ބޮލީވުޑް

ލޫލިއާ އާއި އެންގޭޖްވި ވާހަކަ ސަލްމާން ދޮގުކުރޭ

Nov 1, 2015

ސުޕަސްޓާ ސަލްމާން ޚާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރުމޭނިއާގެ ޓީވީ ތަރިއެއް ކަމަށްވާ ލޫލިއާ ވަންތޫރާއި ސިއްރުން އެންގޭގްވި ވާހަކައަކީ މީގެ ދެހަފްތާއެއްހާ ދުވަސްކުރިން އެންމެ ގަދައަށް ދެކެވުނު ވާހަކަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސަލްމާން އާއި ލޫލިއާ އެންގޭޖްމަންޓަށް ލޫލިއާ މުމްބާއީގައި އުޅެފައި އެނބުރި ގައުމަށް ދިޔައިރު އޭނާގެ އަތުގައި އަނގޮޓިއެއް އޮތް ކަމަށާއި އަދި އަންނަ އަހަރުގައި ސަލްމާން އާއި ލޫލިއާގެ ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާތަނަށް ވެސް ސަލްމާން ލޫލިއާ އާއި އެންގޭޖްވީ ކަމެއް ނުވަތަ ނޫންކަމެއް ޔަގީންވެފައިނުވާއިރު، މިވާހަކަތައް އަދިވެސް ހުއްޓުމެއް ނެތި ދެކެވެމުން އަންނަނިކޮށް ސަލްމާން މިވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ނޫހަކަށް ސަލްމާން ދިން އިންޓްވިއުއެއްގައި އޭނާ އެންގޭޖްވި ކަމަށް ދެކެވެމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

"އަހަންނާއި ބެހޭގޮތުން އެއްވެސް ތާކުންތާކު ނުޖެހޭ ވަރަށް ގިނަ ވާހަކަތައް ދައްކާ. މިހުރިހާ ވާހަކަތަކަކީ ހުސް ދޮގު" ލޫލިއާ އާއި އެންގޭޖްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނަމުން ސަލްމާން ބުނެފައިވެ އެވެ.

އޭނާ އާއި ބެހޭގޮތުން ނޫސްތަކުގައި ލިޔާ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކާއި މެދު އެއްވެސް ފަރުވާލެއް ނެތް ކަމަށް ބުނަމުން ސަލްމާން ވަނީ އޭނާއޭ ކިޔައިގެން ނޫސްތަކުގައި ލިޔާ ހުރިހާ ވާހަކައެއް ކިޔައި، އަދި ދައްކާ ހުރިހާ ވާހަކައެއް ވެސް އޭނާއަށް އަޑުއިވޭ ކަމަށާއި ނަމަވެސް އެއިން އެއްވެސް ވާހަކައަކުން ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.

"މިކަހަލަ ކުދިކުދި ކަންތައްތަކުން އަހަންނައްވާ އެއްވެސް އުނދަގުލެއް ނޯވޭ، އެކަމަކު އެކަހަލަ ވާހަކަތައް އަޑުއިވުނީމަ އަހަރެންގެ މައިންބަފައިންނަށް ވަރަށް އުނދަގޫވޭ. އެމީހުންނަށް އުނދަގޫވީމަ އަހަރެންގެ ވެސް ބޮލަށް އުނދަގޫވޭ" ސަލްމާން ބުންޏެވެ.

ސަލްމާން އެންގޭޖްވެ، އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ހަބަރު ފެތުރުމާއެކު އޭނާގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވެ، މިވާހަކަތައް ދޮގުކޮށްފައިވަނީ ކޮއްކޮ އަރްޕިތާ ޚާން އެވެ. އަރްފިތާ މިވާހަކަތައް ދޮގުކުރަމުން ކުރި ޓްވީޓެއްގައި ވަނީ ސަލްމާންއޭ ކިޔައިގެން ނޫސްތަކުގައްޔާއި އަދި އެކި އޮންލައިންތަކުގައި ދެކެވޭ ވާހަކަތަކަށް ގަބޫލުނުކުރުމަށް ބުނެފަ އެވެ.

މީގެ ދެއަހަރެއްހާ ދުވަސްކުރިން ސަލްމާންގެ "އޭކް ތަ ޓައިގާ" ކުޅުނު ދުވަސްވަރު ލޫލިއާ އާއި ދިމާވެ މިދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އުފެދި، ސަލްމާން ވަނީ ކޮއްކޮ އަރްޕިތާގެ ކައިވެނީގެ ހަފްލާގެ ތެރޭގައި އާއިލާގެ މީހުންނަށް ލޫލިއާ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ތައާރަފުކޮށްދީފަ އެވެ.