ޑރ. މުހައްމަދު އިޔާޒް

ޑރ. އިޔާޒް ސަސްޕެންޑް ކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ އިއްޔެ އެވެ. އޭނާ ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޑރ. އިޔާޒް ވިދާޅުވީ ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވާ ކަމަަށާ ޔުނިވާސިޓީން ބަލަމުންދަނީ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޓްވީޓްތަކެއްގެ މައްސަލަ ކަމަށެވެ.

އިޔާޒް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށާ އަދި ކުރިއަށް އޮތްތާވެސް ނުކުރައްވާނެ ކަމަށެވެ.

"މިއީ ޔުނިވާސިޓީ ހިންގުމުގައި ތިއްބެވި އެމްޑީޕީގެ އެކްޓިސްޓުންތަކެއް ކުރާ ކަމެއް. އިންޝާﷲ، އަޅުގަނޑު ކުރާ އެއްވެސް ކަމެއް މިފަދަ ފިޔަވަޅެއްގެ ސަބަބުން ނުހުއްޓުވޭނެ،"

އިޔާޒް ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކިޔެވުމަށް އަސަރު ކޮށްފާނެތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރުވެސް ދީފައެވެ.

އިޔާޒް ސަސްޕެންޑް ކޮށްފައި މިވަނީ ޖަމާއަތުގެ ނަމާދު ހުއްޓާލުމާ ގުޅޭގޮތުންނާއި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ އިޔާޒް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އިޔާޒް ގެންދަވަނީ ހަމަހަމަކޮށް ފިޔަވަޅު ނާޅުއްވާ ހަމައެކަނި މިސްކިތުގެ ޖަމާއަތަށް ފިޔަވަޅުތައް އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. އިޔާޒް ފާހަގަކުރެވިފައިވަނީ މި ސަރުކާރާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގައެވެ. އިޔާޒަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް ނަމާދުގެ މައްސަލާގައި އިޔާޒު ގެންދަވަނީ ކަން އޮތްގޮތް ބަޔާންކޮށް އިލްމުވެރިންގެ ފަރާތުން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.