ޕީސީބީ

ހުރިހާ ކޮރަޕްޝަނެއްގެ ވާހަކަ ފެށެނީ ޕިސީބީއާ ހަމައިން: ބޮންޑެ

Mar 8, 2021
1

މުޅި ދައުލަތަށް އަމާޒުވާ ކޮރަޕްޝަނުގެ ހުރިހާ ތުހުމަތަކާއި އެފަދަ ވާހަކަތައް އުފަންވެގެން އަންނަ ހިސާބަކީ ޕްރަވެޓައިޒް އެންޑް ކޯޕަރަޓައިޒޭވަން ބޯޑް (ޕީސީބީ) ގެ ޒިންމާ ފެށޭ ހިސާބުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ޕީސީބީ އަށާއި އެ ބޯޑްގެ ޝެއާ ހޯލްޑަރު އަދި އަދި ޕީސީބީގެ ސެކްރެޓޭރިއެޓް ބަލަހައްޓައި ދޭ ފިނޭންސް މިިނިސްޓްރީއަށް ފާޑު ކިޔުން އަމާޒު ކުރައްވައިފި އެވެ

ބޮނޑޭގެ އެ ވާހަކަތައް އައީ މަޖިލީހުގެ އެސްއޯއީ ކޮމެޓީީގަ އެވެ. އިއްޔެ އެ ކޮމެޓީ ބޭއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި މިވަގުތު ރައީސަކު ނެތް ޕިސީބީ ހާޒިރު ކޮށްގެނެވެ.

އެ ކޮމެޓީގައި ބޮނޑޭ ވިދާޅުވީ ޕީސީބީއަށް ހަވާލު ކޮށްފައިވާ ގާނޫނީ ޒިންމާ އެއްގޮތަކަށް ވެސް އަދާ ނުކުރާ ކަމަށާއި ބޯޑުން އެންމެ ފަހުން އިސްތިއުފާ ދެއްވި ރައީސްގެ ކުރިޔަށް ހުންނެވި އެ ބޯޑުގެ ރައީސް މަގާމުން ވަކި ކުރީ ގަވައިދުތައް އެކުލަވާ ނުލައި ހުރެ އެތައް އަހަރެއް ވެފައިވާތީ ކަމަށައި އެ ގޮތް ބަދަލު ކޮށް ދިނުމުން އަދި ވެސް އެ ގަވައިދުތައް ހަދާފައި ނުވާ ކަމަށެވެ.

"ބުނަނީ ޑްރާފްޓެއް ހަދާފައި އޮބައޮތޭ... އެކަމަކު ޕީސީބީއަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ބެލެނިވެރި މައި ސިސްޓަމް، ކުންފުނިތަކުގެ މަގާމްތަކަށް ހަވާލު ކުރާ ފަރާތްތަކުގެ ފަތިފުށެއް ޗެކެއް ނުކުރެވޭ. މޮނިޓަރިން އިވެލުއޭޝަނެއް ނުހިނގާ، މަގާމްތައް ދަނީ ތުހުމަތުތައް އޮތް މީހުނަށް،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ޕިސީބީގެ ކަންކަން އެހެން އޮތުމުން މުޅި ދިވެހި ދައުލަތަށް ނިސްބަތްވާ ހިޔާނާތާއި އެފަދަ އެހެން ތުހުމަތުތަކާއި ހުރިހާ ފަސާދައެއްގެ ވާހަކަ ފެތުރިގެން ދަނީ ޕީސީބީއާ ހަމައިން ކަމަށެވެ. އެ ގޮތް މެދުވެރިވެފައި ވަމީ ޕީސީބީއަށް ޒިންމާ އަދާ ނުކުރެވިގެން ކަމަށެވެ.

"ދެ އަހަރު ވެގެން ދިޔައިރު ވެސް ޕީސީބީގެ ޒިންމާ އަދާ ނުކޮށް ގަވައިދުތައް ވެސް އެކުލަވާ ނުލެވޭ އެއީ ކީއްވެގެން،؟" އޭނާ އެއްސެވި އެވެ. "ކީއްވެގެން ކޮރަޕްޝަނަށް ފުރުސަތު ދެނީ ޕީސީބީއަކީ އަމިއްލަ ޒާތުގައި ގާނޫނީ ޒިންމާ އަދާ ކުރަން ޖެހޭ ތަނެއް... ފިނޭންސްގައި އޮންނާނީ ސެކްރެޓޭރިއެޓް ބެލެހެއްޓުން. ފިނޭންސް މީގައި އިންވޯލެއް ނުވޭ އެހެންވީމާ ކީއްވެގެންތޯ މިހާ ބޮޑު އިހްމާލް އޮންނަނީ؟"