ވައްކަން

މިފްކޯ ފަޅާލައި ހަތަރު ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އޮފީހެއް ފަޅާލައި ހަތަރު ލައްކައެއްހާ ރުފިޔާ ވަގަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިފްކޯ ފަޅާލައިގެން ވައްކަން ކުރީ މިދިޔަ ހޯމަ ދުވަހު އެ އޮފީހުގެ ދޮރެއް ހަލާކު ކޮށްލައިގެން ކަމަށެވެ. ވައްކަން ކުރި މީހުން އެ އޮފީހުގެ ތިން ތިޖޫރީއެއް ފަޅާލައި 380،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންދިޔަ އެވެ. ވަގުން ވަދެފައި ވަނީ މާފަންނުގައި ހުންނަ މިފްކޯގެ މައި އޮފީހަށް ކަން ނޫންކަން ސާފު ކޮށްދީފައެއް ނުވެއެވެ.

ވައްކަމުގެ މި މައްސަލަ ފުލުހާ ހަމައަށް ދިޔައީ މިދިއަ ހޯމަ ދުވަހުގެ ރޭ 11:10 ގަ އެވެ. މިފްކޯގެ އެ ވައްކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ. އެކަމަކު ފުލުހުން ދަނީ އެ މައްސަލަ ބަލައި ތަހުގީގް ކުރަމުނެވެ.

ފަހަަކަށް އައިސް ވައްކަންތައް މާލޭގައި ވަނީ އިތުރުވެފަ އެވެ. ރޭ ފަތިހު ވެސް މާލޭގެ ބާޒާރު މަތީގެ ގިނަ ފިހާރަތަކެއް ފަޅާލާއި ވައްކަންކޮށް ގެއްލުން ދީފައި ވެއެވެ.