އަލީ ވަހީދު

އިތުރަށް ބަލާތީ އަލީގެ މައްސަލައަށް ގޮތެއް ނުނިންމުނު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކޮށް ރާއްޖެއިން ފުރައިގެން ދާން އޭނާއަށް ހުއްދަދިން މައްސަލައަށް ގޮތެއް ނިންމޭނީ އަދިވެސް ބައެއް ކަންކަން ބެލުމަށް ފަހުގައި ކަމަށް ޖުޑިޝަރީ ކޮމިޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޓީން މިއަދު ބޭއްވީ އެ މައްސަލާގައި މިހާތަނަށް ހޯދި ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ނިންމާށެވެ. ނަމަވެސް އަދިވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުރުމުން މިއަދު ވެސް ގޮތެއް ނުނިންމުނެވެ. މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އިމިގްރޭޝަނުން ޕާސްޕޯޓު ދޫކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންތޯ އާއި ހުއްދަ ދިނީ ކިހާ މުއްދަތެއްގައި ކަން ސާފުކުރަން ބޭނުންވާ ކަމަށް ކޮމިޓީން ބުންޏެވެ.

އުސޫލާ ހިލާފަށް ޕާަސްޕޯޓު ދޫނުކުރާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ބާތިލުކޮށް އޭނާ ފުރަން ހުއްދަ ދިން މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް ކޯޓު އަމުރު ނެރުތާ 48 ގަޑިއިރު ވެފައިވާތީ ހައިކޯޓުގެ ރަޖިސްޓްރާ އާއި ހިސާބުން މައްސަލަ ވަނީ ބޭރުކޮށްފަ އެވެ. ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ އެވެ.

ކޮމިޓީން އިތުރަށް ބުނީ އެ މައްސަލަ ދައުލަތުން ހައިކޯޓަށް އިސްތިއުނާފް ކުރުމުން މައްސަލަ ބޭރުކޮށްލިކަން އެނގުނީ މީޑިއާއިން ކަމަށާއި، އެހެންކަމުން އެ މައްސަލަ މިހާރު އޮތް ހިސާބު ވެސް ބަލާނެ ކަމަށެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރުނު ތާރީހާއިމެދު އުފެދުނު ސުވާލުތައް ވެސް މިހާރު ދައުލަތުން ވަނީ ސާފުކޮށްފަ އެވެ. އެގޮތުން އެކަން އެންގުމަށް ދައުލަތުގެ ފަރާތުން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ޝަރީއަތުގެ އަޑުއެހުން މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު ކުރިއަށްދިޔައިރު އޭނާ ފުރާފައި ވެސް ވަނީ ހަމަ އެދުވަހު ކަމަށެވެ. ފުރައިގެން ދިޔައީ ތުރުކީގެ އިސްތަންބޫލަށް ކަމަށް ވެސް ދައުލަތުން ކޮމިޓީއަށް ވަނީ އަންގާފަ އެވެ.

އެހެންނަމަވެސް އަމުރު ނެރުނީ ފެބްރުއަރީ 10 ވަނަ ދުވަހު ކަމަށާއި ޕިޖީއަށް ލިޔުން ލިބުނީ 11 ވަނަ ދުވަހު އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާއި ގުޅިގެން އެއަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ. އަލީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނިކޮށެވެ.