އާލިއާ ބަޓް

ރާކީ ސާވަންތު ބައޮޕިކް އާލިއާ ކުޅެފާނެތަ؟

ރާކީ ސާވަންތުގެ ވާހަކަ އަނެއްކާ މިހާރު މާ ގަދަޔަށް ދެކެވެން ފަށައިގެން އުޅެނީ ދާދި ފަހުން ނިމުނު ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14"ގައި ބައިވެރިވެ ގިނަ ބައެއްގެ މުނިފޫހިފިލުވާ ދިނުމަށް އޭނާ ދެއްކި މަޖާ ވާހަކަތަކާ ހެދި އެވެ.

ރާކީ ބުނާ ގޮތުގައި އޭނާގެ ބައޮޕިކް އެއް ހަދަން މަޝްހޫރު ޝާއިރު ޖާވީދު އަޚްތަރު ޝައުގުވެރިކަން ފާޅު ކޮށްފައި ވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އޭނާއާ ބައްދަލު ކުރަން ޖާވީދު އެދިފައިވާ ކަމަށް ވެސް ރާކީ ބުންޏެވެ.

"ކޮވިޑްގެ ވަބާ ފެށުމުގެ ކުރިން އަޚްތަރު ޖީ [ޖާވީދު އަޚްތަރު] އަހަންނަށް ގުޅި. އޭނާ ބޭނުންވީ އަހަރެންގެ ބައޮޕިކް ލިޔަން. ނަމަވެސް އޭގެ ފަހުން އަދި އޭނާއާ ބައްދަލު ކުރެވޭ ގޮތެއް ނުވޭ. އަހަރެންގެ ބައޮޕިކްގައި ވަރަށް މީހުން ހިތްހަމަ ނުޖެހޭނެ ގިނަ ވާހަކަތަކެއް ހުންނާނެ. އިންޑިޔާ މީހުން އެ ފަދަ ފިލްމެއް ބަލަން ބޭނުންވާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަހަންނަކަށް ނޭނގެ،" ރާކީ ބުންޏެވެ.

ރާކީ ބުނި ގޮތުގައި އޭނާގެ ބައޮޕިކް އެއް އުފައްދާނަމަ އެ ފިލްމެއްގައި އޭނާޣެ ރޯލު ކުޅެން އޭނާ އެދެނީ އާލިއާ ބާޓް ލައްވަ އެވެ.

"އަހަންނަކަށް ނޭނގެ އެމީހުން އެ ފިލްމުގެ ބަތަލާއަކަށް ލާނީ އަހަރެން ކަމެއް ނޫނީ އާލިއާ ކަމެއް ނޫނީ ޕްރިޔަންކާ ޗޯޕްޅާ ކަމެއް. އަހަރެން އެ ފިލްމު ކުޅެން ބޭނުން. ނަމަވެސް އަހަރެން ނޫނީ ދެން ބޭނުމީ އާލިއާ އެ ރޯލު ކުޅެން. ނޫނީ ދީޕިކާ ޕަދުކޯން ވެސް ރަނގަޅު ވާނެ. އަދި ކަރީނާ ކަޕޫރު ކަހަލަ އަހަރެންގެ ފޭވަރިޓް ކޮންމެ އެކްޓަރަކު އެ ރޯލު ކުޅުނަސް އަހަރެން ހިތްހަމަޖެހޭނެ،" ރާކީ ބުންޏެވެ.

ނަމަވެސް ރާކީ ކަހަލަ "އަނގަ ބޮޑު" އަދި މައްސަލަ ބޮޑު މީހެއްގެ ބައޮޕިކް އެއް އާލިއާ ފަދަ ބަތަލާއަކު ކުޅެފާނެ ކަމާ މެދު ޝައްކެވެ.