ވިޔަފާރި

ކަނބާލިފަރުގެ ހެޑްލީސް ބަދަލުކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި

Jan 13, 2015

ރިސޯޓް ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރު ހެޑްލީސް އެއްވެސް ފަރާތަކަށް ބަދަލު ނުކޮށް މަޑުކުރުމަށް ސިވިލް ކޯޓުން ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފި އެވެ.

ކޯޓުން މިދިޔަ ހޮނިހިރު ދުވަހު އެގޮތަށް އަމުރު ނެރުނީ ސަރުކާރުން އެރަށް ދޫކޮށްފައިވާ މއ. އަނާވިލާ އަލީ ޝަރީފްގެ ފަރާތުން އެރަށުގެ ހެޑްލީސް އެހެން ފަރާތަކަށް ދިނުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަނބާލިފަރު މިހާރު ހިންގާ ކަނބާލިފަރު ޑިވެލޮޕްމަންޓުން ކޯޓަށް ހުށަހެޅުމުންނެވެ.

ކަނބާލިފަރު ޑިވެލޮޕްމެންޓުން ކުރާ ދައުވާގައިވާ ގޮތުން އަލީ ޝަރީފަށް ށ. ކަނބާލިފަރު ކުއްޔަށް ދޫކުރަނ 2006 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އަލީ ޝަރީފަށް ލިބޭ ހުރިހާ ހައްގެއް އެ ކުންފުންޏަށް އޮތީ ކުރިން ވިއްކާލައިފަ އެވެ. ނަމަވެސް މިހާރު އެ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އަލީ ޝަރީފް ކުރަމުންދާ ކަމަށް އެ ދައުވާގައިވެ އެވެ.

ކޯޓުގެ އަމުރުގައިވަނީ އެ މައްސަލަ ނިމުމުގެ ކުރިން ކަނބާލިފަރުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ދައުވާކުރާ ކަނބާލިފަރު ޑިވެލޮޕްމަންޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ. އެހެންވެ އެ މައްސަލަ ނިމުމުގެ ކުރިން އެރަށުގެ ހެޑްލީސް އެއްވެސް ފަރާތަކަށް ބަދަލު ކުރުން ފަސްކުރަން ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.