ބިގް ޑައޮމީޑް އާއި ލިޓްލް ޑައޮމީޑް ކިޔާ ދެ ރަށް ދަންނަން ހެއްޔެވެ؟ މި ދެ ރަށުގެ ދޭތެރޭ އޮންނަނީ ދެ މޭލު ދުރުމިން ނަމަވެސް އެއް ރަށް ނިސްބަތް ވަނީ ރަޝިޔާގެ އަށެވެ. އަނެއް ރަށަކީ އެމެރިކާގެ ރަށެކެވެ. މި ދެ ރަށަކީ ގާތް ގާތުގައި އޮތް ދެ ރަށް ނަމަވެސް ދެ ރަށުގެ ގަޑީގެ ތަފާތު ވަރަށް ބޮޑެވެ. އެއީ 20 ގަޑިއިރުގެ ބޮޑު ތަފާތެކެވެ.
ދަ އިންޓަނޭޝަނަލް ޑޭޓް ލައިން (އައިޑީއެލް) އިން މި ދެ ރަށް ވަކި ކޮށްފައިވާ ގޮތުން ބިގް ޑައޮމީޑްސްގެ ގަޑި ލިޓްލް ޑައޮމީޑަށް ވުރެ 21 ގަޑި ކުރި އެވެ. އެހެންވެ ބިގް ޑައޮމީޑް މަޝްހޫރުވެފައިވާ "ޓްމޯރޯ އައިލެންޑު" ގެ ނަމުންނެވެ. އަދި ލިޓްލް ޑައޮމީޑް މަޝްހޫރުވެފައިވާ "ޔެސްޓަޑޭ އައިލެންޑް" ގެ ނަމުންނެވެ.
ސީއެން ޓްރެވެލާގައިވާ ރިޕޯޓެއްގައިވާ ގޮތުން 1867 ވަނަ އަހަރު ރަޝިޔާ އަތުން އެމެރިކާއިން އެލަސްކާ ގަތުމަށް ފަހު ހެދި ޓްރީޓީގައި ބޯޑަރު ކުރެހުމަށް ގެންގުޅުނު ބެންޗުމާކަކީ މި ކުޑަ ކުޑަ ދެ ރަށެވެ. އެހެންކަމުން މީގެން އެއް ރަށަކީ އެމެރިކާގެ ރަށެކެވެ. އަނެއް ރަށަކީ ރަޝިޔާގެ ރަށެކެވެ.
މި ދެ ރަށަށް ނަން ދިނީ ޑެނިޝް-ރަޝިއަން ނެވިގޭޓާ އެއް ކަމަށްވާ ވިޓަސް ބާރިން އެވެ. މި ދެ ރަށް އެންމެ ފުރަތަމަ ހޯދީ 16 އޮގަސްޓް 1728 ވަނަ އަހަރު އޭނާ އެވެ.
ސޯޝަލް މީޑިއާގައި މި ދެ ރަށުގެ ގަޑީގައި ހުރި ބޮޑު ތަފާތުގެ ވާހަކަ ދެކެވެން ފެށުމުން ބައެއް މީހުން ވަނީ އެ ދެ ރަށުގައި ދިރިއުޅޭ މީހުން ތަޖުރިބާ ކުރާނެ އާދަޔާޚިލާފު ކަންތައްތައްތަކުގެ ވާހަކަތައް ވެސް ދައްކާފަ އެވެ.
މިސާލަކަށް ލިޓްލް ޑައިމީޑަށް އިރު އަރާނީ ބިގް ޑައޮމީޑަށް އިރު އަރައިގެން އިރުއޮއްސި ރޭގަނޑު އަށެއްވެސް ޖަހާ ފަހުން ކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ. އެއް ރަށަށް އާދިއްތަ ދުވަސް ނަމަ އަނެއް ރަށަށް ދުވަސް ވާނީ ހޯމަ ދުވަހަށެވެ.
ކައިރި ކައިރީގައި އޮންނަ މި ދެ ރަށަށް މިހާ ބޮޑަށް ވަގުތުގެ ގޮތުން ތަފާތުކަމުން ގިނަ ބައެއްގެ ޝައުގުވެރިކަން މިކަމަށް ހުއްޓޭގޮތްވެ ސޯޝަލް މީޑިއާގައި މި ދުވަސްވަރު މި ދެ ރަށުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެމުންދަނީ އެވެ.