ލައިފްސްޓައިލް

ޑަލްގޯނާއަށް ވުރެ "ޕްރޮފީ" މަގްބޫލުވަނީ!

ކޮފީ ބޯހިތްވޭޭ ހެއްޔެވެ؟ ކޮފީ ތެރެއިން ފިނިކޮށް ހުންނަ ކޮފީ މާ މީރު ހެއްޔެވެ؟ އެހެން ކަމަށްވާނަަަމަ ޕްރޮފީއަކީ ވަރަށް ،ކަމުދާނެ ކޮފީ އެކެވެ.

ކޮވިޑް ލޮކްޑައުން ތެރޭގައި އެންމެ ހިނގި އެކައްޗަކީ ޑަލްގޯނާ ކޮފީ އެވެ. ނަމަވެސް މިހާރު ގިނަ ގައުމުތަކުގައި ލޮކްޑައުން ނިމުމަކަށް އައިސްފައިވާއިރު ޑަލްގޯނާ ކޮފީގެ މަގްބޫލުކަން ވެސް މިހާރު ވަނީ ދަށްވެފަ އެވެ. މިހާރު ވައިރަލް ވެގެން އުޅެނީ ޕްރޮފީ ކިޔާ ކޮފީ އެކެވެ.

ޑަލްގޯނާ ކޮފީގެ ރެސިޕީ އަކީ 2020 ގައި އިންޓަނެޓުގައި އެންމެ ގިނަ ބަޔަކު ސާޗްކުރި ރެސިޕީ އެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ޕްރޮފީ ވައިގައި ހިފާ އެ ހަދާގޮތް ހޯދާ މީހުން ވަނީ ގިނަ ވެފަ އެވެ. ޚާއްސަކޮށް ސިއްހަތަށް ބަލާ މީހުންގެ މެދުގައި ޕްރޮފީގެ މަގްބޫލުކަން އަންނަނީ އިތުރު ވަމުންނެވެ.

ޕްރޮފީ އަކީ ވަރަށް ބޯލަން ހިތްގައިމު ކޮފީ އެކެވެ. މިއީ ޕްރޮޓީން ޝޭކް އާއި ކޮފީގެ ކޮމްބިނޭޝަން އެކެވެ. އަސްލު މިޔަށް ކިޔަނީ ޕްރޮޓީން ކޮފީ އެވެ. ފިޓްނަސްއަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު މި ކޮފީ އިންސްޓަގްރާމްގައި ވަރަށް މަޝްހޫރުކުރަމުން އެބަ ދެއެވެ.

މި ކޮފީ ޓްރެންޑް ފެށިގެން އައީ ޓިކްޓޮކް އިންނެވެ. އަދި މިހާރު އިންސްޓަގްރާމްގައި މި ކޮފީ ވަނީ ވައިރަލް ވެފަ އެވެ. ހޭޝްޓެގް ޕްރޮޓީންކޮފީ ޖަހައިގެން ސާޗް ކޮށްފިނަމަ މި ކޮފީއާ ގުޅޭ 66،000 ޕޯސްޓްސް އިންސްޓަގްރާމުން މިހާރު ފެންނާނެ އެވެ.

ޕްރޮފީގެ ފައިދާ އަކީ ކޮބާ؟

• ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް މިއީ ވަރަށް ސްމާޓް ޗޮއިސް އެކެވެ. ޕްރޮޓީން އިތުރަށް ބޭނުންކުރަން ބޭނުންވާ މީހުންނަށް ކޮފީ ބުއިން ހުއްޓާ ނުލާ ފަރުޖެއްސޭ ބުއިމެކެވެ.

• ޕްރޮޓީން އެކުލެވޭ ބުއިމަކަށް ވާތީ ކޮފީ އެއް ބޯލުމުގެ ހިތްހަމަޖެހުމުގެ އިތުރުން ޕްރޮޓީންގެ ސަބަބުން ބަނޑު ފުލްވެފައި ހުންނަ ކަމުގެ އިހްސާސް ގިނަ އިރުތަކެއް ވަންދެންހުރެ އެވެ.

• ޕްރޮޓީން އަކީ އަހަރެމެންގެ ހަށިގަނޑަށް އެންމެ ބޭނުންވާ އެއް މެކްރޯނިއުޓްރިއަންޓްސް އެވެ. ޚާއްސަކޮށް ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށެވެ.

• ނިއުޓްރިޝަނިސްޓުން އިރުޝާދު ދެނީ ހެނދުނު ހޭލައިގެން ފުރަތަމަ ކާ ކެއުމުގައި ޕްރޮޓީން އެކުލެވޭ އެއްޗެތި ބޭނުން ކުރުމަށެވެ. އޭރުން އަވަހަށް ބަނޑުހައެއް ނުވާނެ ކަމަށާއި އިރުއިރުކޮޅާ ސްނެކްސް ކާހިތް ނުވާނެ ކަމަށެވެ.

• ހެނދުނު ހޭލައިގެން ފުރަތަމައިނުން ވެސް ޕްރޮފީއެއް ބޯލައިގެން ކުޑަ ކުޑަ ނާސްތާއަކުން ހަމަޖައްސާ ލެވޭނެ އެވެ. ނުވަތަ ނާސްތާއެއް ނުކުރިޔަސް ބަނޑުހައި ނުވެ ހުންނާނެ އެވެ.

ޕްރޮފީގެ ރެސިޕީ

  • އެސްޕްރެސޯ ކޮފީގެ ދެ ޝޮޓް ތައްޔާރު ކޮށްލާށެވެ.
  • އެމީހަކު ފޮނިކުރަން ބޭނުންވާ މިންވަރަކަށް ހަކުރު އަޅާށެވެ. ހަކުރު ނޭޅިޔަސް މައްސަލައެއް ނެތެވެ.
  • ކޮފީ ހިހޫވަންދެން ބަހައްޓާށެވެ
  • އެމީހަކު ބޭނުންވާ މިންވަރަކަށް ކިރު އަޅާށެވެ. އާދައިގައި ކޮފީ ހަދާ އުޅޭ ގޮތަށް ހަދާފައި ހިހޫކޮށްލާށެވެ.
  • އެހެން ބޯތައްޓެއްގައި ޕްރޮޓީން ޕައުޑާ އާއި ފެން އެއްކޮށް ސަމުސަލަކުން ނުވަތަ ވިސްކަކުން ނުވަތަ ޝޭކާ އަކުން ގިރާށެވެ.
  • ބަދަލުގައި 'ރެޑީ ޓު ޑްރިންކް' ނުވަތަ "ފްރެޝް އެޓް ހޯމް" ޕްރޮޓީން ޑްރިންކެއް ވެސް ބޭނުން ކުރެވިދާނެ އެވެ.
  • ބްލެކް ކޮފީ ނުވަތަ އެސްޕްރެސޯ ފިނިކޮށްފައި ނުވަތަ ތާފަނާކޮށް ބަހައްޓައިގެން ޖޯޑަކަށް އަޅާށެވެ.
  • ޕްރޮޓީން ޑްރިންކްގެ ތެރެއަށް އައިސް ލާތޭ ނުވަތަ އައިސްކޮށްފައިވާ ކޮފީ ވެސް އެޅިދާނެ އެވެ.
  • ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ވީހާވެސް މަދުން ހަކުރު އެޅުން ރަނގަޅެވެ. އެއްގޮތަކަށް ވެސް ނޭޅިޔަސް ރަނގަޅެވެ.