ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބުގެ ރީރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރީރެޖިސްޓްރޭޝަނަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީ އިން ބުނީ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވަން ނިންމި ތާރީހު ކަމަށްވާ އޭޕްރީލް 4، 2020 ވަނަ ދުވަހަށް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން މިހާރު ބަދަލުވެފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓަރީވާން ހުޅުވާލާފައިވާ ކަމަށެވެ.

ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލާތަނުގެ ގޮތުގައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމުން އެފަރާތްތަކުން މި މުއްދަތުގައި އަލުން ރީރަޖިސްޓާވާން ވެސް އީސީން ވަނީ އެދިފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވާ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.