ޔޫކްރެއިން ކުރީގެ ރައީސް ވިކްޓާ ޔަނުކޮވީޗް ހޯދަން ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްއިން އިއުލާންކޮށްފި އެވެ.
ޔޫކްރެއިންގެ އާންމު ރައްޔިތުން ނިކުމެ، މުޒާހަރާކޮށް މަގާމުން ދުރުކޮށްފައިވާ ވިކްޓާ ހޯދަން އިންޓަޕޯލުން އިއުލާން ކުރީ ދައުލަތުގެ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޔޫކްރެއިންގެ މިހާރުގެ ސަރުކާރުން އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.
ވެރިކަމުން ދުރުކުރުމާ އެކު އަވަށްޓެރި ރަޝިއާއަށް ވިކްޓާ ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ވެރިކަމުގައި ހުންނެވިއިރު ރަޝިއާއާ ގާތް ގުޅުމެއް ބާއްވާފައިވާތީ ރަޝިއާއިން ވަނީ އޭނާއަށް ހިމާޔަތް ދީފަ އެވެ.
ވިކްޓާގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރުގެ ކުރީގެ ނައިބާއި ކުރީގެ ފިނޭންސް މިނިސްޓަރު ވެސް ހޯދަން އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.
ވިކްޓާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުތީ ޔޫރަޕްގެ އިއްތިހާދުގެ ހުށަހެޅުންތަކަށް ދެކޮޅު ހަދައި، ރަޝިއާއާ ގުޅުން ބަދަހި ކުރަން ވިކްޓާ މަސައްކަތް ކުރުމުންނެވެ. އޭނާގެ ވެރިކަން މިދިޔަ އަހަރު ވެއްޓުނު ފަހުން މިއަދާ ހަމައަށް ވެސް ޔޫކްރެއިންގައި ހަމަޖެހުން ގާއިމްވެފައެއް ނުވެއެވެ.