ރައްޔިތުންގެ މަޖިލިސް

ބޭއަދަބީ ބަހުން ވާހަކަ ދެއްކެވުމުން ނަޝީދަށް ލިޔުމުން ނަސޭހަތް ދީފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބޭ އަދަބީ ބަހުން ވާހަކަ ދައްކަވައިފައިވާ ކަަމަށް ބުނެ އޭނާ އަށް ލިޔުމުން ނަސޭހަތް ދީފި އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނޮޅިވަރަަމް މެމްބަރު ބޭ އަދަބީ ބަސްތައް ބޭނުންކުރެއްވީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ކަމަށެވެ. އެފަދަ ބަސްތައް އެމަނިކުފާނަށާއި މަޖިލީހުގެ މެމްބަރުންނަށްނަށް އަމާޒުކޮށް ދެއްކެވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

" ބޭއަދަބީ ބަހުން މުޚާތަބްކުރައްވާފައިވާ މައްސަލައިގައި މަޖިލީހުގެ ގަވައިދުގެ ދަށުން މަޖިލީހުގެ އިމްތިޔާޒާ ސުލޫކު ކޮމެޓީން އަޅުގަނޑަށް ލަފާ ދެއްވާފައިވަނީ އިއްޒަތްތެރި މެމްބަރަށް ލިޔުމުން ނަސޭހަތް ދިނުމަށް. ވީމާ މަޖިލީހުގެ ގަވައިދާއި ޝަރަފާއި ވައްކަމާއި ދައުވަތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ދެމެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ނޮޅިވަރަށް މެމްބަރަށް ނަސޭހަތް ތެރިވަން" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ނޮޅިވަރަމް މެމްބަރާ ދެމެދު މިއަދުވެސް ބަހުގެ ހޫނު ހަމަލާތަކެއް ކުރިއަށް ދިޔަ އެވެ. އެގޮތުން ނޮޅިވަރަމް މެމްބަރުން ގުރުއާންގެ އާޔަތްތައް މަޖިލީހުގައި ވިދާޅުވަމުން ދަނިކޮށް ހިތްޕުޅާ ހަމަނުވެވަޑައިގެން ރައީސް ނަޝީދު ވަނީ އެކަން ހުއްޓުވައިފަ އެވެ. އެކަން ނޮޅިވަރަމް މެމްބަރު ސިފަކުރެއްވީ މުނާފިގުންގެ އަމަލެއްގެ ގޮތުގަ އެވެ.