ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އަހަރެއް: 92 މީހަކު ހާލުބޮޑުވި

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން އަހަރު ދުވަސް ހޭދަކުރިއިރު މިހާތަނަށް 92 މީހެއްގެ ހާލު ބޮޑުވެ ފަރުވާ ދޭން ޖެހުނު ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭއާ ހަމައަށް ފޯރާފައިވާކަން އޭގެ އެއް ދުވަސް ކުރިން ޔަގީން ކުރެވުނެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުން ދިވެހި ސަރުކާރަށް އެންގުމުންނެވެ. މާޗް މަހުގެ ހަވަނަ ދުވަސް އެކަން ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރިސޯޓެއް ލޮކްޑައުން ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ކްލިނިކަލް މެޖޭންމަންޓް އެޑްވައިޒަރީ ޓީމުގެ މެންބަރު ޑރ. މޫސާ ހުސައިން ވިދާޅުވީ މިދިޔަ އެއް އަހަރު 2،500 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނު ކަމަަށެވެ. ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގެ 11 ވަނަ ފަންގިފިލާގައި ތައްޔާރުކޮށްފައިވާ ސެންޓަރުގައި 92 މީހަކަށް ފަރުވާ ދީފައިވާ ކަމަށްވެސް މޫސާ ހުސައިން ވިދާޅުވިއެވެ.

އަދި 21 މީހަކު ވެންޓިލޭޓަރަށްލައި ފަރުވާ ދޭން ޖެހުނު އިރު 16 މީހަކު ވަނީ މަރުވެފައެވެ. ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން ގަދަ ކުރެވިފައިވަނީ ފަސް މީހެކެވެ.

މިވަގުތުވެސް ކޮވިޑްގެ ޕޭސަންޓަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތާގެ 16 ވަނަ ފަންގިފިލާގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ މާބަނޑު މީހުންނަށް ހާއްސަ ސެންޓަރެކެވެ.

ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ސިއްހީ ޓީމު ވަރަށް ބޮޑު ނަމަވެސް މިހާރު އެވަރުގެ ޓީމެއް ނެތް ކަމަށެވެ. ފުރަތަމަ ދުވަސްކޮޅު ރާއްޖެއިން ބޭރުގައި ކިޔަވަމުން ދިޔަ ވަރަށް ގިނަ ދިވެހިން ރާއްޖެ އައިސް ކޮވިޑް އޮޕަރޭޝަންގައި ބައިވެރިވި ކަމަށާ މިހާރު އެ ބޭފުޅުން ފުރާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޭސްތައް މަދުނުވެ އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމަަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދެއް ނުވޭ. އެހެންވީމަ ސިއްހީ ހިދުމަތްތެރިންނާއި މިކަމުގައި އުޅޭ އެހެން ބޭފުޅުން ވަނީ މިހާރު ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި،" މޫސަ ވިދާޅުވިއެވެ.

މިވަގުތުވެސް އެޑްމިޓްކޮށްގެން 166 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 55 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި ދިޔަ މަހު ކޮވިޑް ބަލީގައި 10 މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ. މި މަހުވެސް އެކަކު މަރުވެއްޖެ އެވެ.

ޑރ. މޫސާ ހުސައިން ވަނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ބައެއް މީހުން ކުއްލިއަކަށް ހާލު ގޯސްވަމުންދާކަން ފާހަގަ ކުރެވޭތީ ހުރިހާ އެންމެންވެސް ކޮވިޑް ވެކްސިން ޖެހުން އިލްތިމާސް ކޮށްފައެވެ.