އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގު ކުރިއަށްދާއިރު މި އަހަރު ނިމުމުގެ ކުރިން އެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
މަރު ކޮމިޝަނުން 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނޫސްވެރިންނާ ބައްދަލު ކުރުމަށް ފަހު ރިލްވާންގެ މައްސަލައިގެ ތަހުގީގް ދެ އަހަރު ތެރޭ ނިމޭނެކަމަށް ބުނި ނަމަވެސް ވެރިކަމުގެ ދެ އަހަރު ނިމިގެން ދިޔައިރު މައްސަލައިގެ މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މިރޭ އޮތް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕޭން ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ރިލްވާންގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް އެ ވާހަކަފުޅު ދެއްކެވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީއަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ރިލްވާންގެ ހާދިސާއަށް އިންސާފު ލިބުން ލަސްވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. މިރޭގެ ބައްދަލުވުން ހާއްސަކޮށްފައި ވަނީވެސް މާލެ ސިޓީއަށެވެ.
ރައީސް މިރޭ ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް ދޭތެރެ ދޭތެރެއިން ރިލްވާންގެ އާއިލާއަށް ހިއްސާ ކުރާ ކަމަށެވެ. އަދި ބޭރުގެ އެކްސްޕާޓެއް ރާއްޖެ ގެނެސް ތަހުގީގު އިތުރަށް ފުޅާކޮށްފައިވާ ކަމަށާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ބޭރަށް ބައެއް ތަކެތި ފޮނުވައިގެން ތަހުލީލު ކުރަމުން ގެންދާ ކަމަށެވެ.
ކޮމިޝަނަށް ގެނައި އެކްސްޕާޓާއެކު މަސައްކަތް ކުރަން ފެށި ފަހުން އެ ކޮމިޝަނުން ވަނީ މުޅި ތަހުގީގު ފުރިހަމަކޮށް މަރާ ގުޅޭ ތަފްސީލް ރިޕޯޓް މިއަހަރުގެ ނިޔަލަށް އެކުލަވައިލަން ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފަޔާއެކު މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރިލްވާންގެ މަރުގެ މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމަށާ އެ މައްސަލައިގެ ފުން މިނަށް ވާސިލްވުމަށް ހުރަސްތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށް ވެސް މިރޭ ރައީސް ވިދާޅުވި އެވެ.
ރިލްވާންގެ މައްސަލައާއެކު އެހެނިހެން މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރު ކޮމިޝަންގެ ހަބަރެއް ނުވެ ދުވަސްގަނޑެއް ވަންދެން އޮތުމަށް ފަހު މިިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ރިލްވާންގެ ތަހުގީގްއާ ގުޅޭ އަޕްޑޭޓެއް ދީފައެވެ. އެ ކޮމިޝަނުން އެ ދުވަހު ބުނީ ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ބިރުދައްކަން ގެންގުޅުނު ވަޅި ކަމަށާއި އެ ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.