ހަބަރު

ހަނދާނެއް: ފިރިހެނުންނަށް ފަނޑިޔާރުންނަށްވެވޭ ޝަރުތު އުނިކުރަން އިސްނެގީ މުުއިއްޒު

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުގެ ގާނޫނުއަސާސީގެ ޑްރާފްޓުގައި ފަނޑިޔާރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ހިމަނާފައި ވެއެވެ. އަދި އެހާތަނަށް ދިވެހިރާއްޖޭގައި އެއްވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައެއް ނުވެއެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރި މަޖިލީހުން ވަނީ ގާނޫނުއަސާސީގެ ޑްރާފްޓުގައި ފަނޑިޔާރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ހިމަނާފައިވާތީ އެ ޝަރުތު އުނި ކުރުމަށް ހުށައަޅާފަ އެވެ. ތާރީހީ އެ ހުށައެޅުން އައީ އޭރުގެ ހއ. އަތޮޅުގެ މެންބަރު އަހުމަދު މުއިއްޒުގެ ފަރާތްޕުޅުންނެވެ.

މުއިއްޒުގެ އެ އިސްލާހަށް ސަރުކާރުން ވެސް ތާއީދު ކުރައްވާކަން ހާމަ ކުރެއްވި އެވެ. އެގޮތުން ރައީސް އޮފީހުގެ އެގްޒެކްޓިވް ސެކްރެޓަރީ މުހައްމަދު ހުސައިން ސޮއި ކުރައްވާ މުއިއްޒުއަށް ވަނީ ހާއްސަ ނޯޓެއް ފޮނުއްވާފަ އެވެ. އެ ނޯޓްގައިވެއެވެ:

"ހައިކޯޓްގެ ފަނޑިޔާރުން އަދި ދަށު ކޯޓްގެ ފަނޑިޔާރުން އިސް ކުރެއްވުމުގައި ވަކި ޖިންސަކަށް ރެސްޓިކްޝަނެއް ނޯންނަ ގޮތަށާއި އުމުރު ހަގު ކޮށްލެއްވުމަށް ގާނޫނަށް ހުށައަޅުއްވާފައިވާ ދެ ހުށައެޅުއްވުން ވަރަށް ރަނގަޅު ކަމުގައި ފެންނާތީ އެ ވާހަކަ ދަންނަވައިލީމެވެ."

މިއީ މެއި 5، 1997 ގައި މުހައްމަދު ހުސައިން ސޮއިކުރައްވާ މުއިއްޒުއަށް ފޮނުއްވި ނޯޓްގައިވާ އިބާރާތެވެ.

މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ އަހަރު ނޫ ގާނޫނު އަސާސީ ފާސް ވެގެން އައީ ފަނޑިޔާރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ހިމަނާފައިވާ ހިމެނުއްވުން ބާތިލު ކުރުމަށެވެ. އުމުރުން 31 އަހަރުގެ މުއިއްޒު ހުށައެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކޮށް ގާނޫނު އަސާސީގައި ހިމެނި އަދި އެ ގާނޫނު އަސާސީ 1998 ގައި ތަސްދީގު ކުރެވުނެވެ.

ނަމަވެސް 2007 ވަނަ އަހަރާ ހަމައަށް އެ އިސްލާހާ އެއްގޮތަށް އަންހެނަކު ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެއް ނުވެއެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނެވުނުތާ ނުވަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އަންހެނަކު އިސްކުރެވުނެވެ. އެއީ ރާއްޖެ އިސްލާހީ މަގަށް އެނބުރި އިސްލާހީ ވަރަށް ގިނަ ބަދަލުތަކެއް އައި ދުވަސްވަރެކެވެ. ވަޒީރުންގެ މަޖިލީހުގެ ދުވަސްވީ މޫނުތައް މުޅީންހެން ބަދަލުވެ މަތީ ފާސްތަކާއެކު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތަށް ނިކުންނެވި ޒުވާން އެތަށް ބޭފުޅަކަށް ވަޒީރުންގެ މަޖިލީހުން ފުރުސަތު ލިބިވަޑައިގެންނެވި ދުވަސްވަރެވެ.

ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރެއްވީ ޖަސްޓިސް މިނިސްޓަރު ކަމުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ހުންނަވަނިކޮށެވެ. 2007 ވަނަ އަހަރު ސިވިލް ކޯޓަށް އައްޔަން ކުރީ ދެ ފަނޑިޔާރުންނެވެ. އެއީ އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުޒައިފާ އެވެ.

އޭގެ ފަހުން ސެޕްޓެންބަރު 16، 2019 ގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީިމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކޮށްފައެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.

ބައިނަލްއަގްވާމީ އަންހެންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މީގެ 24 އަހަރުގެ ކުރީގެ ހަނދާން ކުރިން ޕްރޮސެކިއުޓަރު ޖެނެރަލްކަންވެސް ކުރެއްވި މުއިއްޒު ވަނީ އައުކުރައްވާފައެވެ.