާނީ މެއި މަހު 14 ން 20 އަށެވެ. މެޗުތައް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. އޭގެ ކުރިން އޭޕްރީލް މަހު، ކޮލިފިކޭޝަން ރައުންޑް އޮންނާނެ އެވެ. ކޮލިފިކޭޝަން ރައުންޑްގައި ރާއްޖޭގެ ކުލަބު އީގަލްސް ވާދަ ކުރާނީ، ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ އާ ދެކޮޅަށެވެ. އެ މެޗުވެސް އޮންނާނީ މާލޭގަ އެވެ. އޭއެފްސީ ކަޕް 2017 ގެ ކޮލިފިކޭޝަންގައި ތިމްޕޫ އިން ވަނީ ވެލެންސިއާ އާ ދެކޮޅަށް މާލޭގައި ކުޅެފަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓްގެ އަސަރު މާލޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ، އެޗްޕީއޭއިން ވަނީ، ކުޅިވަރުގެ ހުރިހާ ހަރަކާތެއް މަޑުޖައްސާލަން އަންގާފަ އެވެ. އެޗްޕީއޭ އިން މިދިޔަ އަހަރު އޮކްޓޯބަރު މަހު ހާއްސަ ހުއްދަ އެއް ދިން ގައުމީ ފެންވަރުގެ ފުޓްބޯޅައަށް ވެސް މި ކަމުން ސަލާމަތެއް ނުވެވުނެވެ. މިދިޔަ މަހު ލީގް މެދުކަނޑާލި ގޮތަށް އަދިވެސް ލީގް ފެށުމުގެ ހުއްދައެއް ނުދެ އެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ކުލަބުތައް ޕްރެކްޓިސް ފެށުމުގެ ހުއްދަ އޭއެފްސީން ދިނުމުން، ކުލަބުތަކުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ.