ސީއެމްޑީއޭ

ކުންފުނިތަކުގެ ސެކްރެޓަރީން ތަމްރީން ކުރަނީ

Mar 4, 2021

ކުންފުނިތަކުގެ ސެކްރެޓަރީން ތަމްރީން ކުރަން ހާއްސަ ޕްރޮގްރާމެއް ފަށަން، ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ތައްޔާރު ވެއްޖެ އެވެ.

ސީއެމްޑީއޭއިން ބުނީ އެ އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީޒް (ICDS) ގެ ފަރާތުން "ކޮމްޕެނީސް ސެކްރެޓަރީޒް" އަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް، މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މި އަހަރުގެ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ކަމަށެވެ.

ފީގެ ގޮތުގައި 500ރ. ދީގެން ބައިވެރިވެވޭ ކޮމްޕެނީ ސެކްޓަރީން ތަމްރީން ކުރުމުގެ ޕްރޮގްރާމުން 25 މީހަކު ތަމްރީން ކުރަން ސީއެމްޑީއޭ އިން ނިންމާފައިވެ އެވެ. މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތް ތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 17 އެވެ.

ސީއެމްޑީއޭއިން މީގެ ކުރިން ކުންފުނިތަކުގެ ސެކްޓަރީޒް ތަމްރީން ކުރަން ޕްރޮގްރާމްތަކެއް ހިންގާފައިވެ އެވެ. ކުންފުނިތަކުގެ ސެކްރެޓަރީންއަކީ މިހާރު ވިޔަފާރީގެ މާހައުލު އޮތް ގޮތުން އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބައެެކެވެ.