ޕީޕީއެމް ޒުވާނުން ތިބީ ރައީސް އަބްދުﷲ ޔާމިނާއެކުގައިކަން ހާމަ ކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގެ ހަރަކާތްތަކަކާއެކީ "އައި ސަޕޯޓް ރައީސް ޔާމީން" ގެ ނަމުގައި ވެބްސައިޓެއް މިއަދު ލޯންޗްކޮށްފި އެވެ.
"ޕްރޮގްރެސިވް ޔޫތް އޮފް މޯލްޑިވްސް" އިން މިވެބްސައިޓް ތާއާރަފު ކޮށްފައިވަނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ޕީޕީއެމް އިން ވަކިކުރުމުން ޕާޓީގެ ޒުވާނުން އެޕާޓީއިން ވަކިވަމުންދާ ކަމުގެ ވާހަކަ ސޯޝަލް މީޑިޔާގައި ފެތުރެމުންދަނިށެވެ.
ޕީޕީއެމުން ބުނީ ޒުވާނުން ޕީޕީއެމްގައި ތިބީ ވަކި މީހަކު ޕާޓީގައި ހުރެގެން ނޫން ކަމަށާއި ތާއީދު އޮތީ ރައީސް ޔާމީޏް ޒުވާނުންގެ ކުރިއެމަށް ކޮށްދެއްވާ މަސްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
ޕީޕީއެމް ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ "އައި ސަޕޯޓް ރައީސް ޔާމީން" ވެބް ސައިޓަކީ ޕީޕީއެމް ޒުވާނުންގެ ތާއީދު އޮތީ ރައީސް ޔާމީނާއެކުގައި ކަން ހާމަކުރުމުގެ ގޮތުން ލޯންޗް ކުރި ވެބްސައިޓެއް ކަމަށާއި އެ ވްބްސައިޓުގައި މިސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން މީޑިއާގައި އާންމު ކުރާ ހަބަރާއި ރިޕޯޓާއި ފޮޓޯތަކާއި ސޯޝަލް މީޑިއާގައި ހިންގާ ކެމްޕެއިންގެ ފޮޓޯތައް ހިމެނޭނެ ކަމަށެވެ.
ނައިބު ރައީސް އަދީބު ހައްޔަރުކުރުމާ ގުޅީގެން ޒުވާނުން ޕާޓީއިން ވަކިވަމުންދާ ކަމަށް ފަތުރާ ވާހަކަތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ ޕީޕީއެމްގެ ޒުވާނުން ޕާޓީއިން ވަކިވާ ކަމަށް ބުނާއިރު މިހާތަނަށް ވަކި ވެފައިވަނީ އެންމެ ތިން މީހުން ކަމަށާއި އޭގެ ބަދަލުގައި ގިނަ ބަޔަކު ޕާޓީއާ ގުޅެމުން އަންނަ ކަމަށެވެ.