ރައްޔިތުންގެ މަޖިލިސް

ޕޮލިސް ބޯޑަށް ކޮމެޓީން ރުހުން ދިނީ ހާމިދަށް އެކަނި

ފުލުހުންގެ އާ ގާނުނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް ކުރިމަތިލި ފަސް ބޭފުޅުންގެ ތެރެއިން ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރަށް ރުހުން ދޭން ކަމާ ގުޅޭ ކޮމެޓީއިން ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެކުލަވއިލާ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން ހާމިދު ހިމެނިވަޑައިގަންނަވާހެން ފަސް ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ލަބީގު މުހައްމަދު މާހިދު އާއި ޒުބައިރު އަހުމަދު މަނިކު އާއި ޒީނަތު އަލީގެ އިތުރުން އަލީ މުހަައްމަދު މަނިކެވެ.

ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގައި ނަންތައް ދިރާސާ ކުރުމަަށް ފަހު މިއަދު ބޭއްވި ބައްދަލްވުމުގައި ހާމިދަށް ރުހުންދޭން ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ނިންމާފައެވެ. ނަމަވެސް ދެން ހިމެނޭ ހަތަރު ނަމަށް ރުހުން ދޭން ނުފެންނަ ކަމަަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ތަސްދީގު ކުރި ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދާ ފުލުހުންގެ ބޯޑުގައި ހަތް މެމްބަރަކު ތިއްބަވާނެ އެވެ. އޭގެ ތެރޭގައި ރައީސް ސޯލިހް އައްޔަން ކުރައްވާ ދެ ބޭފުޅުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކު ހިމެނެ އެވެ.

އެހެން ކަމުން އަލުން ޕޮލިސް ބޯޑަށް ހުޅުވާލާނެ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ތެރެއިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްގެ ފުލުހުންނާމެދު ޕޮލިސް ބޯޑުން ހަތަރު މަސްތެރޭ ފިޔަވަޅު އަޅަން ޖެހޭނެ އެވެ.