ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

157،000 މީހުން ވެކްސިން ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 157،813 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 6،170 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 2،186 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 3،984 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 91،279 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 66،534 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިހާރު 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.