ބަތަލާ ބާގްޔާޝްރީ "މައިނޭ ޕިޔާރް ކިޔާ" ގައި ކުޅެފައިވާ މައުސޫމް ޒުވާން އަންހެންކުއްޖާގެ ރޯލު އެ ފިލްމު ބެލި ގިނަ ބަޔަކު އަދިވެސް ހަނދާން އެބަހުއްޓެވެ. ސަލްމާން ޚާނާއެކު ބާގްޔާޝްރީ ކުޅުނު އެ ފިލްމުގެ ޝޫޓިން ނުވެސް ނިމެނީސް ބާގްޔާޝްރީ ވަނީ ކައިވެނި ކޮށްފަ އެވެ. އަދި އޭގެ ފަހުން ފިރިމީހާ އާއެކު ދެ ތިން ފިލްމެއް ކުޅުމަށް ފަހު ފިލްމީ ދުނިޔެއާ ދުރުގައި އޭނާ ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
ބާގްޔާޝްރީއަށް ދެ ދަރިން ލިބިފައި ވެއެވެ. ފިރިހެން ދަރިފުޅު އަބިމަންޔޫ ދަސާނީ މިހާރު ވަނީ ފިލްމު ކުޅެން ފަށާފަ އެވެ. "މަރްދް ކޯ ދަރްދް ނެހީ ހޯތާ" އަކީ އަބިމަންޔޫ ފުރަތަމަ ކުޅުނު ފިލްމެވެ. އަދި އަންހެން ދަރިފުޅު އަވަންތިކާ ދަސާނީ ވެސް މިހާރު ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރެވެ. އަވަންތިކާ ދަނީ އޭނާގެ ރީތި ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާކުރަމުންނެވެ. އަދި މިފޮޓޯތަކަށް ބޮޑު ތަރުހީބެއް ވެސް ލިބެމުން ދެއެވެ.
އަދި ވަރަށް ރީތި ލަވައަކަށް އޭނާ ނަށާފައިވާ ވީޑީއޯއެއް ޝެއާ ކުރުމުން އެ ވީޑިއޯ އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
މަންމަގެ ރީތި ސޫރަ ލިބިފައިވާ އަވަންތިކާ ކުޑައިރުއްސުރެ ނެށުމާއި އެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އާދެ އެވެ. އަދި ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނަން އުޅޭ ކަމަށް ވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އަވަންތިކާގެ އިންސްޓަގްރާމް ފީޑުން ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އޭނާއަކީ އާދަޔާޚިލާފު ރީތި ކުއްޖެއް ކަމާއި އޭނާ މިހާރުއްސުރެ މޮޑެލް ކުރާ ކަމެވެ.
ދަރިން ބޮޑެތިވެ އަމިއްލައަށް އުޅެވޭވަރު ވުމުން ބާގްޔާޝްރީ ވެސް މިހާރު ވަނީ އަނެއްކާ އެކްޓް ކުރަން ފަށާފަ އެވެ. އެގޮތުން އިންޑިޔާގެ އެކި ޗެނަލްތަކުން ދައްކާ ބައެއް ސީރީޒްތަކުގަޔާއި ބައެއް ފިލްމުތަކުގައި ވެސް ބާގްޔާޝްރީ ދަނީ ބައިވެރިވަމުންނެވެ.