ދުނިޔެ

ސީރިޔާ ސަލާމަތް ކުރަން ބާރުތަކުން ކުރީ ކީއް؟

ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދަން އެމެރިކާއާއި ރަޝިޔާގެ އިތުރުން 15ގައުމަކުން އިއްޔެ ވިއޭނާގައި ބޭއްވި ބައްދަލުވުމުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ގައުމުތަކުން ގޮތް ދޫކުރަން ބޭނުން ނުވާ ކަންކަމުގައި ކިތަންމެ ގިނަ ބައްދަލުވުމެއް ބޭއްވިޔަސް ގޮތުގައި ހިފަހައްޓާ ކަމެވެ.

ސީރިޔާ ހަނގުރާމައިގާ މިހާރުވެސް ބައިވެރިވަމުންދާ ގައުމުތަކާއި އެކި ގޮތްގޮތުން އެ ހަނގުރާމައިގާ މަސްލަހަތު އޮތް ގައުމުތަކުން އިއްޔެގެ ވާހަކަ ތަކުގައި ބައިވެރި ވިއެވެ. މިގޮތުން އެމެރިކާއާއި ރަޝިޔާގެ އިތުރުން 15 ގައުމެއް ވިއޭނާއަށް ދިޔަ އެވެ.

މި ބައްދަލު ވުމުން ފާހަގަ ކުރެވުނު ބައެއް ކަންތައްތައް:

• އދ. އިން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެދެން ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުން ނިންމި އެވެ. އދ. ގެ ބައިވެރިވުމާއެކު ހަމަލާތައް މެދު ކަނޑާލުމުގެ އެއްބަސް ވުމަކާއި އިންތިހާބަކާއި ހަމައަށް ވާސިލު ވެވިދާނެ ކަމަށް ބައިވެރިން ދެކުނެވެ. އަދި ސީރިޔާގައި އާ ގާނޫނު އަސާސީއެއް އެކުލަވާލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

• ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދު ކުރުމާއި ނުކުރުމަކީ ގައުމުތައް އެންމެ ބޮޑަށް ހިޔާލު ތަފާތުވާ މައްސަލައެވެ. މި ބައްދަލުވުމުން ވެސް މި ހިޔާލުތަފާތު ވުމަށް ހައްލެއް ހޯދިފައެއް ނުވެއެވެ. ގައުމުތަކުން ތިބީ ހަމަ އެގޮތުގައެވެ. އެމެރިކާގެ އާންމު އުސޫލުން އެގައުމުން ބުނަނީ ކޮންމެހެން ވެސް އަސަދު ބޭރުކުރަން ޖެހޭ ކަމަށެވެ. ރާގު ހުރި ގޮތުން ވައްތަރީ ހަމަ ސައްދާމުގެ ދުވަސް ދުއްވާލަން އުޅުނު އިރު ކީ ލަވައެވެ. އެމެރިކާ ދުވަނީ ވަކި މީހެއް ފަހަތުންނެވެ. ރަޝިޔާއިން ބުނީ އަދި ހުރީ އަސަދު ކަމަށާއި މިހާރު މުހިންމީ ހަނގުރާމައަށް ނިމުމެއް ގެނައުން ކަމަށެވެ. އޭރުން އަސަދު ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމާނީ ސީރިޔާ މީހުން ކަމަށެވެ. ސައުދީ އާއި ތުރުކީ ނެށީ އެމެރިކާގެ ލަވަޔަށެވެ. އީރާނު އޮތީ ރަޝިޔާއާއި އެކު އެއް ގަލެއްގައެވެ.

• މިއީ ސީރިޔާގެ މައްސަލައިގާ ބޭއްވުނު ބައިނަލްއަގްވާމީ މަޝްވަރާއެއްގައި އީރާނު ބައިވެރި ކުރި ފުރަތަމަ ފަހަރެވެ. އީރާނަކީ ބައްޝާރުލް އަސަދަށް ތާއީދު ކުރާ ގައުމެކެވެ.

އިއްޔެގެ ބައްދަލުވުމުގައި ކުރިފެޅި ވާހަކަތައް އިތުރަށް ކުރިއަށް ގެންދިއުމަށް އަނެއްކާ ވެސް ދެ ހަފްތާ ފަހުން މީގެ ދެވަނަ ބުރެއް ބޭއްވުމަށް ބައިވެރިން ވަނީ ނިންމާފައެވެ. ބައިވެރިން ދެބަސްވާ ކަންކަމަކީ ހަގީގަތުގައި ސީރިޔާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެއްގަލަކަށް އެރުން އެންމެ މުހިންމު މައްސަލަތައް ކަމަށް ވާއިރު، ސީރިޔާގެ ހެވާ ލާބައަށް ބޮޑެތި ބާރުތަކުން ގޮތްދޫކޮށްފާނެ ހެއްޔެވެ؟

ހަތަރު އަހަރުވީ ސީރިޔާ ހަނގުރާމައިގާ މިހާތަނަށް 250000 މީހުން މަރުވެއްޖެއެވެ. ގައުމުގެ އާބާދީގެ ދެބައިކުޅައެއްބައި (11 މިލިއަން މީހުން) ގެދޮރު ގެއްލި ވިއްސި ވިހާލި ވެއްޖެއެވެ. އަދިވެސް ބާރުތަކުން މަޝްވަރާ ކުރަމުން ދަނީ އަސަދަށް ހަދާނެ ގޮތަކާމެދުއެވެ. ކޮންމެއަކަސް އަސަދުގެ ސިޔާސީ ކުރިމަގަށް ގޮތެއް ނުނިމި، ސީރިޔާގެ މައްސަލައަށް އެއްވެސް ހައްލެއް ނެތްކަން މިހާރު ޔަގީނާ ގާތަށް އެނގިގެން ހިނގައްޖެއެވެ.